ސިޔާސީ ކަންކަމުގައި ދަރިވަރުން ބައިވެރިކުރާތީ ޕީޕީއެމަށް ފިޔަަވަޅު އަޅަން ގޮވާލައިފި

ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ސިޔާސީ ހަރަކާތްތަކުގައި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިކުރުވަމުން ދާތީ ޕީޕީއެމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމްޑީޕީން މިއަދު ގޮޮވާލައިފި އެވެ.


މިދިޔަ ހުކުރު ދުވަހު ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ހއ. އިހަވަންދު އަށް ވަޑައިގެން، ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ސްކޫލްގެ ދަރިވަރުން ބައިވެރިކުރުވުމުން އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ސިޔާސީ ކަންކަމުގައި ދަރިވަރުން ބައިވެރިކުރުވުމަކީ އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި މިފަދަ ގާނޫނާ ގަވާއިދާ ހިލާފު ކަންކަން ކުރަން ހިތްވަރު ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ އެ ހަފުލާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިނުގެންނެވިއަސް ދައުލަތުގެ މީޑިއާ އިން އެ ހަފުލާ ވަގުތުން ދައްކާފައިވާ ކަމަށެވެ. ދައުލަތުގެ މީޑިއާ އިން ސިޔާސީ އެހެން ޕާޓީތަކަށް އެ ފުރުސަތު ނުދޭ އިރު، އެކަން އެގޮތަށް ކުރުމަކީ ތަފާތު ކުރުމުގެ އަމަލެއް ކަމަށާއި އެއީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން މިއީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

"ސްކޫލުތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންނާއި ކުޑަކުދިން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވެސް މަނާކަމެއް ކަމުގައިވާތީ ވެރިކަން ކުރާ ޕީޕީއެމްގެ އަބްދުﷲ ޔާމީން ފެކްޝަނަށް އެކަން އަންގައި ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ގޮވާލަމެވެ. އަދި ދައުލަތުގެ މުުދާ ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާއިރު އެކަން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެދެމެވެ. އަދި މިހާރުން މިހާރަށް މިފަދަ ނާތަހުޒީބީ ކަންކަން ކުރުން ހުއްޓާލުމަށް ޕީޕީއެމްގެ އަބްދުﷲ ޔާމީން ފެކްޝަނަށް ގޮވާލަމެވެ،" އެމްޑީޕީ ބަޔާނުގައި ބުންޏެވެ.

ސިޔާސީ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކޮށްގެން މީގެ ކުރިން ވެސް ބައެއް ފިޔަވަޅުތައް އަޅާފައި ވެ އެވެ.