އިތުބާރު ނެތްކަމުގެ ވޯޓަކީ ހަމައެކަނި މަސީހާ ދެކޮޅު ވޯޓެއް ނޫން: ރައީސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓަކީ ހަމައެކަނި މަސީހާ ދެކޮޅަށް ނަގާ ވޯޓެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.


ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބަ ގްރޫޕްގައި ރައީސް ޔާމީން މިހެން ވިދާޅުވީ މަސީހާ ދެކޮޅަށް ނަގާ ވޯޓު މި މަހުގެ 27 ވަނަ ދުވަހަށް އެޖެންޑާ ކޮށްފައި ވާތީ އޭގެ ތިން ދުވަސް ކުރިން ފެށިގެން ޕީޕީއެމްގެ ހުރިހާ މެމްބަރުން މާލޭގައި ތިއްބެވުމަށް އެދިވަޑައިގެން ކުރެއްވި މެސެޖެއްގަ އެވެ.

"ސްޕީކާގެ ވޯޓު ނެގުމުގެ ތިން ދުވަސް ކުރިން މާލޭގައި ނުހުންނެވޭ ގޮތަށް ދަތުރުފުޅު ނުކުރެއްވުން އެދެން،" ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މެމްބަރުންގެ އަރިހުން އެދިވަޑައިގަތީ، މިއީ ހަމައެކަނި މަސީހްގެ މައްޗަށް ނަގާ ވޯޓެއް ކަމަށް ގަބޫލު ނުކުރެއްވުމަށެވެ. މީގެ އިތުރުން، ހަސަދަވެރިންގެ ހަސަދައިގެ ދަލުގައި އެއްވެސް މެމްބަރަކު ޖެހިވަޑައިނުގަތުމަށް ވެސް ރައީސް ޔާމީން އެދިވަޑައިގަތެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިސް ނެންގެވުމަަކަށް، 26 މެމްބަރުންގެ ސޮޔާއެކު، މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ވެއްދީ މިދިޔަ ހަފުތާގެ ބުދަދުވަހު އެވެ. އަދި އެކަމަށްޓަކައި ބާއްވާ ޖަލްސާގެ ނޯޓިސް މަސީހަށާއި މެމްބަރުންނަށް ވަނީ މިދިޔަ އާދިއްތަދުވަހު ފޮނުވައިފަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހުންނެވި ފާރިސް މިއަދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ފާރިސް ވިދާޅުވި ގޮތުގައި އޭސީސީން ތަހުގީގު ކުރަނީ އޭނާއާ ގުޅޭ މައްސަލައެއް ނޫނެވެ. އެކަމަކު އެ މައްސަލައިގެ ތަފުސީލެއް ފާރިސް ނުދެއްވަ އެވެ.