ހެލްތު މިނިސްޓްރީ. ހިންގާ އިމާރާތް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
24 މާޗް 2025 - 12:30
ރާއްޖޭގައި މިދިޔަ އަހަރު 150 އެއްހާ މީހުންނަށް ޓީބީ ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފި އެވެ.
ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ޑަބްލިއުއެޗްއޯއާ ހަވާލާދީ އެ އެޖެންސީން ބުނީ 2023 ވަނަ އަހަރު 10.8 މިލިއަން މީހުންނަށް ޓީބީ ބަލި ޖެހިފައިވާ ކަމަށެވެ. އެއީ ހަ މިލިއަން ފިރިހެނުންނާއި 3.6 މިލިއަން އަންހެން އަދި 1.3 މިލިއަން ކުޑަކުދިންނެވެ.
ހަމަ އެ އަހަރު ޓީބީގައި ދުނިޔެއިން 1.2 މިލިއަން މީހުން މަރުވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެޗްޕީއޭއިން ބުނީ ރާއްޖޭގައި މިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ޓީބީ ދުވަހަށް މި އަހަރު ކަނޑައަޅާފައިވަނީ "އާދެ، ޓީބީ ނައްތާލެވިދާނެ: އެކަމަށް މަސައްކަތްކުރޭ، ހޭދަކުރޭ، ޑެލިވާ ކުރޭ" އެވެ.
އެ ބަލި ޖެހެނީ މައިކޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. ފުއްޕާމެއަށް އާއްމުކޮށް ޖެހޭ ޓީބީއަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. އެކަމަކު، ޓީބީ ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހި، ކުޅުން ޖަރާސީމު ފެންނަ ބަލި މީހުންގެ ފަރާތުންނެވެ.
ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ޓީބީގެ ޖަރާސީމު ކުޅުން ފެންނަ މީހުން ކެއްސައި ކިނބިހި އަޅައި ނުވަތަ ކުޅު ޖެހުމުން ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމުތައް އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލްވެ އެވެ.
ޓީބީއަށް މަދުވެގެން ހަ މަސް ދުވަސް ވަންދެން ފަރުވާ ދެ އެވެ. ފަރުވާގެ މުއްދަތުގައި ފުރިހަމައަށް ފަރުވާކޮށްފި ނަމަ އެއީ ފަސޭހަކުރެވޭ ބައްޔެކެވެ. އަދި ފަރުވާ ފުރިހަމަނުކޮށްފި ނަމަ ބަލީގެ ނުރައްކާ ބޮޑުވެ، ބޭހަށް ނުގުޑާ ޓީބީ ޖެހުމުގެ ފުރުސަތު ވެސް އޮވެ އެވެ. ރާއްޖޭގައި ވެސް 1994 ވަނަ އަހަރުން ފެށިގެން ފަރުވާ ދެނީ "ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް" އުސޫލުންނެވެ.
ދުނިޔެއިން ޓީބީ ނައްތާލުމަށް ޑަބްލިއުއެޗްއޯއިން ވަނީ އެ ބަލި މަދުކުރަން "އެންޑް ޓީބީ" ގެ ނަމުގައި 2014 ވަނަ އަހަރުގެ އެސެމްބްލީގައި "އެންޑް ޓީބީ" ގެ ނަމުގައި ސްޓްރެޓެޖީއެއް ކަނޑައަޅައިފަ އެވެ. އެ ސްޓްރެޓަޖީގެ ދަށުން ރާއްޖެއިން ވެސް ވަނީ 2030 ވަނަ އަހަރާ ހަމައަށް ޓީބީ ބަލި އާއްމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް މަދުކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށައިފަ އެވެ. އޭގެ ތެރެއިން 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
- ކުއްލިއަކަށް ބަރުދަން ލުއިވުން
- ވަރުދެރަވުން
- ހީކެރުވުން އަދި އާދަޔާ ހިލާފަށް ދާހިއްލުން
- ހުންއަރުން
- މޭގައި ރިއްސުން އަދި ކެއްސާފައި އަންނަ ދަވާގައި ލޭ ހުރުން
- ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވަންދެން ކެއްސުން
- ދިގު މުއްދަތަކަށް ބޭސްކުރާ މީހުން އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން [ހަކުރު ބަލި/ކެންސަރު ބަލި/ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން/އެއިޑް ޖެހިފައިވާ މީހުން]
- ބީސީޖީ ވެކްސިން ފުރިހަމަ ނުވާ ފަސް އަހަރުން ދަށުގެ ކުދިން
- ދުންފަތުގެ އިސްތިއުމާލުކުރާ މީހުން
- އުމުރުން ދުވަސްވީ މީހުން
- އަލާމާތްތައް ހުރިނަމަ ވީހާ ވެސް އަވަހަށް ޓެސްޓުކޮށް ފަރުވާ ހޯދުން
- ކެއްސައި ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ރަނގަޅަށް ނިވާކުރުން
- ބަލި ޖެހިފައިވާ މީހަކު ދިރިއުޅޭނަމަ ގޭގައި ރަނގަޅަށް ވައި ދައުރުވާހެން ބެހެއްޓުން
- ތަންތަނަށް ނުޅު ނުޖެހުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
26 March 2025
ސޯސަންމަގު، ރޯސަނީ ފޮޓަލުގަ ހުރި ޓީބީ ފުލިނިޕު އާއި ލެޕުރަސީ ފުލިނިޕު އަދިވެސް ހުރޭތަ؟
ކޮރަލް
24 March 2025
މެޑިކަލް ނުހަދާ ވ ގިނަ ބިދޭސީން އެތެރެ ކޮށްފި އެވެ.
ކިމް
24 March 2025
ވަރަށް ކެއްސި މިދިޔައަހަރު ރޯގާ ޖެހިގެން. ޢަނެއްކާ އެބާ
އަބްޑޫޅް +
26 March 2025
ރޯދަމަސް ކައިރިވީމަ ޗެކުކޮށްލަން އެކޮޅަށް ދާ މީހުން އަދިވެސް އުޅޭތަ؟ ބައްޔެއް ހުރިނަމަ، ފަހުރޯދަ ދުވަހު އެ ބައްޔެއް ފަސޭހަވެގެން، ވަޅުއީދަށް މާލެ އާދެވުނު އިރެއްވެސް ދިޔަ. އެދުވަސްވަރު، ރޯދަމަހު މެންދުރެއްހާއިރު، ފާރޮށިގެ ތަކުން މަސްބަނަސް ވިކެނީ ވަކި ސުމާރު ވަރަކަށް ނޫނޭ. މިހާރުވެސް އެ ވިޔާފާރި ރަނގަޅުތަ؟
އަފްރާސިޔާބު
24 March 2025
ކުރިއަށް ގައުމާއިގެން. މުޅި އާބާދީ އަކީ ބަލިމީހުން ކަމަށްވީމާ ނިމުނީ. 150 އަކީ ކުޑަރަށެއްގެ އާބާދީ. މިދާ ރޭޓުން ދަންޏާ 15 އަހަރު ފަހުން ޓީބީ ޕޭޝަންޓުން މުޅިގައުމުގައި ގިނަވާނީ.
ސަމޫހަތު
24 March 2025
“އެޗްޕީއޭއިން ބުނީ ރާއްޖޭގައި މިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.” ރިޕޯޓްކޮށްފައިވާ އަދަދުން ބިދޭސީންނާއި ދިވެހިންގެ އަދަދު ވަކިން ޑިސްއެގްރިގޭޓްކޮށް ބުނެލަދިން ނަމައަޅެ.. އަންހެން ފިރިހެން ވަކިން..
ޓޫއްތޯންބެ
24 March 2025
މެޑިކަލް ޗެކަޕެއް ނެތި ހޮޓާ ރެސްޓޯރަންޓުތަކަށް ބިދޭސީ ލޭބަރުން އެތެރެ ކުރުމުގެ ހުއްދަ ދިންފަހުން ނުރައްކާތެރި ބަލިތައްވަނީ އިތުރުވެފައި ، ކުޅުދުއްފުޅިން ފައިލޭރިޔާ އަދި ރާއްޖޭގެ އެކި ހިސާބުން ޓީބީ ވަނީ ފެނިފައި . ޓީބީ ޖެހުނު 150 މީހުން ނިސްބަތްވާ ރަށް ރަށާއި ދިރިއުޅޭތަނާއި ބެހޭ މައުލޫމާތު ސިއްރުވެ ބަލިން ރައްކާތެރިވާނެ ގޮތެއް ނޭގި ސިއްހީ އިދާރާތަކާއި ކައުންސިލްތަކުގެ ސަމާލު ކަމެއްވެސް ނެތް.