ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އިދިކޮޅު މެމްބަރުން މަސައްކަތް ފައްޓަވައިފި އެވެ.

އެނގިފައިވާ ގޮތުގައި މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް އިސްކޮށް މަސައްކަތް ކުރައްވަނީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ. އެކަމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަދި ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ މެމްބަރުންނާ ވާހަކަ ދައްކަވާފައިވާ ކަމަށް ވެ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން މޫސަ ވަކި ކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ މި މަހުގެ 27 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ.

މަޖިލިހުގެ ރައީސް ކަމުން މަސީހް ވަކިކުރުމަށްޓަކައި 26 މެމްބަރުންގެ ސޮޔާއެކު މިދިޔަ ބުދަދުވަހު މަޖިލީހަށް ހުށަހެޅި ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް އޭނާ އެވެ. މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރުމުގެ ވިސްނުން އަައީ މައުމޫންގެ ފެކްޝަނުން ކަމަށްވެ އެވެ.

މަޖިލީހުގެ ރައީސްކަމުން މަސީހު ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެފައިވާ ކަމަށް "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން ފާރިސް ވަނީ ވިދާޅުވެފަ އެވެ. އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓު ލިބިއްޖެ ނަމަ ފާސްވާނެ އެވެ. މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.