އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ތައުލީމީ ދާއިރާއާ ގުޅޭ މަޝްރޫއުތައް ނުފަށާ 18 ކުންފުންޏެއްގެ އެއްބަސްވުން ވަނީ ބާތިލުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
07 އެޕްރީލް 2025 - 11:37
އެކި ތާރީހުތައް ދީގެން ވެސް ސްކޫލްތަކުގެ މަސައްކަތް ނުފެށުމުން 18 ކުންފުންޏެއްގެ އެއްބަސްވުން ބާތިލުކޮށް އެހެން ކުންފުނިތަކާ އެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރު ފެށުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައިއިރު ތައުލީމީ ދާއިރާއާ ގުޅޭ އެކި މަޝްރޫއުތަކަށް 280 މިލިއަނެއްހާ ރުފިޔާ ނުދީ އޮތުމުން ބައެއް މަޝްރޫއުތައް ހުއްޓިފައި އޮތް ކަމަށެވެ.
އެކަމަކު މިދިޔަ އަހަރު އެ ބެކްލޮގް ގާތްގަނޑަކަށް ހުސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވިގޮތުގައި، މަޝްރޫއުތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދައްކައި، އެ މަޝްރޫއުތައް ފެށުމަށް އެކި ތާރީހުތައް ބައެއް ކުންފުނިތަކަށް ދިނުމުން ވެސް އެ މަސައްކަތް ފަށާފައެއް ނުވެ އެވެ. އެހެންވެ، 18 ކުންފުންޏެއްގެ އަތުން ޕްރޮޖެކްޓް އަތުލައި އެހެން ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެކި ޑެޑްލައިންތައް ދީގެން ވެސް ޕްރޮޖެކްޓްތައް ނުފެށި އޮތް 18 ކުންފުންޏެއް ވާނީ ޓާމިނޭޓްކޮށް، އެހެން ކުންފުނިތަކާ ހަވާލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާ 20 ކުންފުނި މި ހަފުތާގެ ތެރޭގައި ވެސް އައިޑެންޓިފައި ހުރުމަށް ފަހު، އެ އެއްބަސްވުންތައް ވެސް ބާތިލުކުރާނެ ކަމަށެވެ.
"މިހާރު މި ހަފްތާ ތެރޭގައި [މިއަދު] ވެސް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ 20 ޕްރޮޖެކްޓެއް އައިޑެންޓިފައި ކޮށްފައި އެ 20 ކުންފުނި ވެސް އިތުރު ކުންފުނިތަކާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާދަމާ ހަވާލުކުރާނަން،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވާ ކުންފުނިތަކުން އެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެއްބަސްވުންތައް ބާތިލުކުރާނެ ކަމަށް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވި އެވެ.
އޭރު ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއުތައް ހަވާލުކުރިޔަސް އެކަމަށް ބޭނުންވާ ބަޖެޓު މިިދިޔަ އަހަރު ހިމަނާފައި ނުވާތީ މަޝްރޫއުތައް ކުރިއަށް ނުގެންދެވެ އެވެެ. އަދި އެ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ކަމަށާއި އެކަން ކޮށްފައި ހުރީ އެއްގޮތަކަށް މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚުރިސީ
07 April 2025
މިސަރުކާރުން ގަސްތުގައި ކުދި އަދި މެދުފަންތީގެ ކޮސްޓްރަކްޝަން ކުފުނިތައް އިދަ ޖައްސާލަނީ' ކުރަމުންދާ މަސައްކަތަ ފައިސާ ނުދި 7 މަސް ދުވަސް ކޮއްފަ މަސައްކައް ނުކުރޭކިޔާފަ އެގްރިމެންޓް ބާތިލްކުރަނީ ... ވަރަތް ނާތަހްޒިބް އަމަލެ! ޢެގްރިމެންޓާރ އެެއްގޮތައް ފައިސާ ދޭނަމަ ކުންފުނިތަކުން މަސައްކައް ކުރާނެ.
ގޮނުއަނގަ
07 April 2025
ކުންފުންޏަކަށް ދޭންވެފައިހުރި ފައިސާ ދީނިންމާފައި ވާނަމަ އަދި އިތުރު މުއްދަތު ދިނުމަށްފަހު މަސައްކަތް ކުރިޔަށް ގެންދާން ނުފަށައިހުރި ޕްރޮޖެކްޓްތައް އެގްރިމެންޓް ބާތިލުކޮށް މަސައްކަތް ކުރެވޭވަރުގެ ކުންފުނިތަކާ ހަވާލުކުރަކީ ކުރިއެރުމެއް. ރަނގަޅު ގޮތަކީ ޝަރީޢަތް މެދުވެރިކޮށް އެގްރިމެންޓް ބާތިލުކުރުން.
އަދަރާދަ
07 April 2025
ތިޔާ ތިބީ ވެރިކަން ކުރެވިފަ! ސަރުކާރުތަކުން ތިފަދަ މޮޅު ވާހަކަ ދައްކާފަ ޒިންމާއިން ރެކިނުގަނެވޭނެ! ސަބަބަކީ ފުރަތަމަ ނާގާބިލު ކުންފުނި ތަކަށް ޕްރޮޖެކްޓް އެވޯޑު ކުރުން! ކުރީ ސަރުކާރަކުން ކުރި ކަމެއްވިއްޔާ ގޯހުން ކޮށްފަ ނުވަތަ ކޮރަޕްޝަންގެ ތެރެއިން އެވޯޑް ކޮށްފަ ހުރި ޕަރޮޖެކްޓް ހުރިއްޔާ އެކަން ކުރި ބަޔަކާ ދެކޮޅަށް ސައުވާ ކުރާނީ! މިކަންކަން ނުކޮށް މަސައްކަތާ ހަވާލުވި ކުންފުނިތަށް ބޮލަށް ކަނޑާލާފަ ޒިންމާއިން ނުރެކެވޭނެ!
ކިއްލި
07 April 2025
އިލްމެއް މާމޮޅު ލިބިފާ ހުއްޓަސް... ކަމެއްކުރާން ނޭނގިދާނެ. އިލްމާއި ހިލްމަކީ ތަފާތު ދޭއްޗެއް. ތިމާޔަށް ލިބިފާވާ އިލްމު އޭގެ އެންމެ ރަނގަޅުގޮތުގާ ބޭނުންކުރާން ނޭނގުމަކީ ވަކިކަމެއް. ތިމާ އެއެއްޗަކާ ހަވާލުވެ ހުންނަންވާނީ ތިމާޔަށް އެއެއްޗެއް ބެލެހެއްޓޭނޭކަމުގެ ޔަގީންކަމުގާ. ނުވާވަރުން ކަންކުރާން އުޅުމީ ރަނގަޅުކަމެއްނޫން. ކިތަންމެ ރަނގަޅަށް މަހެއްފިހެފާދިނަސް އެކާއިރު ކައްޓެއްޖެހިދާނޭކަމަށްވެސް ބަލަންވާނެ.
ލަތީފާ
07 April 2025
ވަރަށް މޮޅު ވާހަކައެއް ހިތުން ތިޔަ ދެއްކުނީ! ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދޭތާ 7 އަހަރު! ހިންގާ ޕްރޮޖެކްޓް ތަކުގެ ފެންވަރު ބެލާނެ ގާބިލްކަން މިނިސްޓްރީގަ ނެތް! އަރަބިއްޔާ އިމާރާތް އެއީ މީގެ އަލިގަދަ ހެއްކެއް. ވުޒާރާތަށް ސިޔާސީ މަގާމްތަކުން ފެށިގެން ޓެކްނިކަލް އަދި ހިދުމަތް ދޭ މީހުންގެ ނިޒާމް ރަނގަޅު ނުކޮށް ސަރުކާރަށް ރައްޔިތުންގެ ރުހުން ނުލިބޭނެ! އެކްޓިވިސްޓުން ބަލަދު އަރާ މީހުންނަށް ވަޒީފާ ދިނުން ހުއްޓާލަބަލަ
އަފްރާސިޔާބު
07 April 2025
އެހެންވީމައޭ ކުރީ ސަރުކާރު ތަކުން އެއްވެސް ކަމެއް ނުކޮށް ރާއްޖެއަށް ލިބުނު ހުރީހާ ފައިސާއެއް ޖީބަށް އަޅައިގެން ދިޔައީމަޔޭ މިސަރުކާރުން އަލުން ފަށަން މިޖެހުނީ. އެހެން ކަމުން މީހުން ތަމްރީނު ކުރަންވެސް ނަގާނެ މަދުވެގެން 5 އަހަރު. ކޮން އެކްޓިވިސްޓަކަށްހޭ ފައިސާ ދެނީ. ނެތް ފައިސާއެއް ނުދެވޭނެ. ވާރުތަވީ 121 ބިލިއަން ރުފިޔާގެ ދަރަންޏެއް. ރައްޔިތުން ފައިސާ އެބަދޭންޖެހޭ މިދަރަނި ފިލުވަން.
ފޭދޫ ކުރުސީ
07 April 2025
ށ. ފޭދޫ ސްކޫލު އާ އިމާރާތް ނުނިމި މިހާ ދިގުލައިގެންދާއިރު ކީއްވެގެންތޯ ސަރުކާރަށް ފިޔަވަޅު ނޭޅިގެން މި އުޅެނީ. ރައީސް އޮފީހާއިވެސް ވަނީ މި މައުލޫމާތުތައް ހިއްސާކުރެވިފައި. ސްކޫލުގައި 2024 ވަނަ އަހަރުން ފެށިގެން ޤުރުއާން ޓީޗަރެއް ނެތް. ޕުރިންސިޕަލެއް ނެތް. ހިންގުމުގެ ހުރިހާ ކަމެއް ކުރަން ތިބީ އިދާރީ މުވައްޒަފުންނާއި ލިޑިންގ ޓީޗަރުން. ބެލެނިވެރިޔަކަށް ޖަވާބުދާރީވާންވެސް ތިބީ އިދާރީ ގޮތުން ތިބި މުވައްޒަފުން. މީތޯ ށ. ފޭދޫ ސްކޫލަށް ހައްގު މިންވަރަކީ؟
އަފްރާސިޔާބު
07 April 2025
2024 ވަނަ އަހަރު ގުރުއާން ޓީޗަރެއް ނުލެވުނީ ކުރީ ސަރުކާރުން ގުރުއާން ޓީޗަރުން ތަމްރީނު ނުކޮށް ހުރީމާ. ކުރީ ސަރުކާރުތަކުން ގުރުއާން ކިޔަވައިދޭކަށް އެއްވެސް މަސައްކަތެއް ނުކުރޭ. ރައީސް އޮފީހަށް މައުލޫމާތު ހިއްސާކުރިއަސް ތަޢުލީމް މިފަށަން ޖެހުނީ އަލުން ބަލުން. އެހެންނުވާނެ ކުރީ ސަރުކާރުތަކުން މީހުން ތަމްރީނު ކުރިނަމަ.
ފޭދޫ ކުރުސީ
07 April 2025
ށ. ފޭދޫ ސްކޫލު އައު އިމާރާތުގެ މަސައްކަތް ފުރަތަމަ ހަވާލު ކުރި ކުންފުނިން އަތުލާ ދެވަނަ ކުންފުންޏާއި ހަވާލުކޮށްގެން އުޅޭތާ ކިތައް އަހަރުތޯވީ؟ ފުރަތަމަ އެޅި ފައުންޑޭޝަން ނަގާ އުކާލީ ތަނބު ތަކާއިއެކު. ދެވަނަ ކުންފުނި ފެށި މަސައްކަތްތައް އެހުރި ދަނގަނޑުތައް ދަބަރަށް ވެފައި. މަސައްކަތް ހުރީ ހުއްޓިފައި. ތަނބުތަކުގައި ހުރި މަސައްކަތް ރަނގަޅު ކުރަން އެޑިއުކޭޝަން އިން ބެލުމަށްފަހު އެންގިނަމަވެސް، އަދިވެސް ހުރީ އެގޮތަށް. ކޮން ރަނގަޅެއްތޯ ވީ؟
ފޭދޫ ފެނަކަ
07 April 2025
ދެން ހަވާލުކުރާނީ ތިހުރިހާ ޕރޮޖެކްޓެއް ފެނަކަ އާއި އެމްޓީސީސީއަށް
ހހހހހހހހހހ
07 April 2025
ކުރީ ސަރުކާރުގެ ޕުރޮޖެކްޓުތައް 2024 މަޖިލިސް އިންތިހާބާ ޖެހެންދެން ކުރިޔަށް ދިޔަ ..ދެން ހުއްޓުނީ