މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
އިއްޔެ އިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުން ދާއިރު ބައެއް ރަށްރަށުގެ ގެތަކަށް ފެން ވަދެ، ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ގއ. ކަނޑުހުޅުދޫ އަދި ލ. އިސްދޫ ހިމެނެ އެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ނަޖާހު މުހައްމަދު ވިދާޅުވީ ރޭ ދަންވަރުން ފެށިގެން ހެނދުނު ވަންދެން ބޯކޮށް ވާރޭވެހުނު ކަމަށާއި ރަށުގައި ދެ ފޫޓަށް ވުރެ ބޮޑަށް ފެން ބޮޑުވި ކަމަށެވެ. ނަމަވެސް ސިފައިންނާއި ރަށުގެ ރައްޔިތުން ގުޅިގެން ފެންގަނޑު ހިންދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެން ވަދެވެގެން ރަށުގެ 17 ގެއަކަށް އެކި ގެއްލުންތައް ލިބިފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
ވާރޭ ވެހޭ އިރަށް ފެން ބޮޑުވުމަކީ އާއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފެންވަދެ، ފަރުނީޗަރު އެއްޗިއްސަށް ގެއްލުން ލިބިފައި ހުރީ. މިހާރު ޕަންޕު ބޭނުންކޮށްގެން ފެން ހިންދާލައިފި،" އާބާދީގައި 932 މީހުން އުޅޭ ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ނަޖާހު ވިދާޅުވި އެވެ.
އާބާދީގައި 1385 މީހުން ދިރިއުޅޭ އިސްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ލުތުފީ ވިދާޅުވީ ރެއިން ފެށިގެން އެ ރަށަށް ވިއްސާރަ ކުރަމުންދާ ކަމަށާއި ދެ ފޫޓަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި އެ ފަންގަނޑު ހިންދައި ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ 10 ގެއަކަށް ފެންވަދެ، ހިފާ ގެންގުޅޭ އެއްޗިއްސާއި ފަރުނީޗަރަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓު ލިބޭ،" ލުތުފީ ވިދާޅުވި އެވެ.
މޫސުން ލަފާކޮށް މޯލްޑިވްސް މީޓިއިރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.