މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި މާލޭގައި ކުރި މުޒާހަރާއެއްގައި މީހަކު ލިޔުމެއް ހިފައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
09 މެއި 2025 - 16:50
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދާ ސުވާލު ކުރުމުގެ ފުރުސަތެއް އަދި ނުލިބޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނައިރު، މި މަހު ހަތަރު ވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފަ އެވެ. ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ރޭ މީޑިއާގައި ބުނެފައިވަނީ ޔުމްނު އަމިއްލައަށް ވެއްޓުނީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދުމުން އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުންނާއި ފުލުހުން ވެސް އާއިލާއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ އެ ކަމާ ވެސް ޔުމްނުގެ ދައްތަ ރޭ ފާޑުކިޔެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް އަދި ނުވާ ކަމަށް ބުންޏެވެ.
"އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެ އެވެ،" ފުލުހުންގެ މެސެޖުގައިވެ އެވެ. ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މެލޭޝިއާގައި މި ވަގުތު ވެސް ދެ ފުލުހަކު ޔުމްނުއާ އެކު ގޮސް އެބަ ތިއްބެވެ. އޭގެ ތެރެއިން އެކަކީ ޑޮކްޓަރެކެވެ.
ޔުމްނުއާ ހަވާލާދީ ދައްތަ ރޭ ބުނެފައި ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމުގެ ޔަގީންކަން ޔުމްނު ދޭ ކަމަށެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުގެ ދައްތަ ބުންޏެވެ.
ޔުމްނުގެ ދައްތަ ބުނީ ފެންޓެނޯއީގެ އަކީ ޔުމްނު ގޮސް އުޅޭ ގެއެއް ނޫން ކަމަށް ފުލުހުން ބުނާ ބުނުމަކީ ދޮގެއް ކަމަށާއި އެ ގެއަށް ދާ ކަމަށް ޔުމްނު ބުނި ކަމަށެވެ.
ފެންޓެނޯއީގެ އަށް ދިޔައީ އެ ރޭ ޔުމްނުއާ އެކު އުޅުނު ގުރޫޕުގައި ހިމެނޭ މީހުންގެ ތެރެއިން ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރުގެ ދައުވަތަކަށް ކަމަށާއި އެ ގްރޫޕްގައި އަދި އިތުރު ހަތަރު މީހަކު ވެސް ހިމެނޭ ކަމަށް ބުންޏެވެ.
އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރި އެވެ.
ޔުމްނު އާއި އޭނާއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލްގެ ފެންޓެނޯއީގެ އަށް ދަނީ މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ދިއުމަށް ފަހު އެ ގޭގައި ވަގުތުތަކެއް ހޭދަކުރުމަށް ފަހުގަ އެވެ. ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ. އެ ރޭ އެއްކޮށް އުޅުނު ކަމަށް ބުނާ މީހުންނަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި - އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
ފެންޓެނޯއީގެއާ އިންވެހެން ހުންނަ ހ. މިޓާޒްގޭގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަބިޔާދޫ
09 May 2025
މިއަށް ހާދަ މިއަންހެންމީހާގެ ފެމިލީ މީހުންގެ ކޮމެންޓްތައް ގިނައޭ. މީނަ ބަޔަކު ވެއްޓިކަން އެގޭ އޭގެ ކުރީބައި ނޭގޭ ވަރަށް ޖޯކު
ޗޫޤީ
09 May 2025
ޔުމްނު ފުރާޅެއްގެމަތީގައިއޮއްވާ ފެނުނުހާދިސާ ފުލުހުންގެ އަތްދަށުން ދިޔައީ ފުރިހަމަކުރަންޖެހޭ މިންވަރަށް ތަހުގީގު ފުރިހަމަނުކޮށް މާއަވަހަށް ދޮރުލައްޕާ ބަންދުކޮށްގެން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމުންނެވެ. ދެން އަނެއްކަމަކީ މިފަދަ ހައްސާސް ނޫސްވެރިންގެ ބައްދަލުވުމެއް އެހެންދުވަހަކަށް ތާވަލުކޮށް ވަގުތުން ދައުލަތުގެ ޓީވީން އާންމުންނަށް ފެންނާނެހެން ދެއްކުމެވެ. އެފަހުން ފުލުހުން ދިން މައުލޫމާތާއި ނޫސްވެރިން އާންމުކުރި މައުލޫމާތު ފުށުއަރައިގެން.
އެއްކަލަ މީހާ ދޯ
09 May 2025
އެންމެ ބޭފުޅުން ވިސްނަވާލައްވަން ރަނގަޅު> އަޅުގަނޑުމެންގެ ދަރިއަކު މިސްކިތުންފައިބައިގެން ގެޔަށް ދާ މަގުމަތިން ބަޔަކު ހިފަހަށްޓާ ގަދަކަމުން ޑްރަގްކޮށް ރޭޕްކޮށް އެއްލާލާފައި އޮތްވާފެނުނަސް ކަމުގެ އަޑިޔަށް ފީނާ ހަގީގަތް ބަލައި އިންސާފުވެރި ތަހުގީގެއް ކޮށް ހެދުމުގެ ގާބިލުކަން ނެތްކަމަށް ގަބޫލުކުރެވޭ މިންވަރަށް ފުލުހުންގެ އިދާރާ ހިނގައްޖެ. ޔޫރިން ދިނުމަށް ދެކޮޅުހެދުން، ސީސީ ޓީވީ ފުޓޭޖް ނުދިނުން! އެކަމަށް އެޅޭނެ ފިޔަވަޅެއް ނެތުން! ވިސްނަވާ ނިކަން!!
ޝުގަރކޯޓަޑް
09 May 2025
އެބަހީވޭ ޔުމްނުގެ ހަނދާނުން ފެންޓެނޯއީގެ ބައި ހަނދާން ނެތިގެން އުޅޭހެން. އޭނާ ގެ ވާހަކަތަކަށް ބަލާއިރު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން ދިޔަގެއެއްގެ ވާހަކަ ކިޔައިދޭކަމަށް ފެނޭ. ހުރިހާވެސް އޮޅުމެއް މިއުޅެނީ ފުލުހުން މާއަވަހަށް މައްސަލައިގައި ގޮތެއް ނިންމައި, ބައެއްކަންކަން ސިއްރުކޮށްފަ ކްލޯޒްޑް ޑޯރ މީޑިއާ ބްރީފިންގ އެއް ބޭއްވީމަ.
އިލްމާ
09 May 2025
މައުމޫނާ ވެރިކަމުގަ އީވާން ނަސީމަށް އިންސާފް ހޯދަން އޭނާގެ މަންމަ ނެރެގެން އިންސާފް ހޯދަން އުޅުނު. ޔާމީން ވެރިކަމުގަ ރިލުވާން އަށް އިންސާފް ހޯދަން އޭނާގެ މަންމަ ނެރެގެން އުޅުނު. ވެރިކަން ލިބި މަޖްލިސް ހިތަކަށް ލިބި އިންސާފް ލިބުނުތޯ. މިހާރު އެ އާއިލާ ގުއިރޯނުގަ ޖައްސާފަ އެހެރީ.
ސަމަންނާ
09 May 2025
އެކަމު މާ ކުރިން ވީ ގޮތާއި ތަނުގާ އިތުރު ބަޔަކު ނެތް ކަމުގެ ވީޑިއޯ އެޑިޓް ކޮށްގެން ކަލޭމެން ކިޔާ ދީފީ މެންނު.
އަދަބީ ތަހްޤީޤް
09 May 2025
ފިވެހި ޅެން ބޭނުންކޮށްގެން ތަޙްޤީޤްކުރީމަ ކަންހިނގިގޮތް ސާފުވާނެ
ހަސަން މަނިކުބެ
09 May 2025
އޭނާގެ އެހެން ތައްތައެއް މުޒާހަރާގައި ބުނި، ވެއްޓުނު އަންހެން ކުއްޖާއަކީ ދުވަހަކުވެސް ގެއިން ބޭރަށް ގޮސް އެހެން އުޅޭ ކުއްޖެއްނޫނޭ ވެސް. އެކަމަކު އެކުއްޖާ އެބުނަނީ އެގެއަށް ވެސް ގޮސް އުޅޭކަމަށް. ޢާއިލާގެ ކޮން ދައްތައެއްގެ ވާހަކަބާ ޢާއްމުން ޤަބޫލު ކުރަންވީ؟
ޢަބްދުލްވާޙިދުބެ
09 May 2025
އަހަންނަށް ވިސްނޭ ގޮތުގައި ދައުލަތުގެ އެކި އިދާރާތަކުން ތަޙްޤީޤު ކުރަމުން އަންނަ، އަދި ޤައުމުގެ މަޞްލަޙަތު ވެސް އޮތް މައްސަލައެއްގައި ޢާއިލާގެ ފަރާތުން ބަޔާންނެރި ކަންކަން ކުރުމަކީ އެންމެ ރަނގަޅު ގޮތެއްނޫން.
1818
09 May 2025
މިހާރު ކޮންމެހެން އެކުއްޖާއާއި ސުވާލުކުރާނެކަމެއް ނެތް! ކިތަށް ދޮގު ހެދިއްޖެ!