ޔުމްނު ވެއްޓުނު ކަމަށް ބުނާ ފެންލައިޓް: މެލޭޝިއާ ފުލުހުން މެދުވެރިކޮށް އޭނާގެ ބަޔާން ނެގުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން - ފޮޓޯ: މިހާރު
22 މެއި 2025 - 15:24
މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް އޭނާގެ އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ބުނެ، މެލޭޝިއާ ފުލުހުން މެދުވެރިކޮށް އެކަން ކުރުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ތަހުގީގަށް ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް އާއިލާގެ އެއްބާރުލުން ލިބުމާ އެ،ކު ހަމަޖައްސަން ފުލުހުން މަސައްކަތްކުރި ކަމަށެވެ. އެގޮތުން، ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހަކު އެ ގައުމުގައި އެބަތިބި ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި ފުލުހުންގެ މެޑިކަލް ޑޮކްޓަރަކު ވެސް ހިމެނެ އެވެ.
ފުލުހުން ބުނި ގޮތުގައި ޔުމްނުއާ މުއާމަލާތް ކުރަން މިއަދާ ހަމައަށް ތަކުރާރުކޮށް ވާނީ މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ އެއްބާރުލުން ޔުމްނުގެ އާއިލާގެ ފަރާތުން ނުލިބޭ ކަމަށް ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވެސް އެއްވެސް މައުލޫމާތެއް އޭނާގެ އާއިލާ އިން މިހާތަނަށް ފުލުހުންނާ ހިއްސާ ކޮށްފައެއް ނުވެ އެވެ.
"މެލޭޝިއާގައި ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރު ވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވޭ،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ތަހުގީގު ޓީމުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރީ އާއިލާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އެކަމަކު، އާއިލާގެ އެއްބާރުލުން ނުލިބުމުން މެލޭޝިއާގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ގައުމުގެ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުންޏެވެ.
ފުލުހުންނާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރި ނަމަވެސް ޔުމްނުގެ އާއިލާ އިން ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވެސް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެ، ޔުމްނުއާ ހަވާލާދީ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފައިވެ އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި، އޭނާގެ ދައްތަ ބުނީ، ޔުމްނު އާއި އޭނާއާ އެކު ހަރަކާތްތެރިވި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.
ޔުމްނުގެ ދައްތަ ބުނީ އެ ރޭ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމުގެ ޔަގީންކަން ޔުމްނު ދޭ ކަމަށެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުގެ ދައްތަ ބުންޏެވެ.
އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީއަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރެ އެވެ.
ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު އަށް ފަރުވާ ދެމުން ފުރަތަމަ އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ފުލުހުން ބުނާ ރައުދު ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ފަހު މިއަދު ވަނީ ދޫކޮށްލައިފަ އެވެ. އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ، ހާއްސަ ކޮމިޝަނެއް ރައީސް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެޑީ
23 May 2025
ފުލުހުން ގޯސްވިޔަސް ނުވިޔަސް މިހާރު ތިޔައާއިލާއިން ތިޔައުޅެނީ ރައްޔިތުން ކުރިމަތީ ބޭޒާރުވާވައްތަރަށް.
އިންވެސްޓިގޭޓަރ
23 May 2025
އެހުންނަ ހަރުގަނޑު އެއީ ހާދިސާ ހިނގިއިރުވެސް އެތާ ހުރި ހަރުގަނޑެއްބާ؟ އެހެންކަމަށް ވާނަމަ ވައްޓާލީކަމަށް ތުހުމަތު ކުރުމަށްވުރެ މަށަށް ވައްތަރީ ކޮންމެވެސް ސަބަބަކާހުރެ "ސްނޭކް" ހިނގުމުގެ ހާލަތުގައި ހުރެ އެއަށް އަރައިގެން އުޅެނިކޮށް ވީ ގޮތެއް ވީ ކަމަަށް. ވައްޓާލީކަމަށްް ޔުމްނުއާ ހަވާލާދީ އާއިލާއިން ބުނާއިރު ކީއްވެބާ އެކެެއްގެވެސް ނަން ޔުމްނު ނުބުނަނީ؟ އަބަދު ދާ ތަނަކަށް ލޮކޭޝަން ދޭންޖެހުނީ ކީއްވެ؟ ޔުމްނަށް ވީގޮތެއް އާއިލާއިން އެރޭ ނުބެލީ ކީއްވެ؟
ކޮރަލް
23 May 2025
ބަޔާން ދިނީ ދޫ ކޮށްލީ އެވެ.
ޒަގުރަބު
23 May 2025
ކުރިކަމެއް ކޮށްފައި ފުންމާލި ނުވަތަ ވެއްޓުނު މައްސަލާގައި ފުލުހުންގެ އިސްބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން އިސްތިއުފާ ދެއްވައިފި. އަނެއްބައި ބޭފުޅުންގެ މަޤާމު ގެއްލިއްޖެ. ރައްޔިތުންގެ މަޖުލީހަށް ވަޒީރުން ހާޒިރު ކޮށްފި. އެތައް މުޒާހަރާއެއް ކޮށްފި. މިހުރިހާ ކަމެއް ވުމުން ވެސް ތަހްޤީޤަށް އެއްބާރުލުން ނުދިނުމަކީ ޢާއިލާއިން ކުރާ ވަރަށް ދަށުދަރަޖައިގެ ކަމެއް. ހޮސްޕިޓަލު ބަދަލް ކުރަމުން ޅިޔަނު އެމްޑީޕީ އެކުޓިވިސްޓް މި ދުވަނީ
އަލިހޮއްކޮބޭ
23 May 2025
ފުލުހުންނަށް އެއާއިލާއިން އެއްބާރުލުން ނުދެންޏާ ތިޔަ ފައިލް ލައްޕާލާފަ އެމީހުންގެ މައްޗަށް މަސްތުވުމާއި ބަދުއަޚުލާގީ ޢަމަލުގެ ދަޢުވާ އުފުލާ. ޔުންނުގެ މައްސަލާގައި ފުލުހުން ފޭލްވުމުގެ ފުރުސަތު ފުލުހުން ނުދިނުމަށް ގޮވާލަން. އިތުބާރު ދަމަހައްޓާ. ރާއްޖެ ޓީވީ އާއި ޗެނަލް 13 އަށް މަޢުލޫމާތު ދިނުމުން ޔުންނުގެ އާއިލާއިން ކުޅޭ ކުޅިގަނޑުން ދޭހަވަނީ، ރޭވުމެއްގެ ތެރެއިން ސިއްރު ކުޅިގަނޑެއް ކުޅުމާ. ކިތަންމެ ވަރަކަށް ތެޅުނަސް އެމަންޖެ ހުދުފޮތިކޮޅަކަށް ނުވާނެ
ޢަހުސަން ފަލީ
22 May 2025
ޢާދޭ ބުމްރުންގްރާޑް ހޮސްޕިޓަލަށް
ށޮބޭ
22 May 2025
ހައިރާން ވާންނުޖެހެއެވެ. މިމީހުން އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ހެދިފައިވާ ޤާނޫނުގެ ތރަހައިގެތެރެއަށް ނުގެނެވެން ޖެހޭ ސަބަބެއް ނެތެވެ. ޒުވާނަކަސް މުސްކުޅިއަކަސް ޤާނޫން ހަމަހަމައެވެ.
2020
22 May 2025
އެކުއްޖާގެ ބޮލުގައި ތަހުޤީގު ކުރުމެއްނެތި "ދޮގު ތުހުމަތު" އަޅުވައި އިތުރަށް ބަދުނާމު ކުރުމުގެ ބޭނުމެއް ނެތް! އަދި 3000 ދިވެހި ފުލުހުން އެތަނަށް ފޮނުވިޔަސް ތިކަމެއް ނުކުރެވޭނެ!
ހަމާރާ
22 May 2025
އަންހެންމީހަކަސް ފިރިހެންމީހަކަސް ގޯސް އަމަލުތަކެއް ހިންގިކަމަށް ވީޑިއޯއިން ފެންނަކަމަށްވަންޏާ އާއިލާއިން އެއްބާރުލުން ނުދެއޭކިޔާފަ ތަހުގީގު ނުކުރެވެންޏާ ހުރިހާ އާއިލާއަކަށްވެސް އެ ފުރުސަތު އޮތުން ހަމަހަމަގޮތަކީ.
އާކްމިލް
22 May 2025
ތިކަމެއް ނުވާނެ. ޓެސްޓު ތަކުން ޕޮޒިޓިވް ވީމާ ޖަލު ހުކުމެއް އަންނަންޖެހޭނީ. ނޫނީ ކީއްކުރާ ޓެސްޓެއްތަ؟