ރައުދު: އޭނާ ދޫކޮށްލީ ހުކުމަށްވުރެ ބަންދުގެ މުއްދަތަށްވުރެ ދިގުވެދާނެތީ ކަމަށް ޕީޖީ ބުނި
27 މެއި 2025 - 13:27
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލަން އެދުނީ އޭނާގެ މައްޗަށް އަންނާނެ ހުކުމްގެ މުއްދަތަށް ވުރެ ބަންދުގައި ހުރި މުއްދަތު އިތުރުވެދާނެތީ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ރައުދު، 21، ރޭ ދަންވަރު ބަންދުން ދޫކޮށްލާފައިވަނީ ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ރައުދު ބަންދުން ދޫކޮށްލުމަށް "ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިރުޝާދު ދީފައިވާތީ" އެވެ.
އެ އިރުޝާދު ފުލުހުންނަށް ދިން ސަބަބު ސާފުކޮށްދީ، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ ރައުދު ބަންދުން ދޫކުރަން އެދުނީ ބަންދުގައި ހުރި މުއްދަތު، ރައުދުގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ ހުކުމްގެ މުއްދަތަށްވުރެ ދިގުވެދާނެތީ ކަމަށެވެ. އެއީ، އާންމުކޮށް އަމަލުކުރާ އުސޫލު ކަމަށް ވެސް ވިދާޅުވި އެވެ.
ރައުދުގެ މައްޗަށް ބޮޑު އަދަބެއް އަންނާނެ ދައުވާއެއް ކުރެވެން ނެތް ކަމަށް މި ނިންމުމުން ބެލެވޭއިރު މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފް ވިޔަސް ފަރުވާގެ ފުރުސަތު ހޯދަން ފުރުސަތު ދީ އެ މައްސަލަ ފޮނުވާނީ ޑްރަގް ކޯޓަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވެފައި ވަނީ ރައުދަށް ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު، މައްސަލަ ބަލައިގަނެފައިވާ ކަމަށާއި ދައުވާ ކުރުމާ މެދު، ގާނޫނުގައި އޮންނަ 15 ދުވަސް ތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ރައުދު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރު ކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ދިނެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
ކްރިމިނަލް ކޯޓުން ރައުދު 20 ދުވަހަށް ބަންދުކުރަން މި މަހުގެ 15 ވަނަ ދުވަހު ނެރުނު އަމުރުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ތިންވަނަ ދުވަހަށެވެ. ނަމަވެސް، އެ އަމުރު ދެމިއޮއްވައި މި މަހުގެ 22 ވަނަ ދުވަހު ރައުދު ބަންދުން ދޫކޮށްލި އެވެ. އޭނާ ބަންދުން ދޫކޮށްލީ އެންމެ ފުރަތަމަ ހައްޔަރުކުރިއިރު، ފުލުހުން އިޖުރާއަތާ ހިލާފަށް އަމަލުކޮށްފައިވާތީ، އެކަން އިސްލާހު ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ލަފާދީފައިވާތީ އެވެ.
ރައުދު ބަންދުން ދޫކޮށްލިތާ ގަޑިއިރުތަކެއް ފަހުން ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން އަނެއްކާވެސް ރައުދު ހައްޔަރުކުރި އެވެ. އަދި، ބަންދުގެ މަޖިލީހަށް ރައުދު ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ބަންދަށް އިތުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ މިއަދަށެވެ.
ރައުދު އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެއީ، ރައުދު ބަންދުކޮށްދޭން ދައުލަތުން އެދިފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ގޯސް މާއްދާއަކާ ހަވާލާދީ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ޖަވާބުގައި ވެސް އެ އިޖުރާއީ ގޯސް ހެދިފައިވާ ކަމަށް އެއްބަސްވެފައިވެ އެވެ.
ނަމަވެސް، ރައުދު ބަންދުން ދޫކޮށްލުމާ އެކު، އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯދަމް
28 May 2025
އަންނި ގެނެސްދިން ބިރަކާނުލާމަޖާގެ އުނދަގޫ މިފެނަނީ ޒުވާނުން ބޮލައެރި
ޛސހބބެ
28 May 2025
ޕީޖީއަށް މީގަ ތުހުމަތު ކުރެވޭ. ތަކުރާރުކޮށް ކޯޓުއަމުރު ތަންފީޒު ކުރިޔަނުދީ މިސޮރު ދޫކުރަމުންދަނީ ޕީޖީ
އަންދަލޫސިޔާ
28 May 2025
ރައުދު ދޫކޮށްލީ ފޯނުކޯލުތަކުގެ ދިގުމިނަށްވުރެ ޙުކުމް ދިގުނުކުރަން!
ކޮރަލް
27 May 2025
މަސްތުވާތަކެތި ބޭނުން ކުރި ކަމަށް އެއްބަސް ވިއަސް ކުށަކަށް ނުވަނީ ތޯ އެވެ.؟ ހުރިހާ ކުށަކަށް އަދަބު ލިބޭ އިރު މަސްތުވާ ތަކެތި ބޭނުން ކުރުމުން މި ލިބެނީ ފަރުވާ އެވެ. އެއީ މިނިވަން ކަމެވެ.
ޤާނޫނު
27 May 2025
14 ރުފިޔާގެ ޗޮކްލެޓް ވަގަށް ނެގީމަ 15 ދުވަސް. ޒިނޭކޮށް، މަސްތުވެ، މީހުން ހުއްދަނެތި ގެދޮރަށް ވަދެ، މީގަކު މަރުވާން ދޫކޮށްލީމަ 1 މަސް. އަދި ހުކުމް ކަނޑައަޅައި ނިންމި އިރު ބަޔާންތައްވެސް ނަގާ ނުނިމެ. މިއޮތީ ނުފޫޒު ނުވަދެ.
އުއްތަމަ އުސްތާޛް
28 May 2025
ޒިނޭ ކުރިކަން ސާބިތެއް ނުކުރެވޭނެ. ތިޔަހެން ގަޒުފު ކުރަންޏާ 80 އެތިފަހަރު އަރާނެ
ކިހާ ފައްކާ
27 May 2025
އާންމުމީހާ އަށް ފެންނަ، ޕޮލިހަށާއި ޕީޖީ ގެ ނަޒަރުގައި (ރައުދު ވީމަ) އެއްމަހުގެ ޖަލުގެ ޙުކުމް އަންނަ މައްސަލަތައް 1. މަސްތުވާ އެއްޗިހި ބޭނުންކުރުން 2. ހުއްދަނެތި މީހުންގެ ގެދޮރަށް ވަނުން 3. ބަދުއަޚްލާޤީ ޢަމަލު ނުވަތަ ޒިނޭކުރުން 4. އަންހެނަކު ވެއްޓުނުކަން އެނގޭއިރު ޕޮލިހަށް ރިޕޯޓް ނުކުރުން (އޭނާގެ އިހުމާލުގެ ސަބަބުން ވެއްޓުނު މީހާ ގުނަވަންތައް ބިނދިފައިވާ ހާލު އެހީތެރިކަމެއް ނުލިބި 4 ވަރަކަށް ގަޑިއިރު ހޭދަވި)
ސަދޫމްތަ
27 May 2025
ރާއްޖޭގެ ކޯޓުތަކުގެ ތިބި ގާޒީންނަށް ބުނެލަން. ކަލޭމެން ޖަވާބުދާރީވާން ޖެހޭ ދުވަސް އޮތީ.
ޗޫޤީ
27 May 2025
ކުރުކޮށް ބުނޭ! ރައުދު ދޫކޮށްލީ ދަންބެރަށްވުރެ ތަގުޑި ދިގުކަމަށް ފާހަގަކުރެވޭތީ.
ހަހަހަހަހައޭ
27 May 2025
ހުކުމްވެސް ފައިނަލްވީދޯ އެހާ އަވަހަށް. މީހަކު މަރަން އުޅުމުގެ ކުއް ސާބިތުނުވޭ؟
ސިއްޕާ
27 May 2025
ބާކީ ހުކުމުގަ އޮތީ ތިން ދުވަސް.