ރައުދު
27 މެއި 2025 - 07:33
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ރައުދު އަހުމަދު ޒިލާލަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާތީ އޭނާ ރޭ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ރައުދު ބަންދުން ދޫކޮށްލުމަށް "ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިރުޝާދު ދީފައިވާތީ" ރޭ ރައުދު ވަނީ ބަންދުން ދޫކޮށްލާފައި ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވެފައި ވަނީ ރައުދަށް ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު، މައްސަލަ ބަލައިގަނެފައިވާ ކަމަށާއި 15 ދުވަސް ތެރޭ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ރައުދު ހައްޔަރު ކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓަމުން އައިސް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން އޭނާ ދޫކޮށްލި އެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުވަނީސް އެ ދުވަހު އަލުން ބަންދުކޮށް ޖެހިގެން އައި ހުކުރު ދުވަހު ކޯޓަށް ގެންދިއުމުން ބަންދަށް ފަސް ދުވަސް ދިނެވެ.
ރައުދުގެ ބަންދާ މެދު ފުލުހުން އަމަލު ކޮށްފައިވާ ގޮތާ މެދު އޭނާގެ ވަކީލުން ވެސް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކީލުން ވިދާޅުވީ، ރައުދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު ދެ އަމުރެއް މިހާރު ވެސް ހިނގަހިނގާ އެބައޮތް ކަމަށާއި މިއީ ކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ.
ކްރިމިނަލް ކޯޓުން ރައުދު 20 ދުވަހަށް ބަންދުކުރަން މި މަހުގެ 15 ވަނަ ދުވަހު ނެރުނު އަމުރުގެ މުއްދަތު ހަމަވާން އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހަށެވެ. ނަމަވެސް، އެ އަމުރު ދެމިއޮއްވައި މި މަހުގެ 22 ވަނަ ދުވަހު ރައުދު ބަންދުން ދޫކޮށްލި އެވެ. އޭނާ ބަންދުން ދޫކޮށްލީ އެންމެ ފުރަތަމަ ހައްޔަރުކުރިއިރު، ފުލުހުން އިޖުރާއަތާ ހިލާފަށް އަމަލުކޮށްފައިވާތީ، އެކަން އިސްލާހު ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ލަފާދީފައިވާތީ އެވެ.
ރައުދުގެ ވަކީލުން ވިދާޅުވާ ގޮތުގައި، 20 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު މިހާތަނަށް އެއްވެސް ކޯޓަކުން ބާތިލްކޮށްފައިނުވާތީ އެއީ ދެމިއޮތް އަމުރެކެވެ. އެހެންވެ ރައުދުގެ މައްޗަށް ހިނގަހިނގާ އޮތް ބަންދު ދެ އަމުރު އެބަ އޮތެވެ. އެއީ އެއް ތުހުމަތެއްގައި، އެއް ކަމަކާ ގުޅޭ ގޮތުން އޮތް ދެ އަމުރެވެ.
"މިއީ މީގެކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައި އޮތް ގޮތެއް ނޫން. ގާނޫނީ ހުސްކަމެއް މި ހާލަތުގައި މި އޮތީ،" ވަކީލް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސިއްޔާ
27 May 2025
ތިޔަ ހެދީ ހަމަ ރަނގަޅަށް. އެބުނާ ޔުމްނުއެއްގެ ދައްތަވެސް ހޭރި ގަންފައި މިބުނަނީ ކޮއްކޮ ބުންޏޯ އިންސާފު ލިބޭނެހޯ. ކޮން އިންސާފެއް ލިބޭނީ؟؟ އެއްވެސް އެއްބާރު ލުމެއްދެނީކީ ނޫން.
ކޮންމެސް މީހެއްްއް
27 May 2025
ރައުދު ހައްޔަރު ކުރަންޖެހޭ އެއްވެސް ސަބަބެއް އެބައޮތް. އަސްލު ހައްޔަރު ކުރަންޖެހޭ މީހުން އެތިބީ މެލޭޝިޔާގަ އެވެސް ދައުލަތުން ހަރަދުކޮށްގެން ގެންގޮއްސަ
ރައުދު ފެމެލީ
27 May 2025
ޔުމްނުގެ އާއިލާގެ ފަރާތުން ބުރީފިން ދިން ދައްތަ ދޮގު ހަދާފަވާތީ ހައްޔަރުކުރަން ޖެހޭ
މައުސޫމާ
27 May 2025
މިކުއްޖާގެ އެއްވެސް ކުށެއްނެތި މިހާދުވަހު ބަންދުކޮށްގެން ގެންގުޅެން ހެޔޮނުވާނެ. މީހެއްގެ ލޯބިލޯބި މަޢުޞޫމު ދަރިއެއްމީ. ހެޔޮނުވާނެދޯ އެހެން ހަދަން.
އަބުދުލް ޤާދިރު
27 May 2025
ތީ ކުޅެމުން އަންނަ ޑްރާމާއެއް. ތި މައްސަލަ ނުވެސް ބެލޭނެ. ނުވެސް ބަލާނެ. އިންސާފެއް ނުލިބޭނެ.
ޢަޢީލާ
27 May 2025
ރައުދުއަށް އިންސާފު ލިބުނު އިރުވެސް ޔުމްނު އަށް ނުލިބިގެން އުޅެނީ އާއިލާގެ ކަންތަށް ހުންނަގޮތުން ހެން މި ހީވާނީ. އާއިލާއިން ހިމާޔަތް ކުރަން ހަދައިގެން ރައުދު ސަލާމަތްވީ. ބޭނުންހާ ދުވަހަކު ބަޔާން ދެން މީހަކު ބަންދަކު ނުބެހެއްޓޭނެ ނު
ދައިލް
27 May 2025
ޑްރަގު ބޭނުން ކުރުމަކީ ވެސް އަދަބު ލިބޭ ކުށެއް ނޫން.... ޒުވާނުން ޑްރަގްސްގެ ވަބާއިގައި ޖައްސާ މުޅި ޒުވާން ޖީލު ހަލާކު ކޮށްލައިފި... ޑްރަގްސް ގެ ބޮޑުން ނަށް ފިޔަވަޅެއް ނާޅާ... ޑްރަގްް ބޭނުން ކުރާ މީހުންނަށް ފިޔަވަޅެއް ނާޅާ... ޒުވާނުންތައް ޑްރަގްް ބޭނުން ކޮށްގެން އުޅެވޭ ނުއުޅެވޭ ގޮތެއް ނޭގޭ... މައިން ބަފައިންނަށް ވެސް ކޮންޓްރޯލް ނުކުރެވޭ...
ހހހހހ
29 May 2025
ޑްރަގް ބޭނުން ކުރާތަން ފެނިގެން ނޫނީ ކަށަވަރު ނުވާނެ އަމިއްލަޔަށް ބޭނުން ކުރިކަމަށް. އެއީ ވެދާނެ ބަޔަކު ޑްރަގް ނާންގާ ނޫނީ ގަދަކަމުން ދިނީ ކަމަށް ނޫނީ އެހެން ބަޔަކު ބޭނުން ކުރިތަނެއްގަ ހުރުމުންވެސް ޑްރަގަށް ޕޮޒިޓިވް ވެދާނަ.
ޒަމާން ބަދަލުވެއްޖެ
27 May 2025
ރިހާކުރު ފުޅި ވަގަށް ނެގި މީހާ ހުރީ ޝަރީޢަތް ނިމެންދެން ބަންދުގަ. އޭނާއަށް ކުރީ 6 އަހަރުގެ ޙުކުމެެއް. މިނިސްޓަރުގެ ކޮއްކޮވީމާ ގެއަށް ދޫކޮށްލާފަ. އަބަދު އިޖުރާއަތާ ޚިލާފުކަންކަން އެކުރަނީ ގަސްތުގަ. ދޫކޮށްލަން.
ކަލޭ އަމާއ
27 May 2025
މިނިސްޓަރު ކޮއްކޮ ނަމަ ފުރަތަމަ ކަމަކަށް ގޮޅިއަށް ލާނެ ކަމެއް ވެސް ނެތް. ތިވެސް ކޮންމެސް ސިޔާސީ ބޭނުމަކު ކިޔައިގެން އުޅޭ އެއްޗެއް. މިނިސްޓަރު ކޮއްކޮ އާއި އާއިލާ އެ އުޅެނީ ފުރަމާނަ ދަތުރިގަ މެލޭޝިޔާގަ
ޖުމްހޫރު ޢިލްމްވެރިޔާ
27 May 2025
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ކަމުދާނެ.
ބަބްސް
27 May 2025
މިކަން ވީގޮތް ހޯދޭނެ އެއްގޮތެއްވެސް ނެތް. ދައުވާ ކުރިޔަސް ސާބިތުވާނެ ގޮތެއްވެސް ނެތް. ބަޔަކު ނިކުމެ ހަޅޭއްލެވީމަ މިގޮތަށް މިދަންމަނީ. ފުލުހުން ކުރަން ބޭނުންނޫން ކަމެއް މިގައުމުގައި ނުކުރެވޭނެ.