ރައުދު: އޭނާގެ މައްޗަށް ހިނގަހިނގާ އޮތް ބަންދު ދެ އަމުރު އޮތުމުގެ ކަންބޮޑުވުން ވަކީލުން ވަނީ ފާޅުކޮށްފައި
26 މެއި 2025 - 19:17
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ އަމުރެއް މިހާރު ވެސް ހިނގަހިނގާ އެބައޮތް ކަމަށާއި މިއީ ކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް ބުނެ، އޭނާގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ރައުދު، 21، ހައްޔަރުކޮށް، ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރު ކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ދިނެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
ކްރިމިނަލް ކޯޓުން ރައުދު 20 ދުވަހަށް ބަންދުކުރަން މި މަހުގެ 15 ވަނަ ދުވަހު ނެރުނު އަމުރުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ތިންވަނަ ދުވަހަށެވެ. ނަމަވެސް، އެ އަމުރު ދެމިއޮއްވައި މި މަހުގެ 22 ވަނަ ދުވަހު ރައުދު ބަންދުން ދޫކޮށްލި އެވެ. އޭނާ ބަންދުން ދޫކޮށްލީ އެންމެ ފުރަތަމަ ހައްޔަރުކުރިއިރު، ފުލުހުން އިޖުރާއަތާ ހިލާފަށް އަމަލުކޮށްފައިވާތީ، އެކަން އިސްލާހު ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ލަފާދީފައިވާތީ އެވެ.
ރައުދު ބަންދުން ދޫކޮށްލިތާ ގަޑިއިރުތަކެއް ފަހުން ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން އަނެއްކާވެސް ރައުދު ހައްޔަރުކުރި އެވެ. އަދި، ބަންދުގެ މަޖިލީހަށް ރައުދު ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ބަންދަށް އިތުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.
ރައުދުގެ ވަކީލުން ވިދާޅުވާ ގޮތުގައި، 20 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު މިހާތަނަށް އެއްވެސް ކޯޓަކުން ބާތިލްކޮށްފައިނުވާތީ އެއީ ދެމިއޮތް އަމުރެކެވެ. އެހެންވެ ރައުދުގެ މައްޗަށް ހިނގަހިނގާ އޮތް ބަންދު ދެ އަމުރު އެބަ އޮތެވެ. އެއީ އެއް ތުހުމަތެއްގައި، އެއް ކަމަކާ ގުޅޭ ގޮތުން އޮތް ދެ އަމުރެވެ.
"މިއީ މީގެކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައި އޮތް ގޮތެއް ނޫން. ގާނޫނީ ހުސްކަމެއް މި ހާލަތުގައި މި އޮތީ،" ވަކީލް ވިދާޅުވި އެވެ.
މި ކަންބޮޑުވުން ވަކީލުން ވަނީ ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ވެސް ފާހަގަކޮށްފަ އެވެ. އެކަމާ ގުޅިގެން އެ މަޖިލީހުގައި ފުލުހުން ބުނެފައިވާ ކަމަށް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ރައުދު ބަންދުން ދޫކޮށްލަން ނިންމީ އަމުރުގައި އިޖުރާއީ ގޯހެއް އޮތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އާންމުކޮށް ބަންދު އަމުރުތައް ކްރިމިނަލް ކޯޓުން އާންމުކުރި ނަމަވެސް، މި އަމުރު އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް، އަމުރުގެ ކޮޕީއެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ.
ފުލުހުންނަށް ރައްދުދީ، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވި ގާޒީ ވިދާޅުވެފައިވަނީ ކޯޓު އަމުރެއްގައި އިޖުރާއީ ގޯހެއް އޮތްކަމަށް ކަނޑައެޅުމުގެ ބާރު ފުލުހުންނަށް ލިބިގެންނުވާ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމުމުގެ ބާރު ލިބެނީ ހައި ކޯޓާއި ސުޕްރީމް ކޯޓަށް ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.
ބަންދު އަމުރެއް ދެމިއޮއްވައި، އާ އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށްފައިވަނީ އިޖުރާއީ ގޯސްތަކާ އެކު ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެ އެވެ. ނަމަވެސް، ގާޒީ ނިންމަވާފައިވަނީ އެއީ އެ މަޖިލީހުގައި ބަހުސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާޒީ ވަނީ ރައުދު ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައި، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ގަބޫލުކުރެވޭތީ ފަސް ދުވަހުގެ އަމުރެއް ނެރެދެއްވައިފަ އެވެ.
ރައުދު އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެއީ، ރައުދު ބަންދުކޮށްދޭން ދައުލަތުން އެދިފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ގޯސް މާއްދާއަކާ ހަވާލާދީ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ޖަވާބުގައި ވެސް އެ އިޖުރާއީ ގޯސް ހެދިފައިވާ ކަމަށް އެއްބަސްވެފައިވެ އެވެ.
ނަމަވެސް، ރައުދު ބަންދުން ދޫކޮށްލުމާ އެކު، އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ ރައުދުގެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު އެ މައްސަލަ ބަލައިގަނެފައިވާ ކަމަށާއި ދައުވާ ކުރުމާ މެދު 15 ދުވަސް ތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޭސްޓް11
28 May 2025
ވާގޮތަކީ ފުލުހުން އަމުރަށް އެދޭ ފޯމް ކޮޕީ ޕޭސްޓްކޮށްފައި ހަދާއިރު ބައެއް ސެކްޝަންތައް ކުރީގެ ޑޮކިއުމެންޓްގައި ހުރި ގޮތަށް ހުންނަނީ ބަދަލު ނުކުރެވި. މިއީ ވަރަށް ގިނައިން ދައުލަތުގެ މިކަހަލަ އިދާރާތަކުން ވާކަމެއް. މީގެ ތެރޭގައި ޚާއްޞަކޮށް ސިވިލް ސާވިސް ކޮމިޝަންގެ އޮފީސްތައް ހިމެނޭ. މީހުންގެ އައިޑީކާޑު ނަންބަރުވެސް ހުރޭ ބަދަލު ނުކޮށް. އެހާވެސް ފަރުވާތެރިކޮށް މަސައްކަތްކުރަނީ.
އަލީބެ
27 May 2025
އިޖުރާއަތާ ޚިލާފުވުން. ފުލުހުން މިކަންކަމަށް އަދިވެސް އަލީތަ. ކޮންމެވެސް އިޖުރާއަތަކާ ޚިލާފުވެގެން އުފެދޭ ލޯވަޅަކުން ކުށްވެރިން ދޫކުރުމުގެ ސަގާފަތް ބަދަލުނުވޭ އަދިވެސް. އެކަމަކު އިއްޔެވެސް އެކީ ބޮޑަތި ގޭންގުތައް ހުއްޓުވާން އަނެއް ގާނޫނު ހެދިވާހަކަ. ހޭބައްޔެއް ނުވާނެތަ. މީގައުމުއްގަ ނޫނީ ގޭންގެއްތަ.
އަބުދުލް ޤާދިރު
27 May 2025
ތި މައްސަލަ ނުވެސް ބެލޭނެ. ނުވެސް ބަލާނެ. އިންސާފެއް ވެސް ނުލިބޭނެ.
ސުންދުސް
27 May 2025
ރައުދު ދޫކޮށްލަން ބާރުގަދަ ބޭފުޅަކު އަންގަވާފަ އޮތީމާ 2 ފަހަރު މަތިން ވެސް ފުލުހުން ނުބައި މާއްދާއަކާ ޙަވާލާދިނީ. 3 ވަނަ ފަހަރު އެކަން ރަނގަޅުކުރީ މުޒާހަރާގަ އެވާހަކަ ގޮވާތީ. ދެން ވެސް ފެންނާނީ އިޖުރާއަތަކާ ޚިލާފުވެގެން ރައުދު ދޫކޮށްލާތަން! ޔުމްނަކީ ނިކަމެތި މީހެއްގެ ދަރިއަކަށް ވީތީ އޭނާ މަރުވަން ދޫކޮށްލިޔަސް، ތުހުމަތުވާ، ސީސީޓީވީން ފެންނަ މީހުން ސަލާމަތްކުރާނެ. އެންމެ މުހިންމު ފްޓޭޖް ނެތްކަމަށްބުނެ ނައްތާލީ! ދެން ސާބިތެއް ނުވާނެ!
1206
27 May 2025
ހެކި އުފައްދާ ގޮތަށް، އިންސާފު ވެސް ވަކި ގޮތަކަށް ބައްޓަންކުރަން ފުލުހުން ތަހުގީގު އެބަ އިންޖިނިއަރކުރޭ. މައްސަލަ ސާބިތު ނުކުރެވޭނެ ގޮތަށް އިޖުރާއަތުތައް ހިންގުމުގައި ގަސްދުގައި ގަޑުބަޑު އުފައްދައި، ދިފާއަށް ދިފާއުވެވޭނެ ސަބަބުތައް އެބަ އުފައްދާ. މި ހަގީގަތާ މެދު އެބަ ވާހަކަ ދެކެވެންޖެހޭ. ދާދި އެއްބާވަތުގެ ކުށްކުށަށް އަރައިގަންނަ 2 މީހަކަށް ވެސް އެބަ ދައުވާ އުފުލައި ދެ ގޮތަކަށް. އެކަކަށް ޓެރަރިޒްގެ ދައުވާ އަނެކަކަށް މާރާމާރީގެ ދައުވާ.
ވަކީލް 10
27 May 2025
ވަކީލުންނޭ ކިޔައިގެން މޮޅެތި ވާހަކަ ދައްކާނެ ކަމެއް ނެތް، އެއްވެސް ޤާނޫނީ ހުސްކަމެއްގަ ނޫން ތިއޮތީކީ، ޢަލީ ޒުބައިރު އަދި އިތުރު 2 މީހުން ވސ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި އިޖުރާއީ ގޯހެއް ހެދިއްޖެކަން އެނގޭ ހިސާބުން އެކަން ރަނގަޅުކުރަން އޮންނަނީ، ފުލުހުން މިކަމުގަ ޢަމަލު ކޮށްފައިވަނީ ރަނގަޅަށް ، އަދި ފުލުހުންގެ ތަޙްޤީޤަށް ހައްޔަރުކޮށްފައި ހުންނަ މީހަކު ދޫކުރަން ކޮންމެހެން ކޯޓަށް ދާކަށް ނުޖެހޭ. ވަރަށް ސަލާމް
ކިމް
26 May 2025
ރައުދު ފަކީރު
ޢެކަނި
26 May 2025
ބަލަ މި ސޮރު އެކަނިތަ ކުށަކަށް އަރައިގެން މިއުޅެނީ... މި ސޮރުން ނެއްޓެން ނޭނގިގެން ފުލުހުން ތި އުޅެނީ؟ ޢެ ސޮރު އެ މަންޖެ ކޮއްޕާނުލަންޏާ ދެން އެ ސޮރަށް ކުރާ ތުހުމަތަކީ ތިހާ އެ ސޮރު އެކަނި ތަޅުވަން ޖެހޭ ކަމެއްނޫން. މިހާރު ތި ކަންކުރާ އުސޫލުން ތި ކުރަނީ އެ މަންޖެއޭ ކިޔައިގެން ބަޔަކު ހަޅޭއްލަވާތީތަ؟ މިހާރު މި ސޮރާމެދު އިންސާފުން ބޭރު ތިވެވެނީ....
އެސޮަރި
26 May 2025
އެސޮރުދެން ތިހާވަރަށް ނުތަޅުވަ ދޫކޮށްލާ
މޯލްޑިވްސް 2.0 ތަފާތު ވާނެ
26 May 2025
"މިއީ މީގެކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައި އޮތް ގޮތެއް ނޫން. ގާނޫނީ ހުސްކަމެއް މި ހާލަތުގައި މި އޮތީ،" ވަކީލް ވިދާޅުވި އެވެ.
ވަކީލް 10
27 May 2025
މިއީ އަބަދުވެސް ޢަމަލުކުރަމުން އަންނަ ގޮތް ، ވަކީލުން މޮޅެތި ވާހަކަ ދައްކަނީ، ކްރިމިނަލް ކޯޓަށް ފުލުހުން މީހުން ދޫކުރަން ދިޔައީމަ ކްރިމިނަލް ކޯޓުގައި އިންނަ ޤާޒީ ވެސް ފުލުހުންނަށް މީހުން ދޫކޮށްލެވޭނޭކަމަށް އެތަށް ފަހަރަކު ބުނެފަ އެބަހުރި އެހެންވީމަ މީގަ މިއޮތީ ވަކީލުން މަސްތަލަހަތު ނަގާލަން މަސައްކަތް ކޮށްފަ ކަމަށް ބެލެވެނީ