ފުލުހުންގެ ބެލުމުގެ ދަށުން ރައުދު މީގެކުރިން ދޫނިދޫއަށް ގެންދަނީ: އޭނާ އަނެއްކާވެސް ވަނީ ހައްޔަރުކޮށްފައި
22 މެއި 2025 - 16:42
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް، ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލި ރައުދު އަހްމަދު ޒިލާލް އަނެއްކާވެސް މިއަދު ހައްޔަރުކޮށްފި އެވެ.
އޭނާ މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުން މިއަދު ނެރުނު އާ އަމުރެއްގެ ދަށުންނެވެ.
ބަންދުގައި ގިނަ ދުވަސްތަކެއްގައި ބެހެއްޓުމަށް ފަހު ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ.
ފުލުހުން ބުނީ ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިން ކަމަށެވެ.
ރައުދު ދޫކޮށްލީ އޭނާ ބަންދުކުރަން ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރުފަހަށް ހައި ކޯޓުގައި ތާވަލުކޮށްފައި އޮއްވަ އެވެ. ނަމަވެސް، އޭނާ މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައިވާތީ އިސްތިއުނާފް މައްސަލަ އަނބުރާ ގެންދިޔަ އެވެ.
ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް އާއި އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ އާއި ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ، އާއި ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު، އާއި އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު، އާއި ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި، އާއި އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް އެވެ.
ނަމަވެސް، އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރައުދު އެކަންޏެވެ. އަދި ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުންނަށް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައުދު އެއީ ޤުރްބާން ކުރާ ކަންބަޅި
23 May 2025
ޔުމްނު ވެއްޓުނު މައްސަލަ ބެލުމުގެ ތެރެއިން ތަޙުޤީޤް ހިންގަންޖެހޭ އިތުރު ކަންކަމާއި ބަޔަކު ވަނީ ފެނިފައެވެ. ނަމަވެސް ފާހަގަ ކުރެވޭ ކަމަކީ އެ މައްސްލައިގައި ޤުރްބާންކުރާ ކަންބަޅިއަކީ ރައުދު ކަމެވެ.
ރާވެރިބެ
23 May 2025
ޑްރަގް ވިޔަފާރިކުރާ ބޮޑުންނާ މާރާމާރީގެ މީހުން އެބަދޫކުރޭ އެކި އެކި އުޒުރު ދައްކާފަ. ވީއިރު ރައްޔިތުން ކުރިމަތީ ކަމެއް ކުރާކަން ދައްކަން މިޒުވާނާ ހައްޔަރުކޮށްގެން ދެދުވަހުން އެއްދުވަހު މީޑިއާގަ ހެޑްލައިން ހަދާނެ ބޭނުމެއް ނެތް. އޭނާގެ ފަރާތުން މުޖުތަމައު އަށް ނުރައްކަލެއް ނެތް. އަވަހަށް ދޫކޮށްލަން ގޮވާލަން. ހެކި ހުރިއްޔާ ޟަރިއަތަށް ހުށަހަޅާ.
ސަލިމާ
23 May 2025
ފުލުހުންގެ މޮޅު އިންވެސްޓިގޭޓަރުންގެ ފ.އޕ ޕީޖީއިން ފިލުވާދިނީ.
ޙުސްބޭއިންސާފު
23 May 2025
ޕަބުލިކު ރުއްސަންވެގެން މީހަކު ހައްޔަރު ކޮށްގެން ބައްދާލަން އުޅުމަކީ ވަރަށް ބޮޑު ބޭއިންސާފެއް. ބަލަންޔާ މައްސަލަ ރަނގަޅަށް ބަލާނީ. ޢެންމެ މީހަކު ހައްޔަރުކޮށްގެން ބާނާލަން މަސައްކަތް ކުރުމަކީ އިންސާފެއް ނޫން. ޕާޓީގަ ދެންތިބި މީހުންނާ، ޔޫރިން ނުދިން މީހުންނާ އިހުމާލުވި ފުލުހުންގެ މައްސަލަ ނުބެލި މިކަން އެކަނި ކުރުމަކީ ބޭއިންސާފުވެވުމެކެވެ.
ބުރޯސއ
22 May 2025
ހާދަ ހެވިފަ ކޮއްކޯ
ކޮރަލް
22 May 2025
ކޯޓް އަމުރެއް އޮއްވަ ރައުދު ދޫކޮށްލި މީޙުންގެ މައްސަލަ ބަލަން ވާނެ އެވެ.
ކުޑަ ވަކީލު
22 May 2025
ޕީޖީއަށް އެނގޭ އިސްތިއުނާފުން ރައުދު ކާމިޔާބުވާނެކަން ފުލުހުންނާ ދަށުކޯޓު ގާޒީ ހެދި ގޯހުން. އެހެންވީމަ އެކަން ރަނގަޅުކޮށްލީ
ޜަބޫ
22 May 2025
ބަދު އަހުލާގީ ގުޅުންހިންގިކަމަށް ފުލުހުންބުނި ޕަބުލިކުގަ.ދޫކޮށްލުމަކީ މަށްސަލައެއް.
ދޮހޮއްތު
22 May 2025
މިއީ ކުޅޭ ކުޅިވަރެއްތޭ .. ރައުދުގެ ކޮން ބައިވެރިވުމެއްތޭ އޭގަ އޮތީ..
ޖަލު ބަނޑޭރި
22 May 2025
ތީ ކުޅޭ ކުޅިވަރެއްތަ؟