މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަން ހުށަހަޅަން އެޖެންޑާކޮށް މާދަމާ މަޖިލިސް ފަށަން ވަނީ ތާވަލުކޮށްފައި
01 ޖޫން 2025 - 13:35
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާކޮށް، މާދަމާއަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފި އެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަކީ މި އަހަރުގެ ދެވަނަ ދައުރު ފެށުމަށް ބާއްވާ ޖަލްސާ އެވެ.
އެ ޖަލްސާގެ އެޖެންޑާ ނެރެފައިވާއިރު، ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ދިރާސާކުރަން ދާއިމީ ކޮމިޓީއަށް ފޮނުވުން އެޖެންޑާކޮށްފައިވެ އެވެ.
އޭގެއިތުރުން ނޭޕާލަށާއި އަޔަލެންޑް އަދި ޔޫކްރެއިނަށް އައްޔަން ކުރާ ސަފީރުންގެ ނަންތައް ހުށަހެޅުން ވެސް މާދަމާއަށް އެޖެންޑާކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ދެ މަގާމަށް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާއިރު، އެންމެ ގިނައިން މާކްސް ދިނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.
އިންޓަވިއުގައި މާކްސް ދިން ތަރުތީބުން އެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް މުއިއްޒަށް ލަފާއަރުވަން ޖޭއެސްސީން ނިންމާފައިވެ އެވެ. ނަމަވެސް، ރައީސް މަޖިލީހަށް ފޮނުއްވީ އެ ދެ ނަން ކަމެއް ސާފެއް ނުވެ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސް އެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.
ޖޭއެސްސީން ލިސްޓްގެ އެންމެ ކުރިއަށް ލާފައިވާ ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.
އޭނާ ފަނޑިޔާރު ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެއެޖެންޑާ
01 June 2025
ތިކަމުގަ ވަގުތު ބޭކާރު ނުކުރަން އިލްތިމާސްކުރަން. ހޮއްވަވާފަ އޮތް ނަމަށް އަވަހަށް ވޯޓްދެއްވާ. ތިޔަބޭފުޅުންނަކީ ނަޒާހަތްތެރިން. ސްފްރީމް ކޯޓަށް ތިޔަ ބޭފުޅުން ހޮއްވަވާނީވެސް ނަޒާހަތްތެރިން. އެކަން ހުރިހާ ދިވެހި ރައްޔިތުން ހިތުގެ އަޑިން ގަބޫލުކުރޭ.