01 ޖޫން 2025 - 18:31
މިއަދުގެ މެންދުރު 12:40 ހާއިރު މުޅި މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑުނު ނަމަވެސް އެ ދެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ފެންނާކަށް ނެތް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ރާއްޖޭގެ ވެރިރަށް މާލެ ސަރަހައްދުގެ ވަރަށް ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން ހަވީރު ބޭއްވި މީޑިއާ ބްރީފިންއެއްގައި ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވީ، މިހާތަނަށް ބެލިއިރުގައި "ބޮޑު އިކުއިޕްމަންޓެއް" ހަލާކުވެ އަދި "ބޮޑު ޓްރާންސްފޯމަރެއް" ގެ މައްސަލަ ވެސް ޖެހިފައި ނެތް ކަމަށެވެ.
"މެއިން އެއްވެސް ނެޓްވޯކެއްގެ މޭޖާ އެއްވެސް ކޮމްޕޯނަންޓެއްގެ މައްސަލައެއް ޖެހިފައެއް ނެތް،" ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނީ، މުޅި މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑުނީ އިންޓަކަނެކްޝަންގެ މައްސަލައަކުން ކަމަށާއި އެކަން އަދި ބަލަމުން އަންނަ ކަމަށެވެ. ހަގީގީ މައްސަލަ ދަނެގެވޭނީ ހުރިހާ ސިސްޓަމްތައް އެނަޖައިޒް ކުރުމަށް ފަހު ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ ކަރަންޓު އަލުން ދޭން ކަަމަށް ސްޓެލްކޯ އިން ބުންޏެވެ. މުޅި ސިސްޓަމް އެނަޖައިޒް ކުރަން ވެސް ވަގުތު ނަގާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލުން ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި، މާލެ-ހުޅުމާލޭ ގްރިޑަށް ކަރަންޓު ދެވޭ ވަރުގެ ކެޕޭސިޓީ ވެސް އެބަހުއްޓެވެ.
ނަމަވެސް އެ ކުންފުނީގެ އޮފިޝަލުން ވިދާޅުވީ، މާލެ އަށް އެކަނި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭ ވަރުގެ ކެޕޭސިޓީ ނެތް ކަމަށާއި އެ ކެޕޭސިޓީ ލިބެނީ މާލެ-ހުޅުމާލެ އިންޓަ ކަނެކްޝަންގެ ގްރިޑުގެ ބޭނުން ކޮށްގެން ކަމަށެވެ. އެކަމަކު، މާލެ އަށް ބޭނުންވާ ވަރަށް ކަރަންޓުގެ ފޯރުކޮށްދިނުމުގައި އެއްވެސް ޝޯޓޭޖެއް ނެތް ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވި އެވެ.
ސްޓެލްކޯ އިން، މީގެ އިރުކޮޅެއް ކުރިން ބުނީ، މާލޭގެ ހުރިހާ ސަރަހައްދަކަށް ފަސް ގަޑިއެއްހާއިރު ފަހުން މިހާރު ކަރަންޓު އަލުން ދީފައިވާ ކަމށެވެ. އަދި ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ފިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރެއް މިހާރު ވަނީ އެނަޖައިޒް ކޮށްފައި ކަމަށް ބުންޏެވެ.
"މި ދެންނެވި ޓްރާންސްފޯމަރު ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ އަޅުގަނޑުމެންގެ އިމަޖެންސީ ނަމްބަރު 104 އަށް ގުޅުއްވުން އެދެން،" ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯބަލް
02 June 2025
އެއްވެސް މައްސަލައެއްނެތި ކަރަންޓް ދިޔައީމާ މުޅި ސިސްޓަމް އެނަރޖައިޒޮކޮށް ކަރަންޓްދޭން 5 ގަޑި އިރު ހޭދަވީމަ އެކަން ގަބޫލުކުރަން ވަރަށް ދަތި، އަހަރެެމެން ކުޑަ އާބާދީތަކުގައި އުޅޭ މީހުންނަށް އިންޖީނު ހަލާކުވެގެން ނޫންގޮތަކަށް ކަރަންޓް ކެނޑިޖެއްޔާ 15 ވަރަކަށް މިނިޓް ނުވަތަ 30 މިނިޓް ތެރޭ ކަރަންޓް ލިބޭ. ޖެންސެޓްތައް ހަމައެކަނި ރިސްޓާޓް ކޮށްލަން 5 ގަޑި އިރު ވުމަކީ ދެރަކަމެއް
ޢެންމެން ހެޕީ
02 June 2025
ތިޔަ ގުރިޑް އައްޑޫ އާއި ގުޅާލަން ވެސް ފެނޭ
ކޮރަލް
02 June 2025
ހުޅުލެ އިން ވެސް ކަރަންޓް ދިޔަ އެވެ. އެތަނަކީ އަމިއްލަ ޖެނެރޭޓަރު ގެން ގުޅޭ ބައެކެވެ.
ހުޅުލޭ ބޮޑު މިނިޔާ
02 June 2025
މޮޅު ކޮށްލަންވެގެން މާކެ ކޮޅުން ވެސް ނަގައިގެން އުޅެނީ.
ދޫލަ
02 June 2025
ރައީސުގެ އިރުޝާދުގެ ދަށުން އިންޖީނުތަށް ޗުއްޓީއެއް ދިނީ ތޯއްޗެއް؟ ނަސީބެއްނު އަމިއްލަ މީސްމީހުން ކަރަންޓުގެ ޚިދުމަތް ނުދޭކަން އެހެން ނޫންނަމަ، ބުނެފާނެ ކަރަންޓުގެ ވިޔަފާރިކުރާ އަމިއްލަ ޣައްދާރުން ކަރންޓުގެ ޚިދުމަތްދޭތީ ވީކަމެއްކޭ. މީގެ ފަހުން ތިޔަވިޔަފާރިކުރާނީ ރައީސްއޮފީހުންނޭ.
އެޑްމުންޑޯ
02 June 2025
ހާދިސާ އެއްމެދުވެރިވުމަކީ އެކަމަށް ފުރައްސާރަކޮށް ޖޯކްޖަހަންޖެހޭކަމެއްނޫނޮ ، މިއަށްވުރެ މާތަރައްގީ ފުރިހަމަ ނިޒާމްތަށް ހުންނަން ގައުމުތަކުގައި ވެސްމިފަދަ ހާދިސާ ހިގަމުންދޭ ، އިހަށްދުވަހު މުއްސަދި ދުބާއީ ވާރޭވެހި ފެނުއަޑީގައި އޮތީ ، އިއްޔެ ނިއުދިއްލީ އެއަރޕޯޓް ޓަމިނަލް ބައެއްވެއްޓި އެތައްމިލިއަން ޑޮލަރުގެ ގެއްލުންވީ ، އިހަކަށްދުވަހު ޔޫރަޕްގެ ގައުމުތަށް ސްޕޭން ފްރާންސް ހިމެނޭހެން ކަރަންޓް ކެނޑިގެން އެތައްމިލިމިއަންމީހުން ހާލުގެ އުޅެންޖެހުނީ .
ދޫލަ
02 June 2025
ހެޔޮ ވާހަކައެއް. ކިތަންމެ މޮޅަށް ރޭވިފައި ހުއްޓަސް ކަމެއް ވެދާނެ. އެކަމު ރާއްޖޭގައި މިފަހުން ކަންކަމާމެދު ސަރުކާރުން ވާހަކަ ދައްކާގޮތުން. މީހުން ވާހަކަ ދައްކަނީ. ކޮބާ ބަޣާވާތްކުރި ބޭންކުގެ މައްސަލަ.
ކެރެދި ބެއްޔާ
02 June 2025
"މެއިން އެއްވެސް ނެޓްވޯކެއްގެ މޭޖާ އެއްވެސް ކޮމްޕޯނަންޓެއްގެ މައްސަލައެއް ޖެހިފައެއް ނެތޭ" ބުނާ އިރު ކަލޭމެން ހަމަޖެހޭ ވާހަކައެއް ވިދާޅުވާން ޖެހެއެއްނުންތަ؟ ކަލޭމެން ކޮންމެ ކަމަކަށް ތިޔަ ވިދާޅުވަނީ ރައިވަރު! ބަލަމި ދައްކަނީ 5 ގަޑި އިރު ކަރަންޓް ނެތި ރައްޔިތުން ކަނު އަދިރީގައި އެކި ތަންތާ ތާށިވެތިބެ ކަލޭމެނަށް ވާނުވާ ބުނެދޭން ނޭގުނު ވާހަކަ! ލަދުކޮބާ!
ކަލްމިންޖާ
02 June 2025
ޑރ މުނައްވަރު ކޮބާ، އެމަނިކްފާން އަށް ތިޔަކަން ވާނީ.
ތެފައާސާ.
02 June 2025
ބޭންކު ބަގާވާތުގެ ތަހުގީގު ފަދައިން، ރައީސްގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދުގެ ދަށުން ލަސްތަކެއް ނުވެ "ކަރަންޓު ބަގާވާތުގެވެސް" ފުރިހަމަ ތަހުގީގެއް ހިންގައި މި ދިމާވި މައްސަލައިގެ އެންމެ ފުނަށް ފީނައި ގާ ފުރޮޅައި ނިންމައި ރައްޔިތުންނަށް ފުރިހަމަ ތަފްސީލެއް ލިބިގެންދާނެކަމަށް އުންމީދު ކުރަން.
ައައްޑޫފެނަކަ
02 June 2025
އެވޯޑް ލިބުނު ސިސްޓަމްގަ ހުރި ބަގަކުން ހެކަރުންގެ ބަޔަކު ވަދެ ސަމާސާ އެއްކޮށްލީ ކަމަށް ވެދާނެ..
ހީވަނީ
02 June 2025
އެންމެ ވައްތަރީ ސޯލާ ސުޓޯމްގެ ކަމެއް ކަމަށް.ޖޫން މަހު ސޯލާ ސުޓޯމެއް އަންނަ ކަމަށް ވޭ އަދި އެކަަމެއް ހިގިކަމަށްވެސް ވޭ ވީމާ އެކަމުގެ ކަމެއް ކަމަށް ފެންނަނީ. ބަޔަކަށްް މިހުރިހާ ތަނުން ކަރަންޓު މަތިކޮށް ދުއްވާ ލެވޭނެ ކަމަކަށް ނުފެނޭ.