އަލީ ނިޔާޒް އާއި ރައީސް ނަޝީދު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --- މިހާރު ފައިލް ފޮޓޯ
05 ޖޫން 2025 - 16:45
ދެން އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާތީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒް (ނިޔާ) މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ހައްޖުގެ ދުވަހުގެ ތަހުނިޔާގެ މެސެޖާ އެކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދުގެ ނަން ވިދާޅުނުވެ، އެކަމަކު އެ މަނިކުފާނަށް ދެއްވި ރައްދުގައި ނިޔާ ވިދާޅުވީ، ތިމަންނާ ބޭނުންވުމުން ރޫޅައި ހަލާކުގެ ތެރެއަށް އެންމެން ދޫކޮށްލައި، އަނެއްކާ ވެސް ތިމަންނާ ބޭނުންވުމުން ހަމަ އެ މީހުން ލައްވައި ރާވަން މަސައްކަތް ކުރެވޭ ނިޒާމަކަށް ރުހިވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ލާމަރުކަޒި ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކޮއްކޯފުޅު ނިޔާ މިހެން ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވެ، އެކަމުގެ ހިޔާލަކަށް އެދި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުންނަށް މެސެޖެއް ފޮނުއްވާފައި ވަނިކޮށެެވެ.
މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދެވީ ވެސް އެމްޑީޕީގެ ވެރިކަމާ މެދު ހިތްހަމަނުޖެހިވަޑައިގެންނެވެ. އެއީ އޭރުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެބޭފުޅުންގެ ކޯޅުން ވަރަށް ބޮޑުވެ އުފެއްދި ޕާޓީއެކެވެ. އެއާ އެކު، އެމްޑީޕީގެ ބައެއް މެމްބަރުން ނަޝީދުގެ ފަހަތްޕުޅަށް އަރައި ޑިމޮކްރެޓްސް ވަރުގަދަ ކުރަން މަސައްކަތް ފެށި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ނަޝީދު ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލާއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެހެންވެ، އެކަމަށް އިޝާރާތް ކުރައްވައި ނިޔާ ވިދާޅުވީ ބޭނުންއިރެއްގައި ޕާޓީ ހަލާކުގެ ތެރެއަށް ދޫކޮށްލުމަށް ފަހު، ބޭނުންވުމުން އަނެއްކާ ވެސް ހަމަ އެ ޕާޓީގެ މީހުން ލައްވާ ރާވަން މަސައްކަތްކުރާ ނިޒާމަކަށް ރުހޭ އުސޫލެއް ހަމަނޫން ކަމަށެވެ.
"ތިމަންނާ ބޭނުންވީމާ ރޫޅާލާފައި ހަލާކުތެ ރެއަށް އެންމެން ދޫކޮށްލާފައި ތިމަންނާ ބޭނުންވީމަ ހަމަ އެމީހުން ލައްވާ ރާވަން މަސައްކަތްކުރެވޭ ނިޒާމްއަކީ އަޅުގަނޑަށް ރުހެވޭ އުސޫލެއް، ހަމައެއް ނޫން،" ނިޔާ ވިދާޅުވި އެވެ.
ހުޅުމާލޭ ދާއިރާގެ ކުރީ މެމްބަރު އަލީ ނިޔާޒާއި ރައީސް ނަޝީދު ސަލާމް ކުރައްވަނީ.-- މިހާރު ފައިލް ފޮޓޯ
ނިޔާޒަށް ރައްދު ދެއްވައި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ އެއްޗެއް ރޫޅާލެވޭނީ ބަލިކަށި ކޮށްލީމަ ކަމަށާއި ނިޔާ އެ އިޝާރަތް ކުރައްވާ އެއްޗެއް ބަލިކަށި ކޮށްލީ އިބޫގެ ސަރުކާރުން ވައްކަމުގެ މައްސަލަތައް ބެލުމަށް ހަވާލުވެ، އެކަން ނުކުރުމުން ކަމަށެވެ.
ވަހީދު ވިދާޅުވި ގޮތުގައި އެމްޑީޕީ ބަލިކަށިކޮށް ރޫޅާލީ، ވައްކަމުގެ މައްސަލަތައް ބަލަން ހަވާލުވެ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދުން އަދި މަނީލޯންޑަރިންގެ މައްސަލަތަކެއްގައި ޖަލަށްލާން ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫކޮށްލި މީހުންނެވެ. އަދީބު ދޫކޮށްލީ އޭރުގެ ރައީސް އިބޫގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ.
ވަހީދު ވިދާޅުވީ ގޮތްނޭނގޭ މަރުތައް ބަލާނެކަމަށް ބުނެ ސަރުކާރާ އެމްޑީޕީން ހަވާލުވުމަށް ފަހު، ނަޝީދު މަރާލަން، ބޮން ގޮއްވި މައްސަލަ ވެސް ނުބެލި ކަމަށެވެ.
މޭ 6، 2021 ވަނަ ދުވަހުގެ ރޭ އަމިއްލަފުޅު ގެކޮޅު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން، މަޖީދީ މަގުގައި އޮތް ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ހަމަލާގައި އެ މަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް އިންސާފު ނުލިބި އޮތުމުން ޑިމޮކްރެޓްސްގައި ނުތަނަވަސްކަން އެބަ އޮތެވެ.
މި ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށް ވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ރޫޅާލީ މުޅި އެތީގެ ސޫރައާ ތޮބީއަތް ބަދަލުކުރި މީހުން،" އެމްޑީޕީ ސަރުކާރުގެ އިސްވެރިންނަށް ނިސްބަތްކުރައްވާ ވައްޑޭ ވިދާޅުވި އެވެ.
ރޫޅާލެވޭނީ އެއްޗެއް ބަލިކަށި ކޮށްލީމާ. ތިބުނާ އެއްޗެއް އަސްލު ބަލިކަށިކޮށް ރޫޅާލީ ވައްކަން ބަލަން އައިސް އެކަން ނުބަލައި އަދީބުވެސް ދޫކޮށްލި މީހުން. މަރުތައް ބަލަން އައިސް ރނ މަރާލަން ބޮން ގޮއްވި މައްސަލަވެސް ނުބެލި މީހުން. ރޫޅާލީ މުޅި އެތީގެ ސޫރައާ ތޮބީއަތް ބަދަލުކުރި މީހުން. https://t.co/ZzgBsrEGgm
— Waddey (@waddey_) June 5, 2025
އެމްޑީޕީން އިސްތިއުފާ ދެއްވުމަށްފަހު، ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ރަސްމީކޮށް ސޮއި ކުރައްވަން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެއްދުމުގެ މައިގަނޑު އަމާޒަކަށްވީ ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެ ތެރެއިން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުން ކަމަށެވެ. އެކަމަކު އެ އުސޫލުތައް އެމްޑީޕީން ގެއްލުވާލުމުން، ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސް އުފައްދަވަން މަޖުބޫރުވި އެ ހަމަތައް ހިފެހެއްޓުމަށްޓަކައި ކަމަށެވެ.
"އެމްޑީޕީ ރޫޅާލާނަން. ރޫޅާނާލާން. ތި ކެޔޮގަނޑުގެ ފޫ ވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން." އެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
އެކަމަކު މި ފަހުން، ނަޝީދު ވަނީ ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނާއި އާންމުންގެ ގިނަ ބަޔަކު އަދިވެސް ގަބޫލުކުރަނީ 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީ ބަލިވީ ނަޝީދުގެ ސަބަބުންނެވެ. އެއީ ޑިމޮކްރެޓްސް އިން އެ އިންތިހާބަށް ކެންޑިޑޭޓަކު ނެރެ، އެމްޑީޕީ ބައިބައި ކޮށްލުމުގެ ނަތީހާ ކަމަށް ގަބޫލުކުރާ މީހުން އަދިވެސް އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރ
06 June 2025
ކީއްވެތޯ ނިޔާ އަށް ސޯލިހު ފައިސާހަވާލުނުކުރީ ހަހަ ނިޔާގެ އިތުބާރު ގެއްލުނީ. ވެރިކަން ނުލިބުނީ ނަޝީދު އަށް އަނިޔާވެރިވީމަ ވަރަށް ސާފު.
އަލީއަލިީ
06 June 2025
އެމް ޑީ ޕީ ރޫޅުނު މައްސަލައިގަ ދެފަރާތުގަ ވެސް މައްސަލަ އެބަހުރި.ކޮންމެގޮތަކައް ކަންތައްވެފަ އޮތަސް އެކަން އެއޮތީވެނިމިގޮސްފަ, ދެން އޭތިކޮނެ ނަގައިގެން އޭގެއިން ކެއްކޭނެ މާމީރު ބޮނޑިބަތެއް ނޯންނާނެ,މާޒީއައް ނުބަލާ ޚިޔާލު ތަފާވުންތައް އެއްފަރައިކޮއް ގައުމައްޓަކާ އެއްބައިވެ ދެޕާޓީއެކުވެ ނަޝީދު ނެއްލައިގެން ނޫނީ ގައުމު ވެއްޓެމުން މިދާފުން ވަޅުގަނޑުން ސަލާމަތް ކުރެވޭނެ ހަމަަ އެއްގޮތެއްވެސް އޮތްކަމަކައް ގަބޫލެއްނުކުރެވެ,
ހަސަދު
06 June 2025
ސޯލިހަށް އަދި ދައުރެއް ދޭންވީތޯ. ތިބޭފުޅާ އަށް ވަރަށް ފައިދާ ވާނެ،
ނޫމް
06 June 2025
އަންނި ވަރެއް ނެތް
ސިޔާދުލ
06 June 2025
ރައްޔިތުމީހާ ބޭނުންވާގޮތަށް، ސިއްރުގައި ފާހަގަ ޖަހާފައި، ރިޔާސީ އިންތިޚާބުގައި ވޯޓް ލުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވައި އަޅުވެތި ކަމުގެ ކަސްތޮޅުން ދިވެހި ރައްޔިތުން ސަލާމަތް ކޮށް ދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ ރައީސް ނަޝީދުއެވެ. އެހެންވީމާ، ނިޔާ މެންނަށް ރައީސް ނަޝީދާ އެއްވަރަށް ވޯޓް ލިބޭނެ ކަމަށް ނުބެލެއެވެ.
ގޯ ހޯމް
06 June 2025
ނިޔާޒޫ އަނެއްކާވެސް ހުޅުމާލެ ހިސޯރުކޮއްލާ ހުތްވީތޭ؟؟ އެޗްޑީސީގެ ސްޓާފް ރެޖިސްޓުރީ އިން ތިޔަ ނިޔާޒުމެން ހިންގި ހަޑި ފެނޭ. އަދި ކޮބާ ބިންތައް ބަހާލުން އެތަނުގެ؟ ދޭބަލަ ހިންނަވަރަށް އެކަހަލަ ހަޑި ހާވަން. ހުޅުމާލެ އަކާ ދެން ތިޔަ ނިޔާޒަކަށް ބާރެއް ނުފޯރުވޭނެ.
ރާވެރިބެ
06 June 2025
ރައީސް ނަޟީދު ވީމަ ‘އަނެއްކާވެސް’ ރިޔާސީ ރޭހަށް ނުކުތުން ގޯސް. އެކަމަކު އިބޫސޯލިހު އަނެއްކާވެސް ރިޔާސީ ރޭހަށް ނުކުންނަން އޯކޭ؟ މީ ނިޔާޒުކަހަލަ އިބޫގެ މީހުންގެ ވިސްނުން. ރާއްޖެ އަށް ހެޔޮއެދޭ މީހުން ރަގަޅަށް ވިސްނާ ބަލައިފިއް އެގޭނެ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގަ ފެންނަން ތިބި މީހުންގެ ތެރެއިން ރައީސް ކަމަށް އެންމެ ރަގަޅުވާނީ ނަޟީދު. ދެން ހުރީ ޔާމީން/ މަގޭ ވޯޓު މިއިން ބޭފުޅަކަށް.
ބުނަޔާން
06 June 2025
ޔާން ގައިގަ ހުންނަނީ ބިރުވެރި އަނިޔާވެރިކަން. އިބޫ މާ ކޮރަޕްޝަން ބޮޑު އަދީބު ދޫކޮށްލީ އަންނިގެ މައްސަލައަކީ ދީނީ ގޮތުން ކަމަކު ނުދޭ
ބާބާކަލޯ
06 June 2025
ނަޝީިދު ރަނގަޅީ ދެން ތިބި އެކަކަށްވުރެންވެސް އެމްޑީޕީއަށް
ހާފިޒް ރަސާދު
06 June 2025
ނަޝީދަކީ ވެރިކަމުގެ ދަހިވެތިކަމުގަ ގައުމަށް ކިތަންމެ ބޮޑު ގެއްލުމެއްވިޔަސް ވިސްނާމީހެއްނޫން، އިބޫ ކަމުނުދިޔައީ ބަރުލަމާނީ ރެފަރެންޑަމަކަށް ނުދިޔައީމަ. ބަރުލަމާނީ ނިޒާމަށް ނަޝީދު އެވަރަށްހިފީ ބަރުލަމާނީގަ އޭނަޔަށް ބޮޑުވަޒީރުކަން ލިބިދާނެކަމުގެ އުއްމީދުގަ. އެކަމަކު ހަގީގަތަކީ ރާއްޖޭގަ މިއުޅެނީ ނިޒާމުގެ މައްސަލައެއްނޫން. ކުރީ ދައުރުގަ އެމްޑީޕީ އަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބުނީމަ ހީކުރީ ބަރުލަމާނީގަ އޭނަޔަށް ބޮޑުވަޒީރަށް ވެވިދާނެކަމަށް.
ަސަމްސިއްޔާ
06 June 2025
ޕާޓީ ހަދައިގެން މާބޮޑު ތާއީދެއް ނުލިބިނު. އެެހެންވީމާ ރައީސްކަމަށް ކުރިމަތިލައިގެން ކާމިއާބީއެއް ހޯދޭނެ ކަމަކަށް ނުބެލެވޭ