ސްވައިން ފްލޫގައި އިތުރު މީހަކު މަރުވެއްޖެ

ރާއްޖޭގައި، ކޮންޓްރޯލް ނުވެ ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ގައި ބިދޭސީއަކު ރޭ މަރުވެއްޖެ އެވެ. މިއީ އެޗް1އެން1 އިންފްލުއެންޒާގައި މަރުވި ފުރަތަމަ ބިދޭސީ މީހާ އެވެ.


އުމުރުން 46 އަހަރުގެ ބިދޭސީމީހާ އެޗް1އެން1 ގައި މަރުވިި ނަމަވެސް އެ މީހާގެ ގައުމެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމައެއް ނުކުރެ އެވެ.

ސްވައިން ފްލޫގައި މީގެ ކުރިން ވަނީ ދެ މީހަކު މަރުވެފަ އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ހިސާބުތައް ދައްކާ ގޮތުން ސްވައިން ފްލޫ އަށް ޕޮޒިޓިވްވާ އަދަދު އަދިވެސް ދަނީ މައްޗަށެވެ. މިހާތަނަށް ޓެސްޓުކުރި 411 މީހުންގެ ތެރެއިން 147 މީހަކު ސްވައިން ފްލޫ އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ސްވައިން ފްލޫ ޖެހިގެން 22 މީހަކު އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި ބައްޔާއެކު ހުމާއި ރޯގާ ވެސް އެކި ސަރަހައްދުތަކުގައި ދަނީ ފެތުރެމުންނެވެ.

ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އެވްރެޖް ނިސްބަތަަކީ ހަފުތާއަކު 3،000 މީހުންނެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ނިސްބަތް އިތުރުވާން ފެށި އެވެ. އަދި މިހާރަކަށް އައިސް، އެވްރެޖް ގޮތެއްގައި ހަފުތާއަކު 5،000 އަށް ވުރެ ގިނަ މީހުންނަށް ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.