މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ބޭއްވި ބައްދަލުވުން: ސޯޝަލް މީޑިއާގައި ހިންގާ ބޭއަދަބީ އަމަލުތައް ހިންގާތީ އެކަން ހުއްޓުވަން މަޖިލީހަށް ވަނީ ޝަކުވާ ހުށަހަޅާފައި --- ފޮޓޯ/މަޖިލިސް
23 ޖޫން 2025 - 12:55
ދިވެހިން ސޯޝަލް މީޑިއާގައި ބަރަހަނާވެ، ބޭއަދަބީ އެހެން އަމަލުތައް ހިންގަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަން ފަށައިފި އެވެ.
އެ މައްސަލާގައި މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން މިއަދު ވަނީ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.
އެ ކޮމިޓީން އެންސީއައިޓީއާ ބައްދަލުކުރީ، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ސޯޝަލް މީޑިއާގައި އެކިއެކި ޕްލެޓްފޯމުތަކުގައި ބަރަހަނާވުމާއި ބޭއަދަބީ މުއާމަލާތް ކުރާތީ އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.
އެ ކޮމިޓީގެ މުގައްރިރު އަދި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވީ މަޖިލީހަށް އެ ޝަކުވާތައް ލިބިފައިވަނީ ސޯޝަލް މީޑިއާގައި މީހަކު ބަރަހަނާ މަންޒަރުތައް ފެންނަ ގޮތަށް ހެދުން އަޅައިގެން އެކި ފްލެޓްފޯމުތަކުގައި އެ މަންޒަރުތައް ދައުރު ކުރުމާއި އަދި އެހެން ވެސް ބޭއަދަބީ އަމަލުތައް ސޯޝަލް މީޑިއާގައި ހިންގަމުން ދާތީ މުޖުތަމައުގެ އިޖުތިމާއީ މިންގަނޑު ހަލާކުވެ، އިޖުތިމާއީ ފޭރާން ވީދޭތީ އާންމުންގެ ހުރި ކަންބޮޑުވުންތަކާ އެކުގައި ކަމަށެވެ.
އެހެންވެ، ކޮމިޓީން ބޭނުންވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ކަންކަން ބަލައި މަޝްވަރާކޮށް، ފިޔަވަޅު އެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ބޭއްވި ބައްދަލުވުމަށް ވަޑައިގެންނެވި އެންސީއައިޓީގެ ބޭފުޅުން.-- ފޮޓޯ: މަޖިލިސް
އެ ކޮމިޓީއަށް ހާޒިރުވި އެންސީއައިޓީގެ އައިޓީ އިންފްރާސްޓްރަކްޗާ މެނޭޖަރު ހުސެއިން މުހައްމަދު ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރެގިއުލޭޓްކޮށް، އެފަދަ އަމަލުތައް ހިންގުން ހުއްޓުވުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި ނަމަވެސް، އެކަން ކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
އޭނާ ވިދާޅުވީ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމަކީ އެންސީއައިޓީގެ ދައުރަކަށް ނުވާތީ، އެ މަޝްވަރާގައި ކޮމިއުނިކޭޝަން އޮތޯރިޓީ ބައިވެރިކުރަން އެދޭ ކަމަށެވެ. ނަމަވެސް އެ އޮތޯރިޓީން އަޅާ ފިޔަވަޅުތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް އެންސީއައިޓީން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސީއައިޓީގެ ބޭފުޅުން ކޮމިޓީގައި ވިދާޅުވީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި އަދި އިސްލާމީ އުސޫލުތަކާ ހިލާފުވާ ގޮތަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް ބޭނުން ނުކުރެވޭ ގޮތް ހެދޭނީ އެ ޕްލެޓްފޯމްތަކާ އެކުގައި ވެސް މަޝްވަރާކޮށް، އެމްއޯޔޫތައް ހެދިގެން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އެގޮތަށް ސޯޝަލް މީޑިއާގައި މިހާރު ރެގިއުލޭޓް ކުރަމުންދާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
އެހެންވެ، އެ މައްސަލަ ހައްލުކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީ ފަދަ ރެގިއުލޭޓަރީ ބޮޑީތަކާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކާއެކު މަޝްވަރާ ކޮށްގެން ކަމަށް އެންސީއައިޓީގެ ބޭފުޅުން ވިދާޅުވި އެވެ.
ކޮމިޓީން މިއަދު ނިންމީ އެ މައްސަލާގައި ދެން އޮންނަ ބައްދަލުވުމަކަށް ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ބޭފުޅުން ހާޒިރު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަނޫދު
23 June 2025
ކޮމެންޓޭޓަރުންގެ ވިސްނުން ފެނުނީމަ އެނގިއްޖެ މިއިން ޒަމާނަކުވެސް ގައުމު ނެތްކަން އިސްލާހްވާކަށް. އިސްލާހުކުރަން އުޅޭ މީހާވެސް ރޮލާ ކާލަނީ
ޛެިއިސނނސ
23 June 2025
ސޯޝަލް މީޑިޔާގައި ޕޯސްޓުކުރާ ގިނަ ޕޭޖުތަކުން ލިޔެފަ ހުންނަ ދިވެހި ލިޔުން ތަކަށަ އެވޯރޑެއް ދޭން ފެނޭ. އ ސުކުނެއް ށ ސުކުނެއް ނޭނގޭ މީހުން ގިނައީ. އެކަމަކު ކޮސް ދިވެހިން ހާހުން ލައިކުދޭ
މަނިޓައިޒޭޝަން
23 June 2025
ރަނގަޅު. ރީތި ކުއްޖެއް ނަމަވެސް އޯކޭ އެޒާތަށް އުޅެން.
ގައުމެއްނެތް
23 June 2025
މިހާރުވެސް ގައުމު ފެއިލްވެއްޖެ. މައިންބަފައިން ފެއިލްވެއްޖެ. ގުރޭޑް 2، 3 ގެ ކުދިންނަށް ނޭގޭ އެއްޗެއްނުހުރޭ ގިނަކުދިންނަށް ހުންނީ އުމުރާ ނުގުޅޭ އެތައްބައިވަރު އެއްޗެހި ފެނެފައި. މައިން ބަފައިން ބޮލަށް ބޮލަށް ފަސޭހަކޮށްލަންވެެގެން އައިޕެޑާއި އޭތި މިދެނީ އެއްވެސް ޒިންމާދާރުކަމެއްނެތި.
މަހުވެއި
23 June 2025
މިގައުމުގައި އޮވޭ އިސްލާމިކް މިނިސްޓްރީއެއްވެސް އެމީހުން ދެނެހުރި ކަމެއްނުންކަންވެސް ނޭގެ. އެމީހުން ހީކުރަނީ އިރުއިރުކޮޅާ ޒުވާންކުދިން ލައްވާ ޚުތުބާ ކިޔަން ދަސްކޮށްދެވުނީމަ ގައުމުގައި ދީންވަންތަކަން އާލާވެ ގައުމު އިސްލާހުވީހެން.
ބޮޗޭ
23 June 2025
ކަލޭމެން މައިންބަފައިންގެ އެއްވެސް ޒިންމާ އެއް ނެތީތަ؟
އިނބިރާ
23 June 2025
ރައްޔަތުންގެ މަޖުލީހަކީ ގައުމުގެ މޫނު ބަލާ ލޯގަނޑު؟ އެެތަނުގައި ކިތައްމެ ހުތުރުބަހުން ވާހަކަދެއްކިޔަސް ހަޑިއަމަލު ފެނުނަސް އެއީ ހައްލުކުރަން ނުޖެހޭކަމެއްދޯ!
ކޮއްކޮބެ
23 June 2025
ފުރަތަމަ ތި މަޖިލިސް އަދަބީ ވާންވީ. އަބްދުއްރަހީމާ ހަމައިން ފަށާ.
ގަނޑިއަ
23 June 2025
މިސަރަހައްދުގެ ގައުމުތަކެއް ކަމަށްވާ އިންޑިއާ ޕާކިސްތާނުން މިކަމަށް ވަރުގަދަ ޕްރެވެންޓިވް މެޝާސް ނެގިއިރު 100 ޕަސަންޓް އިސްލާމީ ގައުމު މިއޮތީ އެތަކެއް ތަން ފަހަތުގައި. އެތަންތަނުން އައިޓީ އެކްޓްތައް އިންޕްލިމެންޓް ކޮށްފި. ރާއްޖެން އަދި އިއިޓީ ބަޔަކާ ވާހަކަ ދައްކަނީ ހަދަންވީ ގޮތެއް ބަލަން. ޖެނެރޭޝަނެއް ހަލާކުވައިރުވެސް ކަމެއް ނުކުރެވިގެން މިއުޅެނީ. ކިހާ ދެރަ.
ލޭޒީ މޯލްޑިވްސް
23 June 2025
މީމިގައުމުގައިވާވަރު. ކޮމިއުނިކޭޝަން އޮތޯރިޓީއަކީ މިކަމުގެ މެއިން ރެގިއުލޭޓަރީ ބޮޑީ އެމީހުން މިކަން މޮނިޓާރކޮށް ކަމާބެހޭ ފަރާތުގެ ސަމާލުކަމަށް ގެންނަންޖެހޭނީ އެކަމަކު އެމީހުން އެތިބެނީ ހުންގާނުގައި ނިދާފައި. ރައްޔަތުން އުތުރިއަރައިގަތީމަވެސް ނޭގޭ.
ހުސްނީކުމާރު
23 June 2025
ތިޔަ މަޖިލީހުގައި ހިންގާ ބޭއަދަބީ ކަންކަމާ ގޮވާ ހަޑިހުތުރު އެއްޗެހީގެ މައްސަލަތަކާއި، ދައުލަތުގެ މުދަލަށް ގެއްލުން ދިނުންފަދަ އެތައް ނުބައި ޢަމަލުތައް ހުއްޓުވާނީ ކިހިނެއްތޯ އަމިއްލަ އަމިއްލައަށް ސުވާލުކޮށްލަންވީނު. ފުރަތަމަ މަޖިލިސް މެމްބަރުންގެ އަމިއްލަ ނަފްސުން ފަށަމާހިނގާ. އޭގެފަހުން ސޯޝަލް މީޑިއާއަށް ދާނީ. ދެއްތޯ ޢިއްޒަތްތެރި މެމްބަރުން.