ގާނޫނުއަސާސީގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ބާރުތައް ބަހާލާފައި އޮންނައިރު ވެސް މި ސަރުކާރުން ކަންކަން ކުރަމުން ދަނީ ގާނޫނުއަސާސީއާ އެއްގޮތަށް ނޫން ކަމަށާއި ރައްޔިތުންނަށް ގެއްލުނު ހައްގުތައް އަލުން އިއާދަކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.
މައުމޫނާއި ނަޝީދު ވަނީ، ގާސިމްގެ "ހިތްވަރަށް ސާބަސް ދެއްވައި" އިސްލާހީ މަސައްކަތުގައި ދެމި ހުންނެވުމަށް އެދިވަޑައިގެންފަ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ގާސިމް ދެއްކެވި ވާހަކަތަކުން، އިސްލާހީ މަސައްކަތުގައި ސާބިތުކަމާ އެކު އަދިވެސް ދެމިހުންނެވި ކަން އެނގިގެންދާ ކަމަށެވެ. ބިރުދެއްކުންތަކާއި ފިއްތުންތަކަށް ބެލުމެއް ނެތި ގާސިމަކީ، ގައުމަށްޓަކައި ސާބިތުކަމާ އެކު ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަން ވެސް އެ ވާހަކަ އިން ސާފުވި ކަމަށް މައުމޫން ވިދާޅުވި އެވެ.
އެކި ދާއިރާތަކުން ގާސިމް ގައުމަށް ވެދެއްވާ އެހީތެރިކަން ވެސް އެ ބަޔާނުގައި މައުމޫން ފާހަގަކުރައްވާފައިވެ އެވެ.
"ގާސިމް އިބްރާހިމް އަކީ މިހާރު އޮތް ސަރުކާރު ގެނައުމަށްޓަކައި އަގު ނުކުރެވޭ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވީ ނަމަވެސް އަދުގެ ސަރުކާރުން އެމަނިކުފާނުގެ ވިޔަފާރި އަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވަމުންދާ ކަމީ ހިތާމަ ހުރި ކަމެކެވެ،" މައުމޫންގެ ބަޔާނުގައިވެ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ގައުމު ހަމަ މަގަށް އެޅުމަށްޓަކައި އެންމެން އެއްކޮށް، އެއް މިސްރާބަކަށް ކުރާ މަސައްކަތް ކާމިޔާބުކުރެވޭނެ އެވެ.
"އެހެންކަމުން މަނިކުފާނުގެ ތިޔަ ހިތްވަރާއި ސާބިތުކަމާއި ކެރުމަށާއި ގައުމުގެ އިސްލާހަށްޓަކައި މަނިކުފާނު ކެނޑިނޭޅި ތިޔަކުރައްވާ ގައުމީ މަސައްކަތްޕުޅަށްޓަކައި މަނިކުފާނަށް އަދިވެސް އެއްފަހަރު އައްސަރި ބަހާއި ސާބަސް ދަންނަވަމެވެ،" ބަޔާނުގައި މައުމޫން ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖޭޕީން ކުރިމަތިލި ކެންޑިޑޭޓުން ތައާރަފް ކުރުމަށް މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިއީ ފަހަކަށް އައިސް ގާސިމްގެ ބަހުގެ ހޫނު ހަމަލާތަކެއް މި ސަރުކާރަށް އަމާޒުވި ފުރަތަމަ ފަހަރެވެ.
ގާސިމް ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވޭނީ ޖޭޕީ އާއި އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިހަށް ހޮވުމަށް ފަހު، ޕާޓީ ބަދަލު ކުރެއްވި މެމްބަރުން އަލުން އެ ޕާޓީތަކާ ގުޅިވަޑައިގަތުމުން ކަމަށެވެ. ގާނޫނުއަސާސީ އާ ޚިލާފަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ކަންކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އޮންނަނީ "އެންމެ މީހަކު ވެރިކަން ކުރާ" ގޮތަކަށް ނޫން ކަމަށެވެ.