ސްޓެލްކޯއިން ދިއްފުށީގައި ނިންމައި ހުޅުވަން ތައްޔާރުވާ އިންޖީނުގޭގެ ކޮންޓްރޯލް ރޫމުގައި އެ ކުންފުނީގެ މުވައްޒަފަކު ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
06 ޖުލައި 2025 - 09:15
ސްޓެލްކޯގެ އިސްބޭފުޅުންނަށް ކ. ދިއްފުށީގެ އާ އިންޖީނުގެ އެ ކުންފުނީގެ ތާރީހުގައި މުހިންމު ތަނަކަށް ވާ ވަރަށް ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެ ތަނުގެ ބިންގާ އެޅި ދުވަހު އަމަލީ މަސައްކަތް ފެށި އެވެ. އޭގެ ފަހުން ވީ 8 މަސް ދުވަހެވެ. މިހާރު ވަނީ ހުޅުވަން ތައްޔާރުވެފަ އެވެ. އެއީ ސްޓެލްކޯ އިން އެހާ ކުރު މުއްދަތެއްގެ ތެރޭގައި އިމާރާތްކުރި ފުރަތަމަ އިންޖީނުގެ ވެސް މެ އެވެ.
"މިއި މިހާތަނަށް އެންމެ އަވަހަށް ސްޓެލްކޯއިން އެޅި އިންޖީނުގެ. ސްޓެލްކޯ ހަޔާތުގައި ވެސް އެންމެ އަވަހަށް އަޅައި ނިންމި އިންޖީނުގެ މިއީ ކަމަށް އެމްޑީ [ހުސައިން ފަހުމީ] ވެސް ވިދާޅުވީ. މި ރަށުގަ ހިނގި ޕްރޮޖެކްޓު ތަކުގެ ތެރެއިން ވެސް އެންމެ އަވަހަށް އަޅާ ނިމުނު ތަނަކީ މިއީ،" ދިއްފުށީގެ ސްޓެލްކޯ އޮފީހުގެ ސްޓޭޝަން މެނޭޖަރު ހުސައިން ޝާފިއު ވިދާޅުވި އެވެ.
އިމާރާތް އެއްކޮށް ނިމުމާ އެކު، މިހާރު ވަނީ އާ އިމާރާތަށް އިންޖީނުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ސްޓެލްކޯއިން ދިއްފުށީގައި ނިންމައި ހުޅުވަން ތައްޔާރުވާ އިންޖީނުގެ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ދިއްފުށީ މީހުން މިހާތަނަށް އެންމެ ބޮޑު ޝަކުވާއެއް ކުރި އެއް ކަމަކީ ސްޓެލްކޯގެ އިންޖީނުގެ އިމާރާތުގެ ޖާގައިގެ ދަތިކަމެވެ. ބިލްތަކަށް ފައިސާ ދައްކަން ވަންނަ ތަނަށް އެއްފަހަރާ ދެ މީހުންނަށް ވުރެ ގިނައިން ވަދެ ތިބެވޭނެ ޖާގައެއް ނޯވެ އެވެ.
އަނެއް ކަމަކީ ކޮންޓްރޯލް ރޫމުގެ ޖާގައިގެ ދަތިކަމެވެ. ދެ މުވައްޒަފުން އެ ތަނުގައި ތިބޭއިރު ނޭނގިގެން ވެސް ގޮނޑި ފަހަތައް ޖައްސާލެވިއްޖެ ނަމަ އިންޖީނު ކުއްލިއަކަށް ނިވެ އެވެ. އެހާ ވެސް ޖާގަ ދަތި ކަމަށް ދިއްފުށީ އިންޖީނުގޭގެ ވެރިން ވިދާޅުވެ އެވެ.
ސްޓެލްކޯއިން ދިއްފުށީގައި ނިންމައި ހުޅުވަން ތައްޔާރުވާ އިންޖީނުގެ-- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝާފިއު ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ އިންޖީނުގޭގެ ކަރަންޓު ކެޕޭސިޓީއަކީ 2،200 ކިލޯވޮޓް ކަމަށެވެ. އެކަމަކު، އާ އިންޖީނުގޭގެ ޖާގަ ތަނަވަސް ވެފައި ބާ އިންޖީނުގެއާ އަޅާ ބަލާއިރު އޭގެ ތިން ގުނަ އިތުރަށް ކަރަންޓު ކެޕޭސިޓީ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ތަނުގެ ކަރަންޓު ކެޕޭސިޓީއަކީ ހަތް މަގެވޮޓް. އޭގެ ތިން ގުނަ އިތުރުވޭ. މި އިންޖީނުގޭގައި މި ހުންނަނީ ފަސް ބެޑު، ކޮންމެ ބެޑަކީ އެއީ 1.6 ގެ އިންޖީނެއް ބެހެއްޓޭ ވަރުގެ ބެޑެއް. ޕެނަލް ވެސް މިހާރު އެ ހުރީ އެހާވަރުގެ ޕެނަލްއެއް ގެނެސް އިންސްޓޯލް ކުރެވިފައި،" ޝާފިއު ވިދާޅުވި އެވެ.
ސްޓެލްކޯއިން ދިއްފުށީގައި ނިންމައި ހުޅުވަން ތައްޔާރުވާ އިންޖީނުގޭގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް-- ފޮޓޯ: ނިޝާން އަލީ / މިހާރު
ބޮޑުމިނުގައި 30،000 އަކަފޫޓުގެ އެ ބިމުގައި އޮފީހަކާއި ކައްކައި ކެވޭ ގޮތަށް ބަދިގެ އަކާއި ކޮފީ ކޯނާގެ އިތުރުން ނަމާދު ކޮޓަރިއެއް ވެސް ހުރެ އެވެ.
ސްޓެލްކޯގެ އެކި ބޭނުންތަކަށް މާލެއިން ދިއްފުއްޓަށް ދާ މުވައްޒަފުން ތިބުމަށް ބޮޑު އަގުގައި ގެތައް ކުއްޔަށް ނަގަން ޖެހޭ މައްސަލަ އަށް ވެސް ވަނީ އާ އިންޖީނުގެއިން ދާއިމީ ހައްލެއް ހޯދައިފަ އެވެ. އެ ތަނުގެ ގޯތިތެރޭގައި ވަނީ ދެ ކޮޓަރީގެ އެކޮމޮޑޭޝަން ބްލޮކެއް ހަދާފައިވާތީ އެއީ ހަރަދުގެ ގޮތުން ބޮޑު ލުޔެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ކޮންޓްރޯލް ރޫމް ވެސް އާ އިމާރާތުގައި ވަރަށް ބޮޑެވެ. އަދި ފިއުލް ލައިން ފިލް ސްޓޯރޭޖު އިތުރު ކުރުމަށް ދެ ތާނގީގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލައިފަ އެވެ،
ސްޓެލްކޯއިން ދިއްފުށީގައި މިހާރު ހިންގާ އިންޖީނުގޭގެ ކޮންޓްރޯލް ރޫމުގައި އެ ކުންފުނީގެ މުވައްޒަފަކު މަސައްކަތުގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މިއީ ރަށްރަށުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މީހުން ދިރިއުޅޭ ސަރަހައްދުގެ ތެރޭގައި އިންޖީނުތައް ހުރުން އޭގެ ރުޅިވެރިކަން އިންތިހާ އަށް އޮވެ އެވެ. ދިއްފުށީގެ ހާލަތަކީ ވެސް މިހާ ހިސާބަށް އެއީ އެވެ.
އެކަމަކު، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި އާ އިންޖީނުގެ އިމާރާތްކުރީ ދިއްފުށީގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ.
ޝާފިއު ވިދާޅުވިގޮތުގައި، މިހާރު ކުރަމުން އަންނަނީ ބާ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކެވެ. އެގޮތުން އެއް އިންޖީނު އިންސްޓޯލްކޮށް، ޓެސްޓު ކޮށްފައިވާ އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯއިން ދިއްފުށީގައި މިހާރު ހިންގާ އިންޖީނުގެއަށް އެ ކުންފުނީގެ މުވައްޒަފަކު ވަންނަނީ- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ ތަނުގައި ދެން ކުރަން ހުރި މަސައްކަތަކީ ތަނުގެ ފިނިޝިންގެ މަސައްކަތާއި ޕަވާ ހައުސްގެ ދެ އިންޖީނުގެ ގުޅާލުމެވެ. ޝާފިއު ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ އާ އިންޖީނުގެ، މި މަސް ނިމުމުގެ ކުރިން ހުޅުވައި ބޭނުންކުރަން ފެށުން ކަމަށެވެ.
މާލެ ސަރަހައްދު ހިމަނައިގެން ސްޓެލްކޯ އިން 35 ޕަވާ ސްޓޭޝަން ހިންގާއިރު ދިއްފުށީގައި އެ ކުންފުނިން ހިންގީ ނަމޫނާ ޕްރޮޖެކްޓަކަށް ވީ މަސައްކަތުގެ ސްޕީޑާއި ޖާގަ އިމާރާތް ޑިޒައިން ކުރި ގޮތް ތަނަވަސްވުމެވެ. މިއީ މުޅި އެ ރަށަށް ވެސް ލިބުނު ބޮޑު ލުޔެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy