އަލީ ޚާލިދުގެ ގެއިން ވަގަށް ގެންދިޔަ ބައެއް ތަކެތި ފުލުހުން ހޯދައިފައި.-- ފޮޓޯ: ޕޮލިސް
06 ޖުލައި 2025 - 13:19
ދައުލަތުގެ މީޑިއާގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ ގެއިން ވަގަށް ގެންދިޔަ ބައެއް ތަކެތި ފެނިފައި ވިޔަސް، އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މައްޗަންގޮޅީގައި ހުންނަ ގެއަކުން ވައްކަންކުރި މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ގެއިން ވަގަށް ގެންދިޔަ ބައެއް ތަކެތި ފުލުހުން ހޯދައި، ވެރިފަރާތާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އަލީ ޚާލިދުގެ ގެއިން ވައްކަންކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުގެ ސްކްރީންޝޮޓެއް.
ފުލުހުން ބުނީ، އެ ގެއިން ވަގަށް ގެންދިޔަ ތަކެތި ހޯދުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފުލުހުންގެ ހިންގިި އޮޕަރޭޝަނުގައި މިހާތަނަށް ހޯދުނު ތަކެތީގެ ތެރޭގައި އައިފޯނާއި ލެޕްޓޮޕާއި އެކި ބްރޭންޑުތަކުގެ އަވިއައިނާއި ޕްރިންޓަރާއި އެކި ބްރޭންޑުތަކުގެ ހާޑާއި ސްޕީކަރާއި އަތުކުރި ގަޑި އަދި އެހެނިހެން ތަކެތި ހިމެނޭ ކަމަށެވެ. އަދި ނުފެނިވާ ތަކެތި ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމްލަ އަގު 72،000ރ. އަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލީ ޚާލިދު މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ގެއިން ވައްކަން ކުރުމުގައި އެންމެ އިސްކޮށް ހުރި މީހާ އަދި ނުފެންނަ ކަމަށެވެ. އެއީ، ވަނަމަކަށް "ސަޓަޑޭ" ކިޔާ މީހެއް ކަމަށާއި އޭނާގެ އަސްލު ނަމަކީ ޒަމީލް ކަމަށެވެ. އޭނާ އުޅެނީ ފިލައިގެން ކަމަށް އަލީ ޚާލިދު ވިދާޅުވެފައިވެ އެވެ.
ވައްކަންކުރަން ދެ މީހަކު އަލީ ޚާލިދުގެ ގެއަށް ވަނީ ގޭގެ ފެންލައިޓަކުންނެވެ. ފެންލައިޓަށް އެ މީހުން އެރީ އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އެ ގެއާ ޖެހިގެން ހުންނަ ގެއަކުންނެވެ. އެ މީހުން އެ ގޭގެ ތެރޭގައި ވިއްސަކަށް މިނެޓު ހޭދަކުރި އެވެ.
އެ ގެއިން ވަގަށް ގެންދިޔަ އައިފޯން، ފުލުހުންގެ އެހީތެރިކަމާ އެކު ޓްރޭސްކޮށް، ވަގަށް ގެންދިޔަ ބައެއް ތަކެތި ވިއްކާލަން އުޅުނު ދެ މީހަކު ހޯދި އެވެ. އެ މީހުންގެ ފޮޓޯ ވެސް އަލީ ޚާލިދު ފޭސްބުކްގައި އާންމުކުރެއްވި އެވެ.
އެކަމަކު، ފުލުހުން މިއަދު ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑައިޖިން
07 July 2025
ބ. އޭދަފުށި ޗެކް ކޮށްލަންވީނު؟
ޔޫބޯ
06 July 2025
ހޮނިހިރޭ އަށް އިނގޭނެ ތިގޮލާ ވީތަނެއް
ބޮޑުކަމެއްނު
06 July 2025
ހަފްތާގެ ދުވަސްތަކުގެ ނަން އެބަ ޚަރާބުކުރޭ މިމީހުން. ހަފްތާގެ ނަންތައް ހަޑިކުރަން މިމީހުން އެ ނަންނަމުގަ މަޝްހޫރުކުރުން ހުއްޓާލަންވީ
ތުއިސްޑޭ
06 July 2025
މަންޑޭ ދޫކޮށްލާފަ ދެން ސަޓަޑޭ ހޯދަން އުޅުމުގެ ބޭނުމެއް އެބައޮތްތަ
ސަންޑޭ
06 July 2025
ސަޓަޑޭ ވީތަނެއް އެނގޭނި ފްރައިޑޭ އާއި ސަންޑޭއަށް...އެކަނި!
ފަހުދު.
06 July 2025
ސަޓަޑޭ އާއި މަންޑޭ ކުރީ އެއްކަމެއް އެކަމަކު މަންޑޭ ދޯކޮއްލާފަ މިހޯދަނީ ސަޓަޑޭ
ސަޓަޑޭ
06 July 2025
ފްރައިޑޭގެ ފަހުން ހަބަރެއް ވާނަން
ޚަލީމާ
06 July 2025
"ސަޓަޑޭ"ގެ ޚަބަރެއް ނެތާ، “ފުރައިޑޭ” ނުފެނި؟
ފްރައިޑޭ
06 July 2025
އަހަ މީ ސަންޑޭއޭ. ކިހިނެއް ސަޓަޑޭ ފެންނާނީ
މުލޭ
06 July 2025
ސަޓަޑޭގެ ޚަބަރު އަހަރެމެންނަށް ބަރާބަރަށްވޭ. އަހަރެމެން މިތިބެނީ ސަޓަޑޭގެ އިންތިޒާރުގައި އަބަދުވެސް. ފްރައިޑޭއާއި ސަޓަޑޭ އަކީ އަހަރެމެންނާ ވަރަަށް ގާތް ދެމީހުން. 5 ދުވަހުގެ މަސައްކަތުގެ ވަރުބަލިކަން މި ދެމީހުން ފިލުވައިދޭ.