ކްރިމިނަލް ކޯޓުގެ އިމާރާތް: އޮލިވް ގާޑެންއަށް ފޭކް ސްލިޕް ފޮނުވައިގެން ކެއި މީހަކު ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި.-- ފޮޓޯ: މިހާރު
07 ޖުލައި 2025 - 21:36
މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި މީހަކު ނުވަ މަހަށް ޖަލަށް ލުމަށާއި އަހަރަކަށް ވުރެ ގިނަ ދުވަހަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލަ ސާބިތުވީ ދ. ކުޑަހުވަދޫ، ޑޭޒީމާގެ، އަބްދުﷲ ފަޒީލްގެ މައްޗަށެވެ.
ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ، މަރަކާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް މި ދެ ދައުވާކޮށްފައި ވަނީ އެއް ހާދިސާއަކާ ގުޅިގެން ކަމަށް ވާތީ، އެ ދެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އެއްކޮށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނީ އޮގަސްޓް 22، 2019 އިން ފެށިގެން އޮކްޓޯބަރު 25، 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން އޭނާ އޮލިވް ގާޑެން ރެސްޓޯރެންޓުން ކާ ތަކެތި އޯޑަރުކޮށް، ކާ ތަކެތި ބަލައިގަނެފައިވާ ކަމަށެވެ. އޭނާ އެ ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން އަސްލު ބިލުގައިވާ ފައިސާއަށް ވުރެ މަދުން ފައިސާ ފޮނުވާފައިވާ ކަމަށާއި ސައްހަ ނޫން ސްލިޕް ހަދައިގެން ވެސް ވައިބާ މެދުވެރިކޮށް އެ ރެސްޓޯރެންޓަށް ސްލިޕް ފޮނުވާ ކަމަށް އެ ހުކުމްގައި ބުންޏެވެ.
ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ރެސްޓޯރެންޓުން އެކި ދުވަސްމަތިން 115،000ރ. ގެ ވިޔަފާރި އޭނާ ކޮށްފައިވާ ކަމަށް ހުކުމްގައިވެ އެވެ.
ފަޒީލް ވަނީ ކޯޓުގައި އެ ދެ ދައުވާ އަށް ވެސް އިއުތިރާފުވެފަ އެވެ.
މަކަރާއި ހީލަތް ހެދުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާތީ އާއި ކުށަށް އިއުތިރާފުވެފައި ވާތީ އަދި ބަންދުގައި ހޭދަކުރި ދުވަސްތައް ކެނޑުމަށް ފަހު، ފަޒީލް ހަ މަސް ދުވަހަށް ގޭގައި ބަންދުކޮށް، އެއް އަހަރާއި 22 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. ގޭގެ ބަންދުގެ މުއްދަތެއް ދިނީ އޭނާ ކޯޓުގައި އެކަމަށް އެދިފައި ވާތީ އެވެ.
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ފަޒީލްގެ މައްޗަށް ސާބިތުވާތީ އާއި ކުށަށް އިއުތިރާފުވެފައި ވާތީ އަދި ބަންދުގައި ހޭދަކުރި ދުވަސްތައް ކެނޑުމަށް ފަހު، އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
އެހެންވެ، އެއް އަހަރާއި ހަތަރު މަސްދުވަހަށް ވުރެ ގިނަ ދުވަސް ފަޒީލް ޖަލުގައި ހުންނަން ޖެހޭނެ އެވެ.
މި މައްސަލާގައި އޮލިވް ގާޑެން ރެސްޓޯރެންޓް ހިންގާ ކުންފުނި، ސަންރައިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓުން ވަނީ އޮޅުވާލައިގެން ފަޒީލް ހިންގި މުއާމަލާތްތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 115،000ރ. ނަގައިދޭން ވެސް އެދިފަ އެވެ. ކޯޓުން ވަނީ މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަށް އެ ފައިސާ ދައްކަން ފަޒީލްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޅުމަސް
08 July 2025
އޭނާ ބޭނުންވީ ފްރީކޮށް ކާން.. މިހާރު ޖަލުން ވެސް ފްރީކޮށް ކާން ލިބޭނެ.. އޭނާއަށް ލިބުނު އަދަބެއް ނެތް ތިކަމުގައި.. އޭނާ ބޭނުންވި ގޮތަށް ތިވީ...
ރުފީނާ
08 July 2025
ޖަލަކީ ތިކަހަލަ ހުރިހާކަމެއްގެ ހެޑްކުއާޓާސް. ނަމަނަމަ އޭނަ ޖަލަށްނުލާތި. އާދޭސްކޮށްފަ މިބުނަނީ. އޭނަ ޖަލަށްނުލާތި. ގޭގައި ބައިންދާ.
ޖުމްހޫރިއްޔާ
08 July 2025
2-3 މިލިއަނުން ކޮށްލިނަމަ ސުޓޭޓް މިނިސްޓަރު ނުވަތަ ބޭރު އެންބަސީއަކަށް ދާން ފަތްކޮޅު ލިބުނީސް.
ޕިކްސް
08 July 2025
ތިތަނުން ޓެކްސް ރަނގަޅަށް ދައްކާބާ؟ 2 އަހަރުވިއިރު ފޭކު ސިލިޕް ފޮނުވިކަން ނޭގޭ
ކލ
08 July 2025
ސާބަހޭ ފަޒީލް! ދެ އަހަރު ވަންދެން ގޭގެ ކެއިންބުއިމުގެ ކަންތައް ހިލޭ ކުރެވިއްޖެ. ދެން ޖަލަށް ގޮސް ރަނގަޅަށް ތައުބާ ވެގެން އާދޭ.
ކޮކީ
08 July 2025
ތި ތަނުގެ އޮޑިޓް ކުރޭ ބާ؟
ހެޔޮއެދޭ
08 July 2025
މަސްތުވާތަކެތި ވިއްކާމިޙާ، ގަންނަ މީހާ، ބޭނުންކުރާ މީހާ އުޅޭނެގޮތަކަށް އުޅެންވީ
ތެފައާސާ.
08 July 2025
ކެވުނުލެއް މަދުވެފައި ކާން ޖެހޭގޮތަށް ނުކެވުނީމައޭ އަސްލު ޖަލަށްދާން ތި ޖެހުނީ. މިލިއަނަކަށްވުރެ ގިނައިން، އަދި ބައި އަޅަންވާމީހުންނަށް ބައި އަޅައިގެން ކޭ ނަމަ ޖަލަށް ދާކަށް ނުޖެހުނީސް. ޔަގީން ކަމެއް.
މިލޫ
08 July 2025
ޖޫރިމަނާ އެއްކޮށް ކޮންމެ ދުވަހަކު އޮފީސް ތަކަށް މީހުންދާ ހަލަ ބޮލި ގަޑީގަ އެންމެ އޮފީސްތައް ގިނަ ހިސާބުގެ މަގުތަށް ކުނި ކަހާ ސާފު ކުރުވަ ބަލަ. ދިވެހިން ވަރަށް ލަދު ގަތްނާނެ މި ކަހަލަ ކަންތައް މީހުންނަށް ފެންނަ ގޮތަށް ކުރަން. ނޫނީ އޮލިވް ގާރޑަންގެ ތަށިތައް ދޮވެ ވެއިޓަރުކަން ކުރަން ޖައްސާ.
މުލޭ
08 July 2025
115000 ރުފިޔާއަކީ ގެއްލުމުގެ ބަދަލެއް ނޫން. އެއީ ގެއްލުނު ނުވަތަ ނުލިބި ހުރި ފައިސާ. ގެއްލުމުގެ ބަދަލަކަށްވާނީ ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމެއްވާނަމަ އެކަމެއް.