ފްލެޓްތަކާ ގުޅޭ ގޮތުން ފަހި ޔޫނިއަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަލީ ހުސެއިން ވާހަކަ ދައްކަވަނީ.
10 ޖުލައި 2025 - 13:44
ގެދޮރުވެރިޔާ މަޝްރޫއުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4،000 މީހުންގެ ތެރެއިން ބައެއް މީހުން މާލޭގައި 15 އަހަރު ނުވާތީ ޝަރުތު ހަމަނުވާ ކަމަށް އަންގައި ހައުސިން މިނިސްޓްރީން ފޮނުވާ ސިޓީގައި ސައްހަ ނޫން މައުލޫމާތު ހިމެނޭ ކަމަށް، ފަހި ޔޫނިއަން އިން މިއަދު ބުނެފި އެވެ.
ކުރީގެ ސަރުކާރުން ހުޅުވާލި ސްކީމުން ފްލެޓް ލިބުނު މީހުންގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ ފަހި ޔޫނިއަނުގެ ފަރާތުން ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ މާލޭގައި 15 އަހަރު ދިރިނޫޅޭތީ ފްލެޓް ނުލިބޭނެ ކަމަށް ބައެއް މީހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެ ސިޓީތައް ފޮނުވާފައި މިނިސްޓްރީން މައުލޫމާތުތައް ކަށަވަރު ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި ފްލެޓް ލިބޭނެ ކަން އަންގާފައިވާ މާލޭ ސްކޫލެއްގެ ޓީޗަރަކު ތ. އަތޮޅުގެ ސްކޫލެއްގައި 2012 ވަަނަ އަހަރުން ފެށިގެން 2017 އާ ހަމައަށް މަސައްކަތްކުރި ކަމަށް މިނިސްޓްރީން ވަނީ ސިޓީ ފޮނުވައިފަ އެވެ. އެހެންވެ މާލޭގައި ދިރިއުޅުނު މުއްދަތުގެ ބައިން ޝަރުތު ހަމަނުވާ ކަމަށާއި އެ ސްކޫލުން އެ ޓީޗަރަށް ޕެންޝަން ޖަމާކޮށްފައިވާ ކަމަށް ވެސް ސިޓީގައި ލިއެފައިވާ ކަމަށް ފަހި ޔޫނިއަން އިން ބުންޏެވެ.
"އެކަމަކު އެ ސިޓީ[ ހައުސިން މިނިސްޓްރީ] އިން އެ މީހާއަށް މި އެނގެނީ އެ ނަން ކިޔާ ރަށެއް ވެސް އޮންނަ ކަން. އެއީ އޭނާ ދަންނަ ތަނެއް ވެސް ނޫން،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސިޓީ ސްކޫލަށް ފޮނުވައިގެން ބެލިއިރު، ދުވަހަކު ވެސް އެ ޓީޗަރަކު އެތަނުގައި މަސައްކަތްކޮށްފައި ނުވާ ކަމަށް ސްކޫލުން ޖަވާބުދީފައިވާ ކަމަށެވެ. އަދި ސްކޫލުން ޕެންޝަން ޖަމާނުކުރާ ކަމަށް ޕެންޝަން އޮފީހުން ވެސް ބުނެފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"ތި އައިޑީކާޑުގައި އޮތް މީހަކު ނެތޭ މަސައްކަތްކޮށްފައި [ސްކޫލުގައި]. ޕެންޝަން އޮފީހުން ވެސް އެބަ ބުނޭ ނޫނެކޭ ފައިސާ ދިން ކަމަށް ނުދައްކައޭ. އެކަށީގެންވާ ވަރަށް ނުބަލާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިޓީ ފޮނުވަނީ،" އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ އެކަން ހިނގަމުންދާ ގޮތްބެލިއިރު އެކަމަކީ ހައުސިން މިނިސްޓްރީގައި މިނިސްޓަރާ ދެކޮޅު ބަޔަކު ކުރަމުންދާ ކަމެއްކަން އެނގިފައިވާ ކަމަށެވެ. އެހެންވެ، އެކަން ބަލައި އެ މީހުންނަށް ފިޔަވަޅު އަޅަން އޭނާ ގޮވާލެއްވި އެވެ.
ފްލެޓް ލިބެނީ މާލޭގައި 15 އަހަރު އުޅުނު މީހުންނަށް ކަމަށް ބަޔާންކުރާއިރު މާލޭގައި އުޅޭ މީހަކު މަސައްކަތުގެ ބޭނުމެއްގައި ރަށަކަށް ދިޔަ ނަމަވެސް އެއީ މާލޭގައި އެ މުއްދަތުގައި އުޅުން ކަމަށް ނުބަލާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އެކަމަކު އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ސަބަބަކީ ބައެއް ކަހަލަ މަސައްކަތްކުރާ މީހުންނަކީ ރަށުން ބޭރަށްދާން ޖެހޭ މީހުންނަށް ވުމެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުުހުންނާއި ޕްރިންސިޕަލުންނާއި ސިފައިންނާއި ފުލުހުން ހިމެނޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. މާލޭގައި ރަށްވެހިވެގެން އުޅޭ އެ މީހުން، ރަށުން ބޭރަށް ދިޔަ ނަމަވެސް އަނބިދަރިން މާލޭގައި އުޅޭކަން އޭނާ ފާހަގަކުރެއްވި އެވެ.
އެފަދަ ހާލަތެއް ހިއްސާކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ އުމުރުން 13 އަހަރުން ފެށިގެން މާލޭގައި ދިރިއުޅެމުން އަންނަ ނަރުހަކަށް ވެސް މިގޮތަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
މާލޭގައި އޭނާ ދިރިއުޅުނު ގެއިން ކުއްލިއަކަށް ނުކުންނަން ޖެހުމުން ވަގުތީ ގޮތުން ރަށަށް ބަދަލުވެ ސިއްހީ މަރުކަޒުގެ ވަޒީފާއާ ގުޅުނީ އެވެ. އަލީ ހުސެއިން ވިދާޅުވީ އެ މުއްދަތުގައި ވެސް އޭނާގެ ފިރިމީހާ އުޅެމުން އައީ މާލޭގައި ކަމަށާއި އަހަރެއްހާ ދުވަސް ފަހުން މާލެއަށް އަލުން ބަދަލުވި ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"އެކަމަކު ހައުސިން މިނިސްޓްރީން މި ބުނަނީ ނޫނެކޭ މިއޮތީ [މާލޭގައި ދިރިއުޅުނު މުއްދަތު] މެދުކެނޑިފައޭ."
އަލީ ހުސެއިން ވިދާޅުވީ ފަސް އަހަރުވަންދެން ވަކި ތަނެއްގައި އުޅެފި ނަމަ، ގާނޫނުތައް ހުރި ގޮތުން އެ މީހަކު އެތަނަށް ރަޖިސްޓްރީ ވެސް ކުރެވޭ ކަމަށެވެ. އެހެންވެ، ވަގުތީ ގޮތުން ބަދަލުވެ، އެތަނުގައި ފަސް އަހަރުނުވާ ނަމަ، އެ މީހަކު އެތަނުގައި އުޅުނު ކަމަށް ގާނޫނީ ގޮތުން ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
މި ޔޫނިއަނުން ބުނަމުން އަންނަނީ ކުރީގެ ސަރުކާރުގެ ލިސްޓަށް އަވަހަށް ފްލެޓް ހަވާލުކުރަން ޖެހޭ ކަމަށެވެ. މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ނޮވެމްބަރު 2023ގެ ލިސްޓާ އެއްގޮތަށް، ޝަރުތު ހަމަވާ އެންމެންނަށް މި މަހުން ފެށިގެން 4،000 ފްލެޓް ހަވާލުކުރުމަށެވެ.
އެކަމަކު، ފްލެޓް ހަވާލުކުރުމުގެ ކުރިން، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ޝަރުތު ހަމަނުވާ ނަމަ، އެ މީހަކު ލިސްޓުން އުނިކުރާނެ ކަން ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލެޓު ލިބޭ ށަރުތު ހަމަވޭ
11 July 2025
ފުލެޓުތަށް ލިބޭމީހުންގެ ލިސްޓް ކުރިންނެރެފަ ވަނިކޮށް މިސަރުކާރުން އަތްބާނައިގެން ކޮންކަމެއްމިކުރަނީ ކޮންބޭކާރު ހަރަދު ތަކެއްކޮއްގެން ބޭކާރު މަސައްކަތްކުރަނީ ކޮންބޭނުމަކު ނިމިފައޮތްކަމެއް ވެރިކަމަށް އާއިރުގަ ބުނިބަސްހަދާންނެތިގެންމިއުޅެނީ ގަޓުހުރިއްޔާ ނިކަން ކުރީގެސަރުކާރުގެ ލިސްޓް ބަލާފަ ފުލެޓުލިބިފަ ތިބިމީހުނަށް ދީނިއްމާލަބަލަ.
ގުދުގުދާބެއްޔާ
11 July 2025
މިފަހަރު ހުޅުމާލެއިން ފުލެޓް ލިބިފައިވާ ރަށްރަށުގެ މީހުންނަށް އެމީހެއްގެ ރަށުން އެބަހުރި 3000 އަކަފޫޓްގެ ގޯތި ލިބިފައި އެތަން ރަޖިސްޓްރީ ނުކޮއްބާއްވަނީ ހުޅުމާލެއިން ފުލެޓް ހޯދުމަށް! ހައުސިންގ މިނިސްޓްރީން ކައުންސިލާ ގުޅައިގެން މިކަންބަލާބަލަ ވަރަށްގިނަ މީހުން މިގޮތައް ކަންތައްކޮއްފަވަނީ! ފުލެޓް ދޭނަމަ މިތަންތަން ސަރުކާރަށް ނަގާފަ ނޫނީ ދިނުން އަދުލުވެރި ނުވާނެ!
އަންދަލޫސިޔާ
11 July 2025
ޝަރުޠު ހަމަނުވަންޏާ ފްލެޓް ދޭކަށެއް ނުޖެހޭ. ރަށު ވަޒީފާގައި 5 އުޅެފައި މާލޭގައި އުޅުނު މުއްދަތުގެ ތެރެއަށް އެބައި އެއްކުރެވިގެން ނުވާނެ. މެދުކެނޑިގެންނވިޔަސް މަދުވެގެން 15 އަހަރު މާލޭގައި ނޫޅޭ މީހުންނަށް ފްލެޓް ދީގެން ނުވާނެ. އަހަރެމެން ބޮޑު ކުލީގައި މާލޭގައި 26 އަހަރު ވެއްޖެ! ކިޔަވަން 6 އަހަރު ބޭރުގައި އުޅުނީތީ ފްލެޓް ނުދޭ. ދޭން ވެސް ޖެހޭ. މާލޭގައި 15 އަހަރު މަދުވެގެން ނޫޅެންޏާ ޝަރުޠު ހަމަވެގެން ނުވާނެ!
ވާންޗޯ
11 July 2025
ފުލެޓް އެއް ނުދޭނެ، ދައުރު ވެސް ނިމޭނެ، ބައްލަައްޗޭ
ސޯދިގުބެ
11 July 2025
ފުލެޓް, ގޯތި ކުރިން ލިބިފަ, ތިބި މީހުންނަ ގޯތި އަދި ފުލެޓް ދިނުމަކީ, އެންމެ އިންސާފު ގޮތްކަމަށް ފެންނަނީ, ސަބަބަކީ, ފުލެޓް ގޯތި ގެންގުޅުމުގެ ތަޖުރިބާ އެމީހުންގެ ހުންނާނެ, އަހަރަމެން އަލަށް ގޯތި ފުލެޓް ހަވާލު ކުރީމަ ގެންގުޅެން ނޭގި, ކުރިން ފުލެޓް ލިބިފަ ތިބި މީހުންގެ ކާރިން ޓްރޭނިން ހޯދަން ޖެހޭތީ, ސަރުކާރުން ވިސްނާނެތީ, މިހެން މިދިމާވެނީ, ނޫންތޯ?
ޕިސް
11 July 2025
ކީކޭ ނުކީގެން ތިއުޅެނީ އަޅެފަހެ؟؟؟
ފިޔަވަޅު
11 July 2025
ކަންބޮޑުވާނެ ކަމެއް ނެއް . މަ މާލޭގަ އުޅޭތާ 20 އަހަރު ވަނީ . އެކަމް މަ އެ4000 ލިސްޓަށް ނާރަ މަ ކޮއްކޮ އެރީ ކީއްވެ . މަ އެމްޑީޕީ އަށް ސަޕޯޓް ނުކުރާތީ . ކޮއްކޮ މާލެ އައިސް 10 އަހަރު ނުވެ . އެލިބުނީ . ހިޔާއިން ލިބުނު ފުލެޓް ވެސް އަތުލީ . ހަމަ އެމްޑިޕީ އަށް ސަޕޯޓް ނުކުރާތީ.
ފިޔަވަޅު
11 July 2025
އަހަރެމެންނަށް ލިބުނު ހިޔާ ފުލެޓް އަތުލާފަ އެމްޑީޕީ މީހުންނަށް ދިން އިރު މީނަ ޔުނިޔަން ހަދައިގެން ނުނިކުތީ ކީއްވެބާ . ؟
މާމަހި
10 July 2025
އަލީހުސެއިން ބުނާހާކޮންމެގޮތަކީ އެކަން އޮންނަންޖެހޭނެ ގޮތެއްކަމުގައި ނުދެކެން. އީމާ މާލޭގައި އުޅެފައި ރަށަށް ދިޔައީ ވިހަން. ކާފަޔާއި މާމަ އުޅުނީ މާލޭގައި..އެއްބަނޑު މީހުންވެސް. 21 އަހަރު ފަހުން މާލެ އައީ ކުއްޖާއަށް އިތުރަށް ކިޔަވައިދެން. އީމާ އަށާއި އޭނާގެ ދަރިޔަށް ފުލެޓު ނުދޭންވީ ސަބަބެއް ނުފެނޭ. އެންމެނަށް ފުލެޓު ލިބެންޖެހޭ.
ސިބާނީ
10 July 2025
އުއްމީދުކުރަނީ ހުރިހާ އެންމެންނަށްވެސް ފްލެޓް ލިބޭނެކަމަށް!
ނުލިބޭ މީހުންގެ ޔޫނިއަން
10 July 2025
ފަހި ޔުނިއަން އިން އަޅުގަނޑުމެންގެ މަސައްކަތަށް ނުފޫޒުފޯރުވާތީ ނިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން . އަދި ފިޔަވަޅުއަޅާނެ ކަމުގެ ޙަރުކަށި އިންޒާރުދެން.