ބްލެކްމެއިލްކުރުމާއި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެމީހުން.-- ފޮޓޯ: ޕޮލިސް
03 އޯގަސްޓް 2025 - 13:33
އޮރިޔާންކާޑު ހުރި ކަމަށް ބުނެ މީހަކަށް ބްލެކްމެއިލްކޮށްގެން އޭނާގެ އަތުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ބްލެކްމެއިލްކޮށްގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މައްސަލަ ބަލަނީ ވަކިވަކިން ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީ، 32، އާއި މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް، 33، އެވެ.
ފުލުހުން ބުނީ ފަވާޒު ހައްޔަރުކުރީ ބްލެކްމެއިލްކޮށް، ބިރުދައްކައި، ފައިސާ ހޯދި މައްސަލަ އާއި މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ. އަދި، ފައިނާޒް ހައްޔަރުކުރީ މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އޮރިޔާންކާޑު ހުރި ކަމަށް ބުނެ ދިވެހި ފިރިހެނަަކަށް، ފަވާޒު ބިރުދައްކައި، ބްލެކްމެއިލްކޮށް، އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 19 ގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް އެއްކޮށް، ވަރަށް ގިނަ ކަންކަން ބަލާފައިވެ އެވެ. ފަވާޒު ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު، ސިމް ކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ.
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް، ފައިނާޒް ލައިގެން ހުރި އަންނައުނު ތެރެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަސިމް
05 August 2025
ކޮން ހަތް ދުވަހެއްތަ ވާނުވާ ޖަހާފަ ޖަލުގަ ބާއްވާ.
ކޮރަލް
03 August 2025
ދިވެހި ފިރިހެނުންގެ އެންމެ ގިނަ އޮރިޔާން ކާޑް ހުންނާނީ ބިދޭސީ އަންހެނުން އަތުގަ އެވެ. މީހުނާ އިނދެގެން އުޅޭ ބައެއް ފިރިހެނުން ވެސް ހުންނަނީ މުސާރަ ނުލިބިގެންނެވެ. ކަންނެލި ދޯނި މާލެ ނައިސްގެންނެވެ. މަސާޖް ޕާލާގަ ވެސް އެކަމެވެ. ގެސްޓޤ ހައުސް އާ އެޕާޓްމަންޓް ތަކުގަ ވެސް އެކަމެވެ. ދިވެހީން ބިދޭސީއަކު ބަހައްޓާއިގެން ހަށި ވިއްކަނީ އެވެ.
ސަދސަދ
03 August 2025
މާލޭގައި އެތައް ބައިވަރު ތައުލީމާއި ތަރުބިއްޔަތުދޭ ތަންތަން ހުއްޓަކަސް ބައެއް މީހުންނަށް އެތަންތަނުން މާކަ ބޮޑު މަންފާއެއް ނުކުރޭދޯ؟
ފޮނިޓައްޕު ހަސަނު
03 August 2025
ޑްރަގްވިޔަފާރި އާއި މީހުން މެރުން ފަދަ ކުށްތަކަށް ގާނޫނު އުގޫބާތުަގައި މަރުގެ އަދަބު ކަނޑައަޅައި އަދި ސުޕްރީމްކޯޓުގެ މަރުހަލާ ނިމޭތާ 30 ދުވަހުގެ ތެރޭގައި ހުކުމް ތަންފީޒު ކުރަން ގާނޫނަށް ބަދަލު ގެންނަން ވީ، ފޭރުމާއި، ދައުލަތުން ވައްކަން ކުރުން، ބްލެކްމެއިލް ކުރުން، ސްކޭމުކުރުން ފަދަ ކުށްތަކަށް ކޮންމެ ދުވަހަކު 8 ގަޑިއިރުގެ ބުރަ މަސަތްކަތާއި އެކު 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނު އިސްލާހު ކުރަންވީ.
ބަބްސް
03 August 2025
އަހަރުމެންނަށް އޮތީ މިގޮތަށް ކޮމެންޓް ކޮށް ލައިކްދީދީ ތިބުން. އިންތިހާބަށް ޤާނޫނެއް ހަދާފާނެ އަމަލެއް ނުކުރާނެ. މިހާރުވެސް މަރުގެ އަދަބު ޤާނޫނުގައި އެބައޮތް ތަންފީޒެއް ނުކުރޭ .. އަބަދުވެސް ބަހަނާ ދައްކަނީ. ކުއްތަކުގެ %90 ފަހަތުގެ މަސްތުވާ ތަކެތި. ޤައުމުގެ ބޮޑު އާބާދީއެއް މިވަބާގައި ޖެހިފައި.
ބަކަމޫން
03 August 2025
އޭރުންތާ ފްރޭމްކޮށްފާ މީހުންގެ ދުވަސްދުއްވާލެވޭނީ
ރަދީފްއޮފިޝަލް /
03 August 2025
ބްލްކްމެއިލް ކުރިއަސް ފޮޓޯ ނުހުންނާނެކަމުގެ ޔަގީންކަން އޮންނަން ޖެހޭނެ.ތިހެން 3 ލައްކަ ޕަކަޅާ ކުރެވޭނަމަ އަހަރުމެންގެ ޕްރައިވެސީއެއް ވެސް ނެތެއްނު.
ޕަކޯޅާ
03 August 2025
އެމީހަކު ވާނީ ގޯސް ހަދާފަ އެހެންވެ ޕަކަޅާ ނޫން ޕަކޯޅާ ވެސް ކުރެެވޭނެނު
ބޭޗާރާ
03 August 2025
ގޯހެއްހެދިއްޔާ އެމީހެއްގެ އަތުން ލާރިފޭރޭންޖެހޭތަ؟