ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މީހުންގެ ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރުދައްކާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު އާންމުކުރި ބަޔާނެއްގައިވަނީ މިހާތަނަށް ރިޕޯޓްކުރި އެފަދަ މައްސަލަތަކުގެ ތެރޭގައި ޒާތީ މައުލޫމާތު އާއްމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މީހުންގެ އަބުރަށް ގެއްލުންވާފަދަ އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް އުފެއްދުމުގެ މައްސަލަތައް ވެސް ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހުށަހެޅި ގިނަ މައްސަލަތަކުގައި ހިމެނެނީ ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކުރާ ތަކެތި ކަމަށެވެ. އަދި އެ ގުޅުން ކެނޑުމުން އަނެކާގެ އަބުރު ނަގާލުމަށާއި ބިރުދެއްކުމަށާއި ޒާތީ މަންފާއަކަށް އެ ތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެކެވެ. މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އަބުރަށް އުނިކަން އާދެ އެވެ. ވަކިން ހާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑު ވެސްވެ އެވެ.،" ވެބްސައިޓުގައިވެ އެވެ.

ފުލުހުން ވަނީ ބްލެކްމެއިލް ކުރުން ފަދަ ކުށްތަކުގެ ޝިކާރައަކަށްވުމުން ދުރުހެލިވުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯ އާއި ވީޑިއޯ އުފެއްދުމާއި ރައްކާކުރުން އަދި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވާން އެދިފަ އެވެ.

އޭގެ އިތުރުން މައުލޫމާތެއް ނުވަތަ މަންޒަރެއް ހިއްސާކުރާ ހިސާބުން އަމިއްލަ ބާރުގެ ދަށުން ނެއްޓި، އެހެން ފަރާތްތަކަށް ފެތުރިދާނެ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެފަދަ ތަކެތި ފެތުރުމުގައި ބައިވެރިނުވުމަށާއި އަދި އެ އަމަލުތަކަށް ހިތްވަރު ނުދިނުން އަދި އެއީ ވެސް ކުށަކަށް ވެދާނެ ކަމެއްކަން ދަނެގަތުމުގެ އިތުރުން ޒާތީ މައުލޫމާތު ނުވަތަ މަންޒަރު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ރިޕޯޓުކުރަން ވަނީ އެދިފަ އެވެ. 

ފުލުހުން ބުނީ ޒާތީ މައުލޫމާތާއި މަންޒަރުތައް ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އަނިޔާލިބޭ މީހުންގެ ކަރާމާތަށް އުނިކަން ލިބޭނެ ކަންކަމުން ދުރުހެލިވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.