ބައްސާމް: އޭނާ ވިދާޅުވަނީ ދިފާއީ ވަކީލަކު ހަމަނުޖެހޭ ކަމަށް - ފޮޓޯ: މިހާރު
09 ސެޕްޓެމްބަރ 2025 - 16:11
އެފްއޭއެމަށް ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ތުހުމަތުން ދިފާއުވާން ދިފާއީ ވަކީލަކު ހޯދަން މަސައްކަތްކުރި ނަމަވެސް އެކަން ހަމަނުޖެހިގެން އުޅޭ ކަމަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ.
އެ ދެ ދައުވާއާ ގުޅޭ ޝަރީއަތް ފަށަން މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވިއިރު ބައްސާމް ވަޑައިގެންނެވީ ވަކީލަކާ ނުލަ އެވެ. އޭނާ ވިދާޅުވީ ވަކީލަކު އައްޔަން ކުރަން ވަރަށް މަސައްކަތްކުރި ނަމަވެސް، މިހާތަނަށް ވަކީލަކު ހަމަނުޖެހޭ ކަމަށެވެ. އެހެންވެ، ވަކީލަކު ހޯދަން އިތުރު މުއްދަތެއް ދެއްވުމަށް ބައްސާމް އެދިވަޑައިގަތެވެ.
ނަމަވެސް، ގާޒީ ނިންމެވީ މިއީ ދައުވާކުރިތާ ގިނަ ދުވަސްވެފައި އޮތް މައްސަލައަކަށްވާތީ އިބްތިދާއީ މަރުހަލާ ފެށުމަށެވެ. އެގޮތުން ދައުލަތުން މިއަދު ވަނީ ބައްސާމްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.
އެ ދައުވާއަށް ޖަވާބުދާރީވާން އިތުރު އަޑުއެހުމެއް މި މަހު ފަހުކޮޅަށް ތާވަލުކުރި އެވެ. އަދި ވަކީލަކު އައްޔަން ކުރަން ބައްސާމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެ މުއްދަތުގައި ވަކީލަކު އައްޔަން ނުކުރެވުނު ނަމަވެސް، ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގާޒީ އެންގެވި އެވެ.
މި މައްސަލަގައި ބައްސާމްގެ މައްޗަށް ދެ ދައުވާ އުފުލާފައިވަނީ އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ އަށް ކޮޓަރި އާއި 10 ފާހަނައިގެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭގޮތަށް ދައްކަންޖެހޭ ޖުމްލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެ ތަނުގެ އަގަށްވާ ފައިސާ، އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ.
ހިޔާނާތުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. މަނީ ލޯންޑްރިންގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 100,000ރ. އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.
އެ ދައުވާތަކުގެ އިތުރުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމް އަތުން 1.2 މިލިއަން ޑޮލަރު ނެގުމާއި އެ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ދައުލަތުން އެދިފަ އެވެ.
ބައްސާމްގެ މައްޗަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ފުރަތަމަ އުފުލި ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅޭ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލަގެ އަޑުއެހުންތައް އޮތީ ނިމުމާ ގާތުގަ އެވެ.
މައްސަލައިގައި ނަގަން ޖެހޭ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުން މިމަހުގެ 23 ވަނަ ދުވަހަށް ތާވަލްކޮށް، މިމަހުގެ 29 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވަން އަޑުއެހުން ވަނީ ތާވަލުކޮށްފަ އެވެ. ހުލާސާ ބަޔާނަށްފަހު އޮންނާނީ މައްސަލާގައި ގޮތް ކަނޑައަޅައި، ހުކުމް އިއްވުމުގެ މަޖިލީހެވެ.
މި މައްސަލާގައި ބައްސާމް ފުރަތަމަ އައްޔަން ކުރި ވަކީލުން މައްސަލައިން ތަނާޒަލްވިއިރު، މިހާރު ވެސް ކުރިއަށް ދަނީ ދެ ވަކީލަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
10 September 2025
ޢެސޮރަށްދީފަހުރި އެޕާޓް ދައުލަތަަށްނަގާފަ ލާރިހޯދާބަލަ..... ބޮއިހަލަކި
ހޯދާބެލީމަ ފެންނާނެ
09 September 2025
ވަކީލެއް ނުލިބެޔޭ؟ މީނަގެ މައްސަލަތައް ފެށިއިރު ރާއްޖޭގެ އެންމެ ހައިޕްރޮފައިލް ވަކީލުން މީނަގެ މައްސަލައިގަ އުޅުނު. ކޯޓަށްވެސް އެމީހުން ދިޔަ. އެމީހުން ވަކީލުކަމުން ވަކިވާނީ ގައިމު ކޮންމެވެސް ކަމެއް ވެގެންތާ! މިހާރު ނޫހުން އެކަން ބަލާބަލަ.
މިއީދޯ އަސްލު ބަސްކޮޅު
09 September 2025
"ތިމަންނަ ދިފާއުގަ ދޮގު ހަދައިދޭނެ މީހަކު ނުވެގެން މިއުޅެނީ"
މަނިކްކޮސް
09 September 2025
ސިދާ މިނަގެ ސަބަބުން ދިވެހި ފުޓުބޯޅަ މަހާދަށަ ދިޔައީ ، އަދިވެސް ދިވެހިނަށް ފިލާވަޅެ ނުލިބޭތަ؟ ކޮރްޝަންގެ ހިތި ރަހަ އަދިވެސް ނުވިސްނޭތަ؟
ޢަނީބައި
09 September 2025
1 އިރު ކެވޭނެ ފެންވަރުވެސް ނެތް ދޯ.ބޮޑުވަގާ
އަޅި އަލި
09 September 2025
އޯކޭ ވާނެ! ހުކުމް ތަންފީޒުކޮށް ނިންމާފަ އައިސް ދިފާއީ ވަކީލަކު ހޯދާނީ! އޯކޭ ވާނެ!
ހަލާކު
09 September 2025
ދެން ވަކީލަކުނުލިބި މީނަ އެންމެ ފަހުން ސަލާމަތްވާތަން ފެންނާނީ. ރިހާކުރުފުޅި ވަގަށްނަގާ މީހާއަށް އިންސްޓެންޓް ޖަސްޓިސް މީނަ ބޭނުންގޮތެއް.
ރަދީފު ބިން ރަފައިދާ
09 September 2025
ބައްސާމުވެސް ވިދާޅުތޯވަނީ؟ އަދީބު ވިދާޅުވަންޏާ ބައްސާމުވެސް ވިދާޅުނޫންތޯ ވާނީ؟ ބައްސާމަކީ ކުޅިވަރުގެ އަދީބުވިއްޔަ.
ނަގިއްޔާ
09 September 2025
ބައްސާމުވެސް ވިދާޅުވަނީތަ އެހެންވެއްޖެއްޔާ ރިހާކުރުފުޅި ވަގަށްނަގާ މީހާވެސް މިދާޅުވާނީ. "އެމަނިކުފާނުއަށް ރިހާކުފުޅި ވަގަށް ނެގުނީ އޮޅިވަޑައިގެން"
ފުޓްބޯޅައަނިޔާ
09 September 2025
ޖަލަށްލާބަލަ. މުއިއްޒަށް 8 ވޯޓް ހޯދައިދޭނަން. މީނަ ޖަލަށްލައިފިއްޔާ
ހެޔޮވާނެތަ؟؟
09 September 2025
ބައްސާމް ހެދި ގޮތަށް ގައުމަށް ހަދާލިޔަސް ކަލެއަށް އޯކޭ ދޯ؟