ބ. ދޮންފަނުގައި މިދިޔަ އަންގާރަ ދުވަހު ކުރި މުޒާހަރާގެ ތެރެއިން.-- ފޮޓޯ: ދޮންފަނު ކައުންސިލް އިދާރާ
11 ސެޕްޓެމްބަރ 2025 - 11:27
ބ. ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދު، ކަނޑުމަތީގައި މުޒާހަރާކުރަން ތައްޔާރުވަމުން އަންނާތީ، އެ ރަށުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން މިއަދު މަނާކޮށްފި އެވެ.
މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮންފަނަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން ރައްޔިތުން އެދިގެން ވަނީ، އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
މި މަޝްރޫއުން، ދޮންފަނާ ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ހުއްޓާލައިފަ އެވެ.
އެކަމަކު، މިއީ ދޮންފަނަށް ލިބެން އޮތް ބޯހިޔާވަހިކަން ހުއްޓުން ކަމަށް ބުނެ، ރައްޔިތުން ވަނީ މުޒާހަރާކޮށްފަ އެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއު އަލުން ފަށައި ވީހާވެސް އަވަހަށް އެކަން ނިންމަން ވެސް އެ މުޒާހަރާގައި ގޮވާލި އެވެ.
ބިން ހިއްކުމުގެ މައްސަލާގައި ދޮންފަނު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރި ޕްރޮޖެކްޓުން ބިން ހިއްކުމުގެ ބައި އުނިކޮށް ބިން ނުހިއްކާ ގޮތަށް ސަރުކާރުން ހަމަޖެއްސުމުން އެ ރަށުގައި މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އެ ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ވެސް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންވެ، މުޒާހަރާ ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބުނެ ދޮންފަނު ކައުންސިލުން ވަނީ އެ ސަރަހައްދުގައި ޑައިވްކުރުމާއި ފީނުން ވަގުތީގޮތުން މަނާކޮށްފަ އެވެ.
ދޮންފަނު ކައުންސިލުން ބުނީ މުޒާހަރާ ކުރިއަށްދާ ވަގުތު ފީނުމާއި ޑައިވްކުރުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށްވާތީ ވަކި ގޮތެއް ކަނޑައަޅައި އަންގަންދެން މިއަދުން ފެށިގެން އެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުން މަނާ ކަމަށެވެ.
އެ އެންގުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގަމުންދާނެ ކަމަށް ވެސް ދޮންފަނު ކައުންސިލުން ބުންޏެވެެ.
މިދިޔަ އަންގާރަ ދުވަހު ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަން އެގްރީމަންޓްގައި މިދިޔަ މަހު ސޮއިކުރި ނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން އެ މަޝްރޫއު ސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށެވެ.
އެގޮތަށް ނިންމި ކަން ރައީސް އިއުލާންކުރެއްވީ ހަނިފަރު ސަރަހައްދު ސަލާމަތްކުރަން ގޮވާލައި ބަޔަކު ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންދަނިކޮށެވެ.
ސަރުކާރުން 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުގައި، ދުނިޔެއިން ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުންތައް ވެސް އުޅޭތީ އެއީ މުޅި ދުނިޔެއަށް ވެސް ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ.
ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ. ގުދުރަތީ މާހައުލު އެހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. އަދި އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ.
އެހެންވިޔަސް ދޮންފަނު ކައުންސިލުން ބުނާ ގޮތުގައި ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގައި ބޯހިޔާވަހިކަން ބޭނުންވާ 100 އެއްހާ މީހުން މިވަގުތު އެބަ ތިއްބެވެ. ދޮންފަނުގެ ބިން ފުރި ގޯތި ނުދެވޭ ހިސާބަށް ގޮސްފައި ވާތީ، ސަރުކާރުން އެ އެންމެނަށް ކޮންމެވެސް ގޮތެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝޯޓްސައިޓެޑް
11 September 2025
މުޅި ރާއްޖޭގެ އިގްތިސޯދު ޓުއަރިޒްމް އަށް ބަރޯސާވެފައި އޮންނަހިނދު އަދި މުޅި ދުނިޔެއަށް މަސްހޫރު ވެފައި އޮންނަ ގުދްރަތީ ރީތި ނާޒުކް ތަނެއްގައި މުޒާހަރާވެސް ކުރެވިގެން ނުވާނެ އަދި ކައުންސިލުން ބަންދުވެސް ކުރެވިގެން ނުވާނެ! މާކަންތައް ބޮޑުވަނީ މިހާރު ކައުންސިލްވެސް އަދި ދޮންފަނު މީހުންވެސް! ތަންކޮޅެއް ތަހުޒީބު ވެބަލަ!
ކައުންސެލަރު.....
11 September 2025
މާދަމާވެސް ދޮންފަނު ފަޅުރަށަކަށްވެ ރިސޯޓްހަދަން ހުޅުވާލީމާ ބަޔަކު ނަގައިގެން ހަދަންފެށިއްޔޯ... ދެން ރިސޯރޓް ހަދާމީހުން ކޮންމެ އެއްޗެއް ހެއްޖަސް ސަރުކާރަކުން ބަލައެއްނުލާނެ. އޭރަކު ހަނިފަރު ބޭ އޮންނާނީ އޮޅާލާފަ މޭޒުދަށުގަ. ކީކޭ
ގަމާރު ލަންބަރު ވަން
11 September 2025
400 މީހުނަށް ނޫޅެވޭވަރު ރަށެއް ހިއްކައި ބޮޑުކުރުމުގެ ބޭނުމަކީ ކޮބާ؟ ގައުމު ހަލާކުވެ މިދަނީ ޕޮލިސީއެއްނެތި 200 މީހުންއުޅޭ ރަށްރަށަށްވެސް މާލެ ފެންވަރަށް ހިދުމަތްދޭން އުޅޭތީ. ތިރަށު 400 މީހުން އާބާދީއާއި ބިންބޮޑު ރަށަކަށް ބަދަލުކޮށްލަބަލަ އެމީހުން ރުއްސަން ތިމާވެށި ހަލާކުނުކޮށް.
ކަޓުލް ފިޝް
11 September 2025
އެވެރިންގެ ބޭނުމަކީ ގެސްޓުހައުސް ހަދައި ހަނިފަރު ބޭ ދައްކާލަން ގެންދިއުން. އެކަމު އޭރަށް ހަނިފަރު ބެއްޔާ ދުނިޔޭގައި އޮންނާނޭ ކަމާމެދު ސުވާލު އުފެދެނީ
އައިސަން
11 September 2025
އެހެން ހަމަ ހުރެފަ ޑައިވް ކުރުން މާނާ ކުރެވޭތަ؟
ދޮންފަނުބޭ....
11 September 2025
އެއޮތީ މަނާކޮށްފަ. ދެންތިހަދާއެއްޗެއް ހަދާބަލަ. ސޯވަޓް؟
ނާރެސް
11 September 2025
400 އެއްހާ މީހުން ދިރިއުޅޭ ދޮންފަނު ރައްޔިތުން ގްރޭޓަރ މާލޭ ސަރަހައްދަށް ބަދަލު ކުރުން ކިހިނެތްވާނެބާ؟
ޝައުފު
12 September 2025
އެއީ މަޤްސަދަކީ. ޢަބަދުވެސް ޖައްސާ ސްޓަންޓް
ކޯރނީ
11 September 2025
މާލޭ ސަރަހައްދުގައި ތިބި ތިރަށު ހުރިހާ އެންމެންގެ ފްލެޓްތަކާ ގޯތިތައް އަތުލުމަށް ފަހު ބިންހިއްކާ ގޯތި ދޭންވީ، ނޫނީ މިހާރު ތިބި މީސްކޮޅު އެހެން ބިންބޮޑު ރަށަކަށް ބަދަލު ކުރީމަނިމުނީ، ވަﷲ އައުލަމު.
ޑޮންފެންގ
11 September 2025
މިހުރިހާވެސް މައްސަލައަކީ ވިސްނުމެއްފިކުރެއްނެތި ވެރިމީހާ ބަސްބުނުމެވެ.
ދޮންފަނު ބޮލުރޮދި
11 September 2025
މީ އަޅުފަހެ ސިކުނޑިން ވިސްނާ ބައެއްތަ! ރާއްޖޭގަ ބިންބޮޑު ތިއްޔަވުރެން ރަނގަޅު ހިދުމަތް ލިބޭ ރަށްތައް އެބަތިބި! އޭގެން ރަށަކައް ބަދަލުވާން ރައީސް ކަރީގަ ދެންނެވިޔާ މުސްތަގުބަލައް މާ ފައެދާވާނެ!
ބޯބުރާން
11 September 2025
މީހަކު އުޅެބޮޑުވާ ފަސްގަނޑަކީ ކިހާ ގަދަރެއް ދެވިފައިވާ އެއްޗެއްކަން ނޭގެނީބާ
ސަލީމު އިދުރީސް
11 September 2025
ބަލަ މާލޭމީހުން ދާނެ ބިންބޮޑެތި އެހެން ރައްތައް ނެތީމަތޯ ވަށައިގެން ހުރި ފަރުތަކައް ފަސްއަޅާ ފޮރުވަނީ! އެތައް ކިލޯ މީޓަރު ބޮޑު ފުދިއްގަރު ފަރައް ފަސްލީމަ ތިމާވެއްޓައް ގެެއްލިނުވޭތޯ! ކަލަޔާ ލަމުއަތޮގަ ހިކި ފަސްތައްނެތީތޯ
ވަޠަނީ
11 September 2025
ދޮންފަނުގެ ތަރައްގީއަށް އަޑުއުފުލާނީ ދޮންފަނުގެ ރައްޔިތުން. ދޮންފަނު ކުޑަވެފަ އާބާދީ މާލެއާއި އެއްވަރު ނުވި ނަމަވެސް ދޮންފަނުގައި ވެސް ތިބީ ދިވެހިރައްޔިތުން. ހިތުހުރި ގޮތެއް ނުހެދޭނެ.
ބޯހަލާކު ބާގައިގެ މީހުން
11 September 2025
ޚިދުމަތް ލިބޭ ތަނަކަށް ގެންގޮސްދޭން ބުނެބަލަ ތިހާ ތަރައްޤީ ބޭނުންވާ ބައެއް ވިއްޔާ. ސިކުނޑި ކާލާފަދޯ ތިބީ؟
ރާވެރިބެ
11 September 2025
ދޮންފަނަކީ މިހާރު ތިމާވެށި ރައްކާކުރުމާ ބެހޭ ގާނޫނުގެ ދަށުން ރައްކާ ކުރަންޖެހޭ ރަށެއް. އެހެންވީމަ މިހާރު ދޮންފަނުގަ ތިބި އަހަރުމެންގެ ބޭބެމެނާ ދައްތަމެން ޖެހެނީ ރީތި ބޮޑު ރަށަކަށް ބަދަލުކޮށްފަ ރީތި ގެތަކުގަ ވަޒަން ވެރި ކުރުވަން. އަޑުގަދަ ނުކޮށް ހަމްދު ކޮށްގެން ދުވަސް ކޮޅަކަށް ތިބެބަލަ. މި އުޅެނީ ދޮނަފަނު ރައްޔިތުންނަށް ހިތުހުރި ގޮތެއް ހަދާކަށް ނޫނޭ. އެމީހުންގެ ދިރި އުޅުން އެންމެންނަށް މާވަހަރު ލިބުނަސް ނުވާނެ ފުރިހަމަ ކަން މިފަހަރު ލިބޭނެ.
ރާވެރިބެ
11 September 2025
400މީހުން ވެސް ހަމަނުވާ ކުޑަކުޑަ އާބާދީ އެއް އެދިގެންނޭ ކިޔާފަ ދިވެހި ގައުމުގެ ގުދްރަތީ ޚަޒާނާ އެއް ހަލާކު ނުކުރެވޭނެ. ތިކުޑަ އާބާދީގެ މަސްލަހަތަށްވުރެ މުޅި ދިވެހި ގައުމުގެ މަސްލަހަތު މާބޮޑު. ހަނިފަރުބޭ ފަދަ ދެވަނަ ތަނެއް މުޅި މިރާއްޖޭގަ ވެސް ނެތް. ރީތިކޮށް ބަސް އަހައިގެން މަޑުން ތިބޭށޭ ބުނީމަ އައްޗިކޮށް އުޅޭނަމަ މަޖިލިސްއިން އަވަސް ގާނޫނެއް ފާސްކޮށްފަ ވަގުތުން ވަގުތަށް ދޮންފަނުގެ އާބާދީ އެހެން ރަށަކަށް ބަދަލު ކުރެއްވުމަށް ރައީސް އަށް ދަންނަވަން.
އަސްލުވެސް ދޯ؟
11 September 2025
ރަގަޅު ޑެސިޖަނަކަށްވާނެ. އަވަސް ކުރައްވާ