ތިމާވެށީގެ ހިމާޔަތުގައި ބައިނަލްއަގުވާމީ މައިދާނުގައި އެންމެ އަޑުގަދަ އެއް ގައުމަށް ރާއްޖެ ވިޔަސް، އޭގެ ނިވަލުގައި ތިބެގެން ވެއްޓަށް ދޭ ގެއްލުން ބޮޑެވެ. ކުނި އަޅައި ގުދުރަތީ މާހައުލު ގޮނޑުކުރުމާއި ތަރައްގީގެ ނަމުގައި ގަސްގަހާގެހި ކެނޑުމާއި އެއްވެސް ރޭވުންތެރިކަމެއް ނެތި ވެށި ހަލާކުކޮށްލައި ބިން ހިއްކުމުގައި ވެސް ރާއްޖެއަކީ މިހާރު "ޗެމްޕިއަނެކެވެ".
ދެހާހުގެ ފުރަތަމަ 24 އަހަރުގެ ތެރޭގައި 4،000 ހެކްޓަރަށް ވުރެ ގިނަ ބިން ހިއްކައި ރާއްޖެއިން "ދުނިޔޭގެ ރެކޯޑް" ވެސް ހަދައިފި އެވެ. މުޅި އެފްރިކާ އާއި ޔޫރަޕު ބައްރުގައި މި އަދަދާ ގާތްކުރާ ވަރަށް ވެސް އަދި ބިން ނުހިއްކަ އެވެ.
އެކަމަކު، އެންމެ ބޮޑު މައްސަލައަކީ މިހާ ގިނަ އަދަދެއްގެ ބިން ހިއްކިޔަސް، އެ ބިންތަކުގެ ބޭނުން ނުހިފި ފަޅަށް އޮތުމެވެ. ރަށުގެ ރީތި ވެށި ހަލާކުކޮށްލައި، ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ހިއްކާ އެ ބިންތަކުން ރައްޔިތުންނާއި ދައުލަތަށް ކުރާ އެއްވެސް މަންފާއެއް ނެތެވެ. ރައްޔިތުންނަށް ލިބެނީ އެއްވެސް ބޭނުމެއް ނުހިފޭ ހަނަފަސް ބިންތަކަކާއި ވެލި ފުނިތަކެކެވެ.
މޯލްޑިވްސް ޖާނަލް އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގައި މިދިޔަ ހަފުތާގައި ޝާއިއުކުރި ދިރާސާއެއްގައި މި މައްސަލަ ވަރަށް ތަފުސީލުކޮށް އެބައޮތެވެ.
ރާއްޖޭގެ އާބަން ޑިޒައިން ސްޓޫޑިއޯ ޝެރެޓް އާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ ގުޅިގެން ކޮށްފައިވާ، 2000-2024 ވަނަ އަހަރާ ދެމެދު ރާއްޖޭގައި ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށާއި އިޖުތިމާއީ ދާއިރާއަށް ކޮށްފައިވާ އަސަރުތައް ދެނެގަތުމުގެ ދިރާސާގައިވާ ގޮތުން ރާއްޖޭގެ 69 ރަށެއްގައި 109 މަޝްރޫއު ހިންގައި، ޖުމްލަ 4,198 ހެކްޓަރަށް ވުރެ ބޮޑު ބިން ހިއްކާފައިވެ އެވެ.
އެއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އާދަޔާ ހިލާފު ބޮޑު އަދަދެކެވެ. ސަބަބަކީ، 2000 ވަނަ އަހަރުގެ ފަހުން މުޅި އެފްރިކާ އަދި ޔޫރަޕް ބައްރުގައި ވެސް ހިއްކާފައިވާ ބިމަށް ވުރެ ރާއްޖޭގައި އެކަނި ހިއްކި ބިން އިތުރުވުމެވެ.
ހިއްކި ބިމުގެ 71 ޕަސެންޓް ހިއްކާފައި ވަނީ މެދު ރާއްޖެ ތެރޭގަ އެވެ. އޭގެ ތެރެއިން ވެސް ބޮޑު ބައެއް ހިއްސާކުރަނީ މާލެ އަތޮޅުގަ އެވެ. މުޅި ރާއްޖެއިން ހިއްކި ބިމުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ މާލެ އަތޮޅުގަ އެވެ.
އެ ދިރާސާގައިވާ ގޮތުން 2010 ގެ ކުރިން ބިން ހިއްކުން ވަރަށް މަދެވެ. ނަމަވެސް 2008 ގައި ރާއްޖެ މަލްޓި-ޕާޓީ ނިޒާމަށް ބަދަލުވިފަހުން ބިން ހިއްކުން އިތުރުވެ، އެންމެ ގިނަ މަޝްރޫއު ފަށާފައި ވަނީ 2023 ވަނަ އަހަރު އެވެ.
ރާއްޖެއަކީ ބިމުގެ ދަތިކަން ބޮޑު އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އޮތް ގައުމަކަށް ވުމުން، ތަރައްގީގެ އެކި ބޭނުންތަކަށާއި އާބާދީ އިތުރުވުމުގެ ސަބަބުން ބިން ހިއްކަން ޖެހެ އެވެ. ނަމަވެސް، ބިން ހިއްކުމުގެ މަޝްރޫއުތައް ރޭވިފައިވާ ގޮތުގެ ފުރިހަމަ ޑޭޓާބޭސެއް މިހާތަނަށް ވެސް އެކުލަވާލާފައެއް ނުވެ އެވެ.
މައިގަނޑު މައްސަލަތައް
- އެއް އަތޮޅެއްގައި ގިނަ އެއާޕޯޓުތައް ހެދުން ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ތަކުރާރުވުމުން. އެއް އަތޮޅެއްގައި ގާތްގާތުގައި އެއާޕޯޓު ހެދުމަށް ބިން ހިއްކުމަކީ ގައުމީ ފެންވަރުގައި ރޭވުންތެރިކަން ކުޑަވުމުގެ ސަބަބުން ވާކަމެއްކަން ފާހަގަކޮށްފައިވޭ.
- ބިން ހިއްކުމުގެ ސިޔާސަތުތައް އާބާދީ އިތުރުވާ މިންވަރާ ނުބައްދަލުވުން. މާލެ ސަރަހައްދަށް ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވާއިރު، އާބާދީ މަދު ރަށްރަށުގައި ވެސް ބޮޑެތި ބިންތައް ހިއްކާފައިވޭ. މިއީ އާބާދީގެ ހަގީގީ ބޭނުންތަކަށް ބަލައިގެން ކޮށްފައިވާ ކަމެއް ނޫން.
- އީއައިއޭ ހެދުމުގައި ހާމަކަން ކުޑަވުމާއި ތިމާވެށީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯނުލެނބުން.
- އިންޖިނިއަރިންގެ އެއްގޮތް މިންގަނޑުތަކެއް ހުރިހާ ރަށެއްގައި ބޭނުންކުރުމުގެ ސަބަބުން ނުވަތަ ފަރުތައް ހިއްކުމުގެ ސަބަބުން ރަށްގިރުމާއި ފެންބޮޑުވުމުގެ މައްސަލަ ބޮޑުވުން.
ވެއްޓަށް ލިބޭނެ ގެއްލުމަކަށް ނުބަލައި އަވަސް އަރުވާލައިގެން ރަށްރަށުގެ ބިން ހިއްކުމުން ރަށުގެ ވެއްޓަށް ވެސް މައްސަލަތައް ކުރިމަތިވެ އެވެ. ށ. މިލަންދޫގައި އެއާޕޯޓު އަޅަން އެ ރަށުގެ ބިން ހިއްކުމާ އެކު މިފަހުން ކުރިމަތިލާން ޖެހުނީ ހަމަ މި ކަހަލަ ކަމަކާ އެވެ. ބިން ހިއްކާ ނިމުނުތާ މާ ގިނަ ދުވަހެއް ނުވެ، މިދިޔަ ހަފުތާގައި، އެ ރަށުގެ ފަޅުތެރޭގެ ބޮޑު ސަރަހައްދަކަށް ކިސަޑު އަރައި ކަޅުވެ، ގިނަ އަދަދެއްގެ މަސް މަރުވާން ފެށި އެވެ.
ބައެއް ތަޖުރިބާކާރުން ބުނި ގޮތުގައި، އެއީ އެ ރަށުގެ ބިން ހިއްކުމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ކުރި ނޭދެވޭ އަސަރެވެ. އެ ރަށުގެ ބިން ހިއްކީ ރަށުގެ މަޝްހޫރު "ސިކުނޑި" ކުޅިއާ ދިމާލުން ކަމަށް ވާތީ އެތަން ވެސް މިހާރު އޮތީ ނުރައްކަލަށް ހުށަހެޅިފަ އެވެ.
ބިން ހިއްކުމުގެ ސިޔާސަތުތައް އަލުން މުރާޖާކޮށް، އެ ކަންކަން ރާއްޖޭގެ އާބާދީގެ ހަގީގީ ބޭނުންތަކަށާއި ތިމާވެށީގެ ވިލުންތެރިކަމަށް ފެތޭ ގޮތަށް ބަދަލުކުރަން، ޝެރެޓް އާއި ކާޓިން ޔުނިވާސިޓީ ގުޅިގެން ކޮށްފައިވާ ދިރާސާގައި ލަފާ ދީފައިވެ އެވެ. ވަކިވަކި ރަށްރަށަށް ބަލައިގެން ބިންހިއްކުމުގެ ބަދަލުގައި، ސަރަހައްދީ ފެންވަރުގައި ވަސީލަތްތައް ބޭނުންކުރެވޭނެ ހަރުދަނާ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ބިންހިއްކުމުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުމާއި ރަށްރަށުގެ ގުދުރަތީ ދިފާއީ ނިޒާމު ހަލާކުވުން ހުއްޓުވުމަށް ހަރުދަނާ ރެގިއުލޭޓަރީ ފްރޭމްވޯކެއް އެކުލަވާލުން ވަރަށް މުހިންމެވެ. މި ސަރުކާރުން ފަށާފައިވާ ކުރިއަށް އޮތް 20 އަހަރުގެ "ނޭޝަނަލް ޑިވެލޮޕްމަންޓް މާސްޓަޕްލޭން"އަކީ ބިން ހިއްކުމުގެ ކަންކަން، މި ކަހަލަ އިލްމީ ދިރާސާތަކުގައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް އިސްލާހުކުރަން ލިބޭ ރަނގަޅު ފުރުސަތަކެވެ.
ހިއްކި ބިންތައް އަދިވެސް ހުހަށް
ރާއްޖޭގައި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް މިހާތަނަށް ހިންގާފައި ހުރީ ސިޔާސީ ބޭނުމަކަށެވެ. ގިނަ ފަހަރަށް އިންތިހާބެއްގެ ކެމްޕެއިން ދުވަސްވަރާ ދިމާކޮށެވެ.
އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ގޯތިދޭށާއި ޓޫރިޒަމްގެ ބޭނުމަށް އައްޑޫން 190 ހެކްޓަރުގެ ބިން ހިއްކި އެވެ. ދައުލަތުގެ ބަޖެޓުން 100 މިލިއަނާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްގެން އެ ބިންތައް ހިއްކި ފަހުން ތިން އަހަރުވާއިރު، އަދިވެސް އެ ބިންތައް އޮތީ ހުހަށެވެ. އެ ބޮޑު ހަރަދުގެ ފައިދާއެއް ދައުލާތާއި އާންމުންނަށް ވެސް އަދި ނުކުރެ އެވެ.
ފެނާއި ނަރުދަމާ ކަހަލަ އަސާސީ ހިދުމަތްތައް ގާއިމްވެފައި ނެތުމުން އެ ބިންތަކުގެ ބޭނުން ހިފެނޭ ގޮތެއް ނެތެވެ. ހަމަ އެގޮތަށް ވަރަށް ގިނަ އެހެން ރަށްރަށުން ހިއްކި ބިންތައް ވެސް އޮތީ އެ "ހަނަފަސްކަމުގައި" އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އަންދާޒާކުރެވޭ އިރު، ބިން ހިއްކި ރަށްތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ތަރައްގީކޮށްފައި ވަނީ ހުޅުމާލެ އެކަންޏެވެ.
ސަރުކާރުގެ ވެރިން ނުވަތަ ސިޔާސީ ބަޔަކު ރަށަކަށް އެރުމުން ބައެއް ރަށްރަށުގައި އޮންނަ އާންމު ޑިމާންޑަކީ ވެސް ކޮންމެވެސް މަޝްރޫއެއް ހިންގަން ރަށް އިތުރަށް ހިއްކުމެވެ. އެކަމަކު، އެ ބިންތައް ތަރައްގީކުރާނެ ގޮތެއް، ޕްލޭނެއް ނޯވެ އެވެ.
ބިން ހިއްކަން އެކަނި އެތައް މިލިއަނެއް ހަރަދުކުރާ އިރު އޭގެ ތެރެއަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ލައިފި ނަމަ އެ މަޝްރޫއަށް ދައުލަތުން ކުރަން ޖެހޭ ހަރަދު އަދި މާ ބޮޑުވެ އެވެ. އެހެންވެ، ބިން ހިއްކާ ނިމި އެތައް އަހަރެއްވާއިރު ވެސް އެ ބިންތައް އޮންނަނީ ހުހަށެވެ. އަދި ބިން ހިއްކުމުގެ ކުރިން ލޭންޑް ޔޫސް ޕްލޭނެއް ނެތުމަކީ ވެސް އެ ބިމުގެ ބޭނުން ނުހިފި ދިގުލައިގެންދާ ސަބަބެކެވެ.
ވިސްނާލަން ޖެހޭ ހަގީގަތަކީ މިއީ އެވެ؛ ކަރުދާހުގައި ލާމަރުކަޒީ ނިޒާމު އޮތަސް، ދައުލަތުގެ ބަޖެޓާއި ތަރައްގީގެ ހުރިހާ މިސްރާބެއް އަދިވެސް ހުރީ މާލެ ސަރަހައްދަށެވެ. އެހެންވެ، ރަށްރަށުގެ ފަޅުތަކާއި ފަރުތައް ހަލާކުކޮށްގެން ހިންގާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތައް، އެންމެ ފަހުން މި ބަދަލުވަނީ ހަނަފަސް ބިންތަކަކާއި ވެލި ފުނިތަކެކެވެ. ކިތަންމެ އަވަސް ދުވެއްޔެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިޔަސް، ސިޔާސަތުތައް އެއްފަސްކުރުމުގެ ވިސްނުމުން ބޭރު ނުކުރެވޭ ނަމަ، ދުވަހަކު ވެސް ރައްޔިތުންގެ ޖީބަށް ނުވަތަ ދިރިއުޅުމަކަށް މީގެ ހަގީގީ ފައިދާއެއް ނުކުރާނެ އެވެ. ހަމައެކަނި ލިބޭނީ ތިމާވެއްޓަށް ގެއްލުމެވެ.