ޝަހީބް އިބްރާހީމް ކުރިން ހައްޔަރުކުރުމަށް ފަހު ފުލުހުން އާއްމުކުރި މަގްޝޮޓެއް. އޭނާ އޭރު ހައްޔަރުކުރީ 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ ތުހުމަތަށް. ފައިލް ފޮޓޯ
13 ސެޕްޓެމްބަރ 2025 - 19:32
ކަންނެލި ދޯންޏެއްގައި 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއްގައި 2020 ވަނަ އަހަރު ހައްޔަރުކުރުމުން، ކްރިމިނަލް ކޯޓުން ބަންދު އަމުރު އެއް ފަހަރު ދިނުމަށް ފަހު ދޫކޮށްލި، ގއ.ވިލިނގިލި، ލައިޓްހައުސް ޝަހީބް އިބްރާހީމް 47، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ޓަކައި ހޯދަން އިއުލާނުކޮށްފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޝަހީބް ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަަމަށެވެ.
އޭނާ ކޯޓަށް ހާޒިރުކުރަން އަމުރުކުރީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.
ކަންނެލި ދޯންޏެއްގައި ޑްރަގް އެތެރެކުރި މައްސަލައިގައި ހައްޔަރުކުރުމަށް ފަހު 2020 ވަނަ އަހަރު ޝަހީބް ދޫކޮށްލުމުން، ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އޭނާ ދޫކޮށްލީ އޭނާއާ ދެކޮޅަށް ހެކި ހުރެގެން، ފުރަތަމަ ފަހަރު ބަންދުގެ މުއްދަތު ދިނުމަށް ފަހު، އިތުރު ހެކި ހުށަހަޅައިފައި ވަނިކޮށެވެ.
ރާއްޖެއަށް ޑްރަގް އެތެރެކުރަން ބޭނުންކުރި ކަމުގެ ތުހުމަތަށް 2019 ވަނަ އަހަރު ހިފެހެއްޓުމަށް ފަހު ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ވެސް ޝަހީބުގެ މައްޗަށް އޭރު ތުހުމަތުކުރި އެވެ.
ފުލުހުން އޭރު ބުނެފައިވާ ގޮތުން، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާނު ބޯޓުގެ މައްސަލައާ ޝަހީބު ގުޅުން އޮވެ އެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައި ވަނީ އޭނާ ކަމަށާއި އެ މައްސަލާގައި ޝަހީބާއި އީރާނުގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައި ވެ އެވެ.
ޝަހީބަކީ ކުރިން ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާ އަށް އޭރުގެ އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ވެސް ކުރި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި ފްލެޓު ދިން ކަމަށް ތުހުމަތުުކުރެވުނު މައްސަލައިގައި ވެސް ޝަހީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްޖޭގެ ރީތިކަން
14 September 2025
ކާފާ ކިހިނެއް ކަލޭ ތިޔާ އުޅެނީ. ދޫކޮށްލީ ހަމަ މިބައިވެރިވީ.
ހުސްނުހީނާ
14 September 2025
ފުލުހުންނަށް ނޭގުނަސް ވިލިގިއްޔަށް ދަތުރުކުރާ އެންމެންނަށް އިނގޭ މީނާ މާލޭގައި ހުންނަ ވިލިގިލި ޓާމިނަލް ފިހާރަ/ޓަކްޝޮޕް ހިންގަން އެތާ ހުރިހާ ވަގުތެއްގައި އުޅޭކަން
ސުމޭކު
14 September 2025
ތިއޮތީ ތިކިޔާ ޕާޓީއެއްގެ އިސް ސަފުން ޖާގަ ކަށަވަރުވެފަ. ހުރިހާ ސަރުތެއް ބަރާބަރަށް ފުރިހަމަވޭ. މަދު އެއްކަމެއްނެތް. މާދަން ފެންނާނެ މޭ ފުއްޕާފަ އެ ޕާޓީ ޖަލްސާގެ ކުރީސަފުން. އެޗްޑީސީ ކުރީ އެމްޑީ ކޮބާ؟ އޭނަގެ ބޭބެ ކޮބާ؟
އަޅިމްގ
14 September 2025
ވިލިނގިލި ފެރީޓާރމިނަލް ފިހާރަ ހިންގަނީ ތިބޭފުޅާ، ކޮންމެ ރެައަކު ޓްރެކައްދޭ ފިޓްވާން
ލޯޔަރެއް
14 September 2025
މި މައްސަލައިގައި ހޯދަންވީ ހެކި ހުއްޓާ ދޫކޮށްލި ގާޟީ.. 130 ކިލޯގެ މަސްތުވާ ތަކެއްޗަކީ މިލިޔަނުން ރުފިޔާ.. އެވަރު އެއްޗެއް ގެންގުޅުނު މީހެއް އަތުގައި ލައްކަ މީހުން ގަނެލެވޭހާ ލާރި އޮންނާނެ.. މިއީ ލައްކަ ވާހަކަ...
ސިއްތި
14 September 2025
އަލީ އާދަމް މި ހަނދާން ކޮށްލާ
ފަޅުމަސް
14 September 2025
ހެކި ހުއްޓައި ދޫކޮށްލަނީ ފިލަން ފުރުސަތު ދޭކަށް ނޫންތަ؟ ހެކި އެބަހުއްޓޭ، އަވަހަށް ދާށޭ ބުނީމަ ދާނެ ދޯ.. ޝަރުތުތަކަކާއެކު ދޫކޮށްލުމަކީވެސް ބޮޑު ޖޯކެއް.. ކޯޓުން އަންގާ ދުވަހު އަންނަން ވާނެއޭ ކިޔާފަ ޝަރުތު ކުރިޔަސް އޭނާ ނާންނެކަން ހަމަ ބުއްދި ހުރި މީހަކު ޤަބޫލުކުރާނެ.. ޤާނޫނާ ޚިލާފަށް ބޮޑު ކުށެއް ކުރި މީހަކު، ކޯޓުގެ އަމުރަކާ ޚިލާފު ނުވާނެތަ؟
އައްމި
14 September 2025
އެމްޑީޕީ ސަރުކާރުންވެސް އުމުރުދުވަހުގެ ޖަލު ޙުކުމްކޮށްފައިވާ ވަރަށް ގިންމީހުން ދޫކުރި، ކާކުތޯ ޒިންމާނަގާނީ، ޤާޒީ ތޯ؟ ނުވަތަ ޕޮލިސް ތޯ؟
އަދާލަތު
14 September 2025
ޢިމާތްކުރުމުގެ މަސައްކަތްކުރާ ކުންފުންޏަކާ ގުޅުމެއްނެތްބާ؟
މުއާވިޔަތު
14 September 2025
ރެހެންދީ 5 ގައި ކްލެޑިން ޖަހަން ފައިސާ ނަގައިގެން މަކަރު ހަދައިގެން ފުލހަށް މައްސަލަ ހުށަހެޅި
ޢަރުތަ
13 September 2025
ފުލުހުން އޭރު ބުނެފައިވާ ގޮތުގައި "އޭނާ ދޫކޮށްލީ އޭނާއާ ދެކޮޅަށް ހެކި ހުރެގެން، ފުރަތަމަ ފަހަރު ބަންދުގެ މުއްދަތު ދިނުމަށް ފަހު، އިތުރު ހެކި ހުށަހަޅައިފައި ވަނިކޮށެވެ". ދެން ކާކުބާ ޒިންމާވަނީ!؟
މިއައު
13 September 2025
ކީއްކުރަން ތި ހޯދަނީ. ދޫކޮށްލީ އޭ ބުނަންތަ؟ ނޫނީ ބޮޑު މަގާމެއް ދޭން ވެގެންތަ؟