މަޝްއަރު ޓުއާސްގެ ވެރިޔާ އަލީ ފާރިޝް.
17 ސެޕްޓެމްބަރ 2025 - 15:25
މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއް މީހުންގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ދިން ޗެކް ބައުންސްވެ ފައިސާ ނުދެއްކި ޓިކެޓްތައް ކެންސަލްވި މައްސަލައިގައި އެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ކުރި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވެ އޭނާ ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ފާރިޝްގެ މައްޗަށް ދައުވާކުރީ ރާއްޖެއިން އުމްރާއަށް މީހުން ގެންދަން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ރިޓާން ޓިކެޓުގެ ބުކިން ހެދުމަށް ފަހު، ފައިސާ ނުދެއްކި މައްސަލައިގަ އެވެ.
އެ ޓިކެޓްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އެ ކުންފުނީގެ ބީއެމްއެލް އެކައުންޓުން 390،126ރ. ނެގޭ ގޮތަށް އޭސް އޭވިއޭޝަން ސާވިސް އަށް ދޫކުރި ޗެކާއި 156،050ރ. ނެގޭ ގޮތަށް ދޫކުރި ޗެކްތައް ބޭންކަށް ހުށަހެޅުމުން އެކައުންޓްގައި ފައިސާ ނެތި ޗެކްތައް ބައުންސްވީ އެވެ.
އެ ފައިސާ ދައްކަން ހަތް ދުވަހުގެ މުއްދަތެއް ފާރިޝްއަށް ދިނުމުން ވެސް އެ ފައިސާ ދައްކާފައިނުވާތީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާކޮށް އެ ފައިސާ އޭނާގެ އަތުން ނަގައިދިނުމަށް ދައުވާގައި އެދުނެވެ.
އެ މައްސަލައިގައި ފާރިޝް ކޯޓުގައި ބުނެފައި ވަނީ ޗެކްތަކަށް ފައިސާ ނުލިބޭ ކަމަށް ބުނުމުން ފައިސާ ދައްކަން އިތުރު ފުރުސަތެއް ދިނުމަށް އެދިފައި އޮންނާނެ ކަމަށާއި އެ މީހުން އެދުނު ގޮތަށް ފުރަތަމަ 100،000ރ. ޖަމާކޮށްދިން ކަމަށެވެ. ޓިކެޓުތަކަކީ ރިޓާން ޓިކެޓުތަކެއްގެ ގޮތުގައި އިޝޫކޮށްފައިވާ ހުރި ޓިކެޓުތަކަކަށް ވާއިރު، އެންމެ ފަހު ވަގުތު ޓިކެޓުތަކުގެ ރިޓާން ކެންސަލްކުރުމުން، ޗެކްތަކުގައި ހުރި އަދަދަކީ ދައްކަންޖެހޭ އަދަދުތަކެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ޓޫވޭ ޓިކެޓުތަކަކުން ދަތުރުކޮށްފައި ވަނީ ޖިއްދާ-މާލެ ސެކްޓާ އެކަނި ކަމަަށާއި އޭގެ ފަހުން ދައްކަންޖެހޭ ކަމަށް ބުނާ އަދަދަކީ އެއްވެސް މުއާމަލާތެއް އެކަމާ ބެހޭ ގޮތުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ. ކޮންފާމް ޓިކެޓުތަކުގައި ދެ ސެކްޓާގައި ޓްރެވަލް ކުރެވޭގޮތަށް ކޮންފާމްކޮށްފައި ހުރިއިރު ދަތުރުކުރެވުނީ އެއް ސެކްޓާއަށް ކަމަށާއި، ދަތުރުކުރަން އޮތް ދުވަހު ޓިކެޓް ކެންސަލްކޮށްފައިވާތީ އެ ބުނާ ގޮތަށް ޗެކްތަކުގައި ހުރި ޖުމްލަ އަދަދު ދައްކަން ނުޖެހޭނެ ކަމަށް ފާރިޝް ބުންޏެވެ.
ފާރިޝް ބުނި ގޮތުގައި އޭގައި ހުރީ ރަނގަޅު އަދަދުތަކެއް ނަމަވެސް މިވަގުތުގެ ހާލަތަށް ބަލާ ނަމަ، އެ އަދަދުތައް ދިމައެއްނުވެ އެވެ.
ހުކުމްގައި ބުނީ ސްރީ ލަންކަން އެއާލައިނާއި ގަތަރު އެއާލައިނުން 48 މީހުންގެ ޓިކެޓު ނަގާފައިވާއިރު ފާރިޝް އެދިގެން ބުކްކުރި ޓިކެޓުތަކުގެ ތެރެއިން ރިޓާން ޓިކެޓުތައް ކެންސަލްކުރަން ޖެހި އެ މައްސަލައިގައި ގެއްލުން ލިބުނު ފަރާތަށް ކެންސަލޭޝަން ފީއެއް ވެސް އެއާލައިނަށް ދައްކަންޖެހުނު ކަމަށާއި އެއާލައިނަށް ދައްކަން ޖެހޭ ޓިކެޓުގެ އަގު ވެސް އޭނާ ދައްކާފައިނުވާ ކަމަށެވެ.
އެ މައްސަލައިގައި ކޯޓުން ކުރި ހުކުމްގައި ބުނީ ފާރިޝްގެ މައްޗަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއަށް ފާރިޝް އިންކާރުކުރި ނަމަވެސް ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ އަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ކުށުގެ އަދަބެއްގެ ގޮތުން ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވެސް ހުކުމްގައިވެ އެވެ. އަދި ދައުވާގައި ބަޔާންކުރާ މުއާމަލާތާ ގުޅިގެން އޭސް އޭވިއޭޝަނާއި އޭސް ޓްރެވެލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު ނުވަތަ 406،321ރ. އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށާއި އެ ފައިސާ ދެ އަހަރުގެ ތެރޭގައި ދެއްކުމަށް އެ ހުކުމްގައި އަމުރުކޮށްފައިވެ އެވެ.
އުމްރާއަށް މީހުން ގެންގޮސް ގިނަ ބަޔަކު ސައުދީގައި ތާށިވި މައްސަލައާ ގުޅިގެން އޭރު އެ ގްރޫޕުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.
ހުއްދަ ނޯންނަ ކުންފުނިތަކުގެ ހަވާލުގައި ގޮސް ގެއްލުން ލިބުމުން، ސަރުކާރުގެ ހަރަދުގައި ގެންނާތީ އެކަމަށް ކުރިމަތިވި ފާޑުކިޔުންތަކާ އެކު، އޭރު މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ މީހުން ގެނައީ ހަމަ އެތަނުގެ ހަރަދުގަ އެވެ.
މިދިޔަ އަހަރު ވެސް އެ ކުންފުނީގެ މައްސަލަ ފެންމަތިވެފައި ވާއިރު 2023 ގައި އަލް މަޝްއަރު ހައްޖު އުމްރާ ގްރޫޕުގެ ނަމުގައި ހަމަ އެ ކުންފުނީގެ މީހުން ހައްޖާއި އުމްރާއަށް ގެންގޮސްގެން އުޅެނިކޮށް މައްސަލަ ޖެހުނެވެ. މަޝްއަރު ޓުއާސްގެ ނަމުގައި ޓުއާ ގްރޫޕެއް ހަދާފައި ވަނީ 2023 ގައި އެމީހުންގެ ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލުކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫ
18 September 2025
ތިފަދަ ބޮޑެތި ޚިޔާނާތްތެރިންނަށް 3 އަހަރު މާކުޑަ އަނެއްކާ އަންނަ އަހަރު ލޯކަލް އިންތިކާބާ ދިމާކޮށް މަޢާފު ނުދީފިއްޔާ ކިތައްމެހާވެސް ރަނަގަޅު
ފޯރބްސް ބިޒްނަސްރިވިއު
18 September 2025
ތީރަގަޅު ކަމެއް މުއްސަދިވާން، ހައްޖު ގުރޫޕެއް ހަދާފަ، މީހުން ކޮޅާލާފަ، މުއްސަދިވެގެން، 3 އަހަރު ޖަލުގަ އުޅެފަ އައިސް ރަނގަޅަށަ ވިއަފާރިޖައްސަން.
ހަސަންރަހާ
18 September 2025
މީނާގެ ފޮޓޯ އަށް ބެލީމާ މީނާ 3 މަސް ދުވަހުވެސް ޖަލުގަ ނުބެހެއްޓޭނެ ކަން ކަށަވަރުވޭ!
އަބްޑޫޅް +
18 September 2025
ތުންތުން މަތީން އޯލަކޮށްލާ ބުނެވޭގޮތުގައި، ހައްޖާއި އުމްރާގެ ވިޔަފާރީގައި، ވަރަށް ގިނަ ވަގުންނާއި ޓެކެނިވެރީން ހިމެނޭ. އިވޭ ގޮތުގައި، ވަގުންނާއި ޓެކެނިވެރީން ނޫން މީހުންވެސް އެ ވިޔަފާރީގައި ހިމެނޭ.
އަބްޑޫޅް +
18 September 2025
މައްކާގެ ޖަލުގެ އަށް ފޮނުވާ.
ނަނަނަ
17 September 2025
ޢެއޮތީ ސްކޫލް ޗުއްޓީ އުމްރާ އަށް ހުޅުވާލާފަ.. އަވަހަށް ލާރި ދެއްކޭތޯ ބަލާބަލަ..
އަންތަރީހޭ
17 September 2025
މިރާއްޖޭގެ ކޯޓުރަކާ އެކޯޓުތަކުގެ ފަނޑިޔާރުންނާ ދެން އުޅޭ ވަކީލުން ކިޔާ ބަޔަކާ ހެދި އަހުން އަޖައިބުވޭ.
ޒައިކް23
17 September 2025
ކީއްވެޔޯލަ އަޖައިބު ވަނީ؟ ޖަވާބަކީ ކަލެއަށް ވާނުވާ ނޭނގުމަކީ ނުވަތަ ކަލޭގެ ޖާހިލުކަމަކީ ދެން ތިބި މީހުންނާ މެދު އަޖައިބު ވާންވީކަމެއް ނޫނޭ ބަލަ ޕޮލިހުން ތަހުޤީޤުކޮށްފަ ޕީޖީއަށް ފޮނުވީ ޖިނާޢީ މައްސަލައެއް. ޕީޖީން އުފުލި ދަޢުވާއަށް ކޯޓުން ހުކުމް ކުރީ. އޭގެ މާނައެެއް ނޫން އޭނާ އެބަޔަކު ފެލައިގެން ލާރި ނެގި މީހުންނަށް އެ ލާރި ހޯދަން އޭނާއާ ދެކޮޅަށް މަދަނީ ދަޢުވާ ނުކުރެވޭނެއޭ. އެކަން ކުރެވޭނެ ކޯޓުން އޭނާގެ މުދާވެސް ވިއްކާނެ. ޢެއީ އަދި ވަކި ދަޢުވާއެއް.
ދެކީލި
17 September 2025
3 އަހަރަށް ޖަލަށް ލާފަ ހުންނަ މީހަކު 2 އަހަރު ތެރޭ (ޖަލުގައި ހުރެގެން) ފައިސާ ދެއްކޭނެ ގޮތެއް މަ މި ވިސްނަނީ. ހުކުމް އޮތް ގޮތުން ސަބަބުވެރި އިންސާނެއްގެ ސިކުޑިއަކަށަ އެޔެއް ނުވިސްނޭ!
އލށފތ.
17 September 2025
ހާދަ ފަހަތުގަ.. ޖަލުގައި މިހާރުވެސް އުމުރައް ލާފަ ތިބޭ އަދި ވާނުވާ ޖަހާފަ ތިބޭ ގިނަ ބޭފުޅުން ވަސްދުވާތަކެތި ވިޔަފާރި ކޮއްގެން މިލިޔަނުން ހޯދާ އެކައުންޓް ތަކައް ޖަމާކުރަނީ. މަގުމަތީ އަގުގެ 3 4 ގުނަ ބޮޑުކޮއް ރޭޓް ހުރީ. ލައްކަ ލިބޭ އމީހުނައް. ޖަލު ބަލަހައްޓާކުދިން އައް ކޮންމެ މަހަކު ނުހައްގު ބޯނަސް އެއް ލިބޭ، ސަރުކާރަކުން ނޫން ދެނީ. ހެހެ...
ރަދީފްއޮފިޝަލް /
17 September 2025
ވިޔަފާރީގަ ކަމެއް މެދުވެރިވެދާނެ.އަޅުގަނޑު އެދެނީ މިބޭފުޅާއަށް ހުރިހާ ރައްޔަތުން ވެސް މާފްކުރުމަށް.(އިސްތިއުނާފް މަރުހަލާގަ ލޫޕް ހޯލްއެއް ހޯދައިގެން ހިކައެއް ހެން ދެމިގަނެވޭނެ.) ވ.ވެދުން
ސަލީމު އިދުރީސް
17 September 2025
އުމިރުދުވަ އުޅޭވޭވަރައް ފައިސާދޭނަމަ ތިންއަރު ޖަލުގަ ހޭދަކުރާނެ ގިނަބަޔަކު ތިބޭނެ! މިހެންވީމަ ބޮޑެތި ކުއްރަން މީހުން ޖެހިލުން ނުވަނީ! މިއީރާވައިގެން ބޮޑުން ބައިއަގިގެން ހިންގާ ޖަރީމާއެއް
ޖަހުދާން
17 September 2025
ޕީޖީން އުފުލި ޖިނާޢީ ދަޢުވާއަށް ކޯޓުން ހުކުމް ކުރީ. އޭގެ މާނައެެއް ނޫން އޭނާ އެބަޔަކު ފެލައިގެން ލާރި ނެގި މީހުންނަށް އެ ލާރި ހޯދަން އޭނާއާ ދެކޮޅަށް މަދަނީ ދަޢުވާ ނުކުރެވޭނެއޭ. އެކަން ކުރެވޭނެ ކޯޓުން އޭނާގެ މުދާވެސް ވިއްކާނެ. ޢެއީ އަދި ވަކި ދަޢުވާއެއް. ޕޮލިހަކުން ޕީޖީއަކުން މަދަނީ ކަންކަމަކާ ނޫޅޭނެ އެކަން ކުރަންޖެހޭނީ ހައްޤު ގެއްލުނު ބަޔަކު އަމިއްލައަށް..