މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، ވިޔަފާރި ކުންފުންޏެއްގެ ބެންކު އެކައުންޓަށް އެކްސެސް ހޯދުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކު ކުށަށް އިއުތިރާފުވެއްޖެ އެވެ.
މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓަށް ވަދެގެން 279،600ރ. ފޭރުނު މައްސަލައިގައި 10 މީހަކު ހައްޔަރުކުރި އެވެ. އެ އެންމެން ވެސް ތިބީ ޖަލު ބަންދުގަ އެވެ.
އޭގެ ތެރެއިން ހަތަރު މީހެއްގެ ބަންދު މުއްދަތު ހަމަވުމުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ. އެ ހަތަރު މީހުންގެ ތެރެއިން އެކަކު އިއްޔެ ބަންދު މަޖިލީހުގައި ކުށަށް އިއުތިރާފުވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސްކޭމްކޮށްގެން ނެގި ފައިސާ ދައްކަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.
ކުށަށް އިއުތިރާފުވެފައިވަނީ ހދ.ވައިކަރަދޫ، ޕެރިމްރޯޒް އަބްދުالله ނާފިޒެވެ.
އިއްޔެ ކޯޓަށް ދެން ހާޒިރުކުރި ގދ. ފިޔޯރީ، ހީނާމާގޭ އަލީ އިމްރާން އާއި މ.މާލޭގެއާގޭ މުހައްމަދު ނުހާދު އަލީ އަދި ގދ.ތިނަދޫ، ގުލްބަކާގެ އަބްދުﷲ އިސްރާގެވެ. އެމީހުން ކުށަށް އިއުތިރާފުވާ ކަމަކަށް ނުބުނެ އެވެ.
ހަތަރު މީހުންގެ މައްޗަށް ވެސް ވަނީ 15 ދުވަހުގެ ބަންދު މުއްދަތެއް ދީފަ އެވެ.
މީގެކުރިން މި މައްސަލާގައި ހައްޔަރުކުރި ގއ. ކަނޑުހުޅުދޫ ފޫހިވާގޭ މުހައްމަދު އަލީ ވެސް ކުށް ކުރި ކަމަށް އެއްބަސްވެފައިވެ އެވެ. ސްކޭމްކޮށްގެން ކުންފުނީގެ އެކައުންޓަށް ވަދެ އެކި މީސްމީހުންނަށް ފޮނުވި 279،600 އަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 25،242.80ރ. މުހައްމަދު އަލީގެ އެކައުންޓަށް ވަދެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
މި މައްސަލާގައި އެކަކު ހައްޔަރުކުރީ ހިންމަފުށިންނެވެ. އައްޑޫން ތިން މީހަކު އަދި ބާކީ ތިބި ހަ މީހުން ހައްޔަރުކުރީ މާލެއިންނެވެ. މީގެ ތެރޭގައި ކުށުގެ ރެކޯޑް ހުރި މީހުން ހިމެނެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުން ކަމަށެވެ. އަދި އެ ތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާއަށް މުދާ ގަނެފައިވާއިރު، އަނެއް ތިން މީހުންނަކީ އެކި މީހުން އޭޓީއެމަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމުން ފައިސާ ނެގުމަށް ފަހު އެ ފައިސާތަކާ ހަވާލުވި މީހުންނެވެ.