ޝީޝާ އަށް 92،000 ރުފިޔާގެ ފޭކް ސްލިޕެއް ފޮނުވައިގެން ސައިކަލެއް ގަތް ކަމަށް ބުނާ މީހަކު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސޮލައިމާން އާމިރު، މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރީ 92،000 ރުފިޔާގެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން ހުޅުމާލޭގައި ހުންނަ ސީޝާގެ ސާވިސް ސެންޓަރުން ހޮންޑާ އޭޑީވީ 160 މަރުކާގެ ސައިކަލެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތުހުމަތަށް ކަމަށެވެ.
އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ވެސް އަމުރުކުރީ 15 ދުވަހަށް ބަންދުކުރުމަށެވެ.
އެ މުއްދަތު ހަމަވުމުން ބަންދާ މެދު އަލުން ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން އެ ކޯޓުން އަމުރުކުރި އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ސޮލައިމާން އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ އޭނާ ސީޝާގެ ސާވިސް ސެންޓަރަށް ގޮސް ސައިކަލާ ހަވާލުވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްގެ އެނަލިސިސިސް ފޮޓޯ ރިޕޯޓާއި އޭނާ ފޮނުވި ފޭކް ސްލިޕްގެ ސްކްރީންޝޮޓާއި މައްސަލަ ހުށަހެޅި ފަރާތުގެ ސިޓީ ހިމެނޭހެން މާއްދީ ހެކިތައް ފުލުހުން ކޯޓަށް ހުށަހަޅާފައި ވާތީ އެވެ.
އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އޮތް ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އެއީ ބަންގްލަދޭޝްގެ ރައްޔިތަކަށް ވާތީ، ބަންދުން ދޫކޮށްލައިފި ނަމަ އެ ގައުމަށް ގޮސް ފިލުމުގެ އިހުތިމާލް އޮތުމުންނެވެ.