އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އޭސީސީއަށް ހާޒިރުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 އޮކްޓޯބަރ 2025 - 10:40
ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލާގައި ސުވާލު ކުރުމަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ ކޮމިޝަނަށް މިއަދު ހާޒިރުކޮށްފި އެވެ.
ފައްޔާޒް އޭސީސީ އަށް ހާޒިރުކުރުމާ އެކު، އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ އެ އޮފީސް ކުރިމަތީގައި ބައެއް ޕޯސްޓަރުތައް ހިފައިގެން އިހުތިޖާޖު ކޮށްފަ އެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ އަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އޭސީސީއަށް ހާޒިރުކުރުމުން އެމްޑީޕީގެ ސަޕޯޓަރުން އެ ކޮމިޝަން ބޭރުގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.
ސްވިފްޓް އިންޖިނިއަރިންއަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
ފައްޔާޒުގެ މައްސަލަ އޭސީސީން ބަލަން ފެށުމާ އެކު ސައުދުﷲ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައި ވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށެވެ.
މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ވެސް މެމްބަރު ސައުދުﷲ މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްވިފްޓުން ހިންގަމުން ދިޔަ ހަ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްޓުވައި ވަކިކުރި ކަމަށެވެ.
ފައްޔާޒު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅިގެން އެ ކޮމިޝަންގެ ކުރިމަތީގައި އެމްޑީޕީގެ މެމްބަރުން މިއަދު އިހުތިޖާޖު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ މަޝްރޫއުތައް އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިބޫގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީއަށް އޭނާ ހާޒިރުކުރުމުން، ފައިސާ އިން ބަދަލު ނުދީ، ވަކިކުރި ޕްރޮޖެކްޓުތަކާ އެއް އަގުގެ އެހެން ޕްރޮޖެކްޓުތައް ހަވާލު ކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީގެ އަމުރު ލިބުމުން ފައްޔާޒް މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އޭސީސީން އިންސާފުވެރި ތަހުގީގެއް ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައްޔާޒް މިއަދު އޭސީސީއަށް ހާޒިރުކުރި އިރު، ހަމަ މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އެމްޑީޕީ އެންމެ ފަހު ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިއްޔެ ވަނީ އެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މައްކޫ
13 October 2025
ގެންދަންޖެހެނީ އޭސީސީ އަކަށް ނޫން، ޖަލަށް. ހާދަ ޖަރީމާއެކޭ ހިންގީ! އަދިވެސް ހަނދާނަށް އަންނަނީ ،، އަގުބޮޑު ބިންތަކުގެމަތިން
ދަލޭކަ ދައިތަ
13 October 2025
އެ ފަކީރު އަތުގައި އޮތީ ބާ ސައިކުގަޑެއްކަމަށް އިހަށްދުވަހު ނޫހަކު އޮތްކަމަށްވޭ. ފަގީރުންގެ ލިސްޓަށް ނާރާ އެހެން ކިތަންމެ ފަގީރަކު މަޖިލިސްގައި ވެސް އުޅުއްވާ. އެހާވެސް އެބޭފުޅުން ނަޒާހަތްތެރި. ހަމަ ވިޒިޓްކޮށްލީމަ އެ ނިމުނީ. މާ ކަންތަށްބޮޑުކޮށް ބޯޑުތަށް ހިފައިގެން ބަޔަކުތިބޭނެ ކަމެއްނެތް.
ޙީޏި
13 October 2025
ކޮބާތޯ ސިގިރެޓު ކޮންޓެއިނާތައް
ސައްމާހް މުހައްމަދު
13 October 2025
ވައްކަން ބަލާތީ ވަރަށް އުފާވޭ. ބަރާބަރު ކަމެއް.
ކަޅުއުބުށޭމު
13 October 2025
ތުހުމަތުކުރުމަކީ އަދި ވައްކަން ކުރުމެއް ނޫން. އެކަމަކު ވައްކަމެއްގެ ތުހުމަތުގައި މީހަކު ހާޒިރުކުރީމާ، ހަޅޭއްލަވަން ނުކުންނާނީ ވައްކަމަށް ހިތްވަރުދޭ ކުދި ވވވފބބ.
ދުރުރާސްތާ
13 October 2025
ހާޒިރުކޮށް ބަލަންޖެހޭނެ ބެލެން ޖެހޭނެ. ކޮންމެ ގޮތެއް ވިޔަސް
އަމީރު.
13 October 2025
ދެން އެ ފަކީރު ދޫނުކުރާތި
ދާދާ
13 October 2025
ސުވާލެއްކޮށްލާން މީހަކު ހާޒިރުކޮށްގެންނުވޭތަ؟ އަނެއްކާ އަލިފެއްނޫންވިއްޔަ.