މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއް: ސިނގިރޭޓް ވަގަށް ބޭރުކުރި މައްސަލާގައި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ވަނީ ނިންމާފައި.-- ފޮޓޯ: މަޖިލިސް
16 އޮކްޓޯބަރ 2025 - 21:02
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
މަޖިލީހުން ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އަށް ކޮމިޓީ ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ. އެޖެންޑާގައި ވަނީ ކޮމިޓީން ދިރާސާކުރަމުން އަންނަ މައްސަލައަކާ ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކާ ބައްދަލުކުރުމަށް ބާއްވާ ކޮމިޓީ ބައްދަލުވުމެއް ކަމަށެވެ. އޭގެ ތަފްސީލެއް މަޖިލީހަކުން ނުދެ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޓީ ބައްދަލުވުން ބާއްވަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގަ އެވެ.
އެހެންވެ، ކޮމިޓީއަށް ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ކަސްޓަމްސް އާއި އެމްޕީއެލުގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރަން ވަނީ ނިންމައިފަ އެވެ.
އެނގިފައިވާ ގޮތުގައި ކޮމިޓީން އެ ނިންމުން ނިންމާފައި ވަނީ މީގެ ދެ ދުވަހެއް ކުރިން ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގަ އެެވެ.
ވަގަށް ނެގި 1،360 ކޭސް ސިނގިރޭޓުގެ މައްސަލާގައި މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެކަން ރޭވުމާއި އެ އަމަލު ހިންގުމަށް ފަންޑުކުރި ކަމަށް ތުހުމަތުކުރަނީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަށެވެ. އޭގެ ތެރެއިން ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.
އެ މައްސަލާގައި ދެން ހައްޔަރުކުރީ ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ އެވެ. އޭގެ ތެރެއިން ޒިވާރުގެ ބަންދަށް 15 ދުވަސް އަދި މުއާޒުގެ ބަންދަށް ފަސް ދުވަސް ކޯޓުން އިއްޔެ ޖެހި އެވެ.
ސިނގިރޭޓް ކޮންޓެއިނަރުތައް "ވަގަށް ބޭރު ކުރުމުގެ އޮޕަރޭޝަން" ގައި ޒިވާރާއި މުއާޒުގެ ބައިވެރިވުން އޮތް ކަމާއި އަމަލީ ގޮތުން އެކަން ރާވާއި ހިންގުމުގައި އެ މީހުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކަމަަށް އެ މީހުންގެ ބަންދު އަމުރުގައި ވެ އެވެ.
އެ މައްސަލައާ ގުޅިގެން އެ ދެ މީހުން ވެސް ވަނީ ކަސްޓަމްސް އާއި މިފްކޯގައި އެ މީހުން އަދާކުރަމުން އައި ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ. އަދި އެމްޕީއެލުން ވަނީ އެ ކުންފުނީގެ ހަ މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެ މައްސަލާގައި ފުލުހުން ވެސް ވަނީ 12 މީހަކު ފުރުން މަނާކޮށްފަ އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓުތައް ނައްތާނުލައި އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ހަ މަސްދުވަސް ވަންދެން ބަހައްޓާފައި ހުރީ ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ތަހުގީގު އަދިވެސް ނުނިމޭތީ އެވެ. އެތަކެތި ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.
ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކް ވަގަށް ނަގާފައިވާ އެ މައްސަލާގައި ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮމިޓީއާމެދު އޮތީ ކޮން އިތުބާރެއް
17 October 2025
ފައިސާއަށްޓަކައި ނަފުސު ވިއްކާ ވެރިން، ޤައުމަށް ޤައްދާރުުމަކަށްވެސް ޖެހިލުމެއް ނުވާނެ. ނުބައި ގްރޫޕަކުން ނުވަތަ ގޭންގަކުން، ތިމީހުންނަށް ފައިސާ ދީފަ ހަތިޔާރު ކޮންޓޭނަރެއް ބޭރުން އެތެރެކޮށް ރަށުތެރެއަށް ނެރެލަފާނެކަމުގެ ބިރު އެބައޮތް. މުސްލިމު ޤައުމެއްގަ ދުނިޔަވީ އުފަލާ އަރާމަށްޓަކައި ފައިސާއަށް މިހާވަރަށް ބޫތުކައިފަ މިތިބެނީ. ހުރިހާ އުމުރެއްގަ ހުރިހާ ފަންތިއެއްގަ ޢާއިލާތަކާ ކުންފުނިތަކާ މުއައްސަސާތަކުގަވެސް މިހާލު. ޤައުމު ރަނގަޅުކުރާނެގޮތެއްނެތް
ގ ތގތ
17 October 2025
ތިކަމަށް ޅެމެއް ލަވައެއް ހަދާލަ ދެން
ނަފާ
17 October 2025
100 ފަހަރުވެސް ތިކޮމެޓީއަށް ހަޒިރު ކުރެވިދާނެ ނަތީޖާ ޒީރޯ ދައުލަތައް މިލިއަނުން ގެއްލުންވާއިރުވެސް ތިމީހުންނަން އެޅޭފިޔަވަޅެއްނެތް ދުނިޔޭގެ އެހެންގައުމްތަކުން އަޅުގަނޑުމެންނަން ފެންނަ ރީތި މިސާލަކީ ތިމާ ޒިންމާ އަދާކުރާތަނެއް ފޭލިވެއްޖެއްޔާ އިސްތިއުފާދިނުން މިކަމެއްވެސް މިރާއްޖޭގައިވަނީކީއެއްނުން ހީވަނީ ސަރުކާރަށް ބަލަދުއަރާފަތިބޭ ބައެއްހެން ، ކިހާދެރަކަމެއްމިދެން
އަބްޑޫޅް +
17 October 2025
އެއީ ސިނގިރޭޓެއް ނޫން. ރާއްޖެއަށް ދުންފަތުގެ އިސްތިއުމާލު ކުރާ މި ދާގީނާ އެންމެ ފުރަތަމަ ގެނެވުނީއްސުރެން، "ސިނގިރޭޓު" މި ބަސް ބޭނުންކުރަނީ، ބީރަށްޓެހީން. މީގެ ސަބަބު ކަމުގައި ވެދާނެ، އެޒަމާނުގައި ގިނަ ބީރަށްޓެހީންގެ ތެރޭ، ސިނގު ކަމަކީ ވަރަށް ގިނަ ސިފައެއް ވީމަ ކަމުގަ. ފުރިހަމަ ދިވެހި ބަހުން މިއަށް ކިޔަނީ، ހުސް ނޫނަކާއި ނުލައި، "ސިގިރޭޓު". އިގިރޭސި އިޝްޕެލިންކުގަ ވެސް ނޯވެޔޭ، އެން އަކުރެއް.
ގިނަ ސުވާލުތަކެއް
17 October 2025
އޭޕްރީލް މަހު ދެކޮންޓެއިނަރ އެތެރެކުރިއިރު އެތެރެކުރި އިރު މި މުދާތައް އެތެރެކުރި ކުންފުންޏާ ދޭތެރޭ އެޅީ ކޮން ފިޔަވަޅެއްތޯ. ހަމައެކަނި ހުރީ ސިގިރެޓް ތޯ؟ އިތުރު މުދާހުރިއްޔާ ހުރި މުދާ ދޫކުރިތޯ؟ ކޮން އިރަކުތޯ؟ އިޖުރާއަތު އޮންނަނީ އެހެންތޯ؟ އެތެރެކުރި މީހުން މިކޮންޓެއިނާރަތަށް ޝިޕްކުރި ޕޯޓުން ޝިޕްކުރީ 2 ކޮންޓެއިނާ އެކަނި ތޯ؟ އެހެން މުދަލެއް ހުރިއްޔާ އެމުދަލަށް ޕޭމެންޓް ހެދީ ކިހިނެއްތޯ ؟ ކިހާ ވަރެއްތޯ؟ ތަހުގީގު މިހާދުވަސް ވީއިރު ނިމުނުތޯ؟
މިހުންނަނީ ވަރަށް ނުރައްކާތެރިކަންކަން ...
17 October 2025
ތި ލެވެލްގަ ވިޔަފާރިވެރިންނަށް އޮޕަރޭޓް ކޮށްލެވޭނަމަ ހަތިޔާރު އެތެރެ ކޮށްލުމަކީވެސް އެއްވެސް ކަމެއް ނޫން ދެއްތޮ ؟؟
ޢަރުތަ
16 October 2025
ރައްޔިތުން ބަލާހިތްނުވިއަސް، ފިސާރި ރީތި ފިލްމެއް ކުޅެ ނިންމާލާތަން ބަލަން މިތިބީ.
އުދުހޭ
16 October 2025
ތިޔަ ކޮމިޓީ ސިއްރުކުރާނެކަމަށް ބެލެވޭ. ސިޔާސީ ދާއިރާގައުޅޭ %90 އަކީ ވަގުންނަށް ވެދާނެ.