އައްޑޫގައި ނިޔާވެފައި އޮއްވާ ފެނުނު ދެމަފިރިން.
23 އޮކްޓޯބަރ 2025 - 16:10
އައްޑޫ ހިތަދޫގައި ރޭ ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ އޮޓޮޕްސީ ހެދުމާމެދު ގޮތެއް ނުނިންމޭތީ އެ މީހުންގެ ހަށިގަނޑު ވަޅުނުލެވި، ދިގުލައިގެން ހިނގައްޖެ އެވެ.
ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގޭގައި ނިޔާވީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60، އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52، އެވެ.
އެނގިފައިވާ ގޮތުގައި އެ މީހުންގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ފުލުހުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ނަމަވެސް އާއިލާއިން ވަނީ ޕޯސްޓުމޯޓަމް ހެދުމާ ދެކޮޅު ހަދައި، ވީހާ ވެސް އަވަހަކަށް ހަށިގަނޑު ހަވާލު ކޮށްދިނުމަށް އެދިފަ އެވެ. އެކަމުގައި ވަކި ގޮތެއް ނުނިންމާތީ ދެ ހަށިގަނޑު ވެސް ބާއްވާފައި އޮތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މޯޗަރީގަ އެވެ. ފުލުހުންގެ ބަހެއް އަދި މިކަމާ ގުޅޭ ގޮތުން ނުލިބެ އެވެ.
އެ ދެމަފިރިން ނިޔާވި ޚަބަރާއެކު، އެ ގެއަށް ވަން މީހަކު "މިހާރު" އަށް ރޭ ކިޔައިދިން ގޮތުގައި ދެ މީހުން ފެނުނީ ކޮޓަރީގެ ފާހާނާ ތެރެއިންނެވެ. ފިރިހެންމީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އަންހެން މީހާގެ ހަށިގަނޑުގައި ވެސް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހުރި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
އެކަމަކު، ފުލުހުން ރޭ ބުނީ އެހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ. އެކަމަކު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
"ބޮޑަށް ބެލެވެނީ ފިރިހެން މީހާ މަސައްކަތެއް ކުރަން ހުއްޓައި ވެއްޓުމުން އޭނާ ނަގަން އަންހެން މީހާ ގުދުވެލި ވަގުތު [ކަރަންޓުގައި ޖެހިގެން] މަރުވީ ކަމަށް. ދެ މީހުންގެ ދެބޯ ޖެހިފައި ތިބީ. ގެއަށް ވަންއިރު ގޭގައި ކަރަންޓެއް ނެތް،" އޭނާ ކިޔައިދިނެވެ.
އެ ދެމަފިރިން އެ ގެ ހަދައިގެން ބަދަލުވީ މީގެ ދެތިން ދުވަސް ކުރިންނެވެ. އެ ސަރަހައްދަށް އަދި ކަރަންޓް ނުލާތީ އެ ގެއަށް ކަރަންޓް ދެމުން އައީ އަމިއްލަ ކުޑަ ޖަނަރޭޓަރަކުންނެވެ.
ބައެއް ފަރާތްތަކުން މިހާރު ލަފާކުރާ ގޮތުގައި ދެމަފިރިން ނިޔާވީ ޖަނެރޭޓަރުގެ ދުމުގެ އަސަރު ކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެދުން 01
23 October 2025
ދުމުގެ ސަބަބުން ކަމަށް ވާނަމަ އެއީ ކާބަންމޮނޮކްސައިޑް ގެ ސަބަބުން. ކާބަންމޮނޮކްސައިޑް އަކީ ވަހެއް ނުހުންނަ ކުލައެއްނުހުނަ ރަހައެއް ނުހުންނަ ވިހަގަދަ ގޭހެއް، އެހެންވެގެން ބާބެކިޔު ހަދާއިރުވެސް ދުންގަނޑުތެރޭގައި ހުރުން ރައްކާތެރި ނޫނީ. އިތުރަށް އިންޓަރނެޓުން ކާބަންމޮނޮކްސައިޑް ގެ މަޢުލޫމާތު ހޯއްދަވާލައްވާ.
ދަލޭކަ ދައިތަ
23 October 2025
ތި މޯޓަމެއް ހަދައިގެން އެއްޗެއްނޭގޭތީހެން ހީވަނީ އާއިލާވެސް ބޭނުންނުވެގެން އުޅެނީ.
ސަންގު
23 October 2025
އޮޓޮޕްސީ ހަދަންޖެހޭ! މަރުގެ ހަގީގަތް އެގެންޖެހޭ!
އޮނަރަބްލް އަފީފު ދީދީ
23 October 2025
ފުރަތަމަ ކުރާންޖެހޭކަމަކީ މިކަންހިގީ އެގެއަށް ފެނަކައިން ކަރަންޓް ގުޅާނުދިނުމުން އެމީހުން އަމިއްލަ ޖެނެރޭޓަރ ހިންގައިގެން ދިމާވި ޙާދިސާއެއްތޯބަލާ ދައުލަތުގެ ޤާނޫނުއަސާސީން ލާޒިމް ކޮށްފައިވާ އަސާސީޙިދުމަތް ހުރިރަށަކުން މިއާއިލާއަށް ޙިދުމަތްދިނުމަށް ހުރަސް ކުރިމަތިވިސަބަބު ތަޙްޤީގުކޮށް މިކަމުގައި އިހްމާލުވެފައިވާ ފަރާތްތަކާއިމެދު، ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް އާއި ހިއުމަންރައިޓްސް ކޮމިޝަނުން މިކަން ތަޙްޤީގުކޮށް ދައުވާ ކުރަން ފޮނުވުން ނޫންތޯ؟
އަޕްތީ
23 October 2025
ވަރަށް ހިތާމަވެރި ހާދިސާއެއް އެ ދެމަފިރިންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވާށި އާމީން. އަހަތެން ހިތައްއެރީ ކީއްވެތޯ ސިޓކައުންސިލުން އެގެއަށް ކަރަންޓް ފޯރުކޮށްނުދިނީ ބަޔަކު ކަރަންޓު ނެތްސަރަހައްދަކަށް ދާއިރު ކަރަންޓު ނުދެވެނީސް އެބަޔަކު ބަދަލުވާން ފުރުސަތު ދެވިގެން ނުވާނެ މިކަމުގަ ސިޓީކައުންސިލް ޖަވާބުދާރީ ކުރުވަންޖެހޭ!
ސަލާމްޑީ
23 October 2025
ދައުލަތުން ޖެހޭ މިކަހަލަ ކަންކަން ސާބިތު ވާވަރަށް މައލޫމާތު ހޯދާ އަދި ޕޯސްޓްމޯޓަން ހަދާ ގޮތެއްނިއްމަން. އާއިލާއަށް އަކަށް ވަކިގޮތެއްނުނިއްމޭނެ.
މޯޓަމް
23 October 2025
ޕޯސްޓްމޯޓަމް ހަދާއިރު ކުރާހާކަންތައް އެނގޭނަމަ ތިހެން ނުބުނާނެ އެއީ ތިމާގެ އާއިލާމީހެއްނަމަ. ހަދަން މަޖުބޫރުކުރާނަމަ ބޭރު ގައުމުތަކަށް ނުފޮނުވާ ރާއްޖޭގަ އެކަންކުރެވޭނެ އަދި ޕޭޝެންޓްގެ ޕްރައިވެސީ މުޅިން ގެރެންޓީކުރެވޭނެ ނިޒާމެއް ދައުލަތުން ފުރަތަމަ ގާއިމުކުރަންޖެހޭ.
ރަދީފްއޮފިޝަލް /
23 October 2025
ޝަރުޢީ ބަލަދުވެރިން އެދޭނަމަ ޖެހޭނީ އަވަހަށް ވަޅުލަން.އިތުރު އަނިޔާ ނުދީ ކަށުކަމާކެމީގެ ބައި ނިންމާލާ.މާދަމާ ހުކުރު.ވ.ވެދުން
ޕަކަޗޭ
23 October 2025
ސަރުއީބަލަދުވެރިން އެދުނަސް ޕޯސްޓްމޯޓަމް ހަދަންޖެހޭކަމަށް ފެންނަނަމަ ހަދަންޖެހޭނީ. ސަރުއީ ބަލަދުވެރިން މިއަދުކިޔާއެއްޗެއްނޫން މާދަމާކިޔާނީކީ،
ބޭޗާރާ
23 October 2025
ނުޖެހޭނެ. އެހެެންފަރާތެއްގެ އަތެއް ނެތްކަން ޖަގީން ކުރަންޖެހޭނެ ދޯ.
ަދސދސަދފ
23 October 2025
ދައުލަތަކީ ވެސް ޝަރުޢީގޮތުން ބަދަލުވެރިން. މަރުވި ސަބަބު ދެނެގަތުމަކީ ދައުލަތުން ކުރަން ޖެހޭނެ ކަމެއް.
މހއމ
23 October 2025
ޕަކަޗޭ: ޕޯސްޓް މޯޓަމް ހަދަން ތިބި މީހުންވެސް މިއަދު ކިޔާ އެއްޗެއް ނޫން މާދަމާ ކިޔާނީކީ.
ރަދީފްއޮފިޝަލް / ކޮޑަގެ ދޮރުން
23 October 2025
ރަނގަޅު.މިހާރު ގާނޫނުގަ އޮތް ގޮތުން އާއިލާގެ ރުހުމާއި ދެކޮޅަށް ވެސް މޯޓަމް ހެދޭނެ.