އައްޑޫގައި ނިޔާވެފައި އޮއްވާ ފެނުނު ދެމަފިރިން.
23 އޮކްޓޯބަރ 2025 - 23:35
އައްޑޫ ހިތަދޫގެ ގެެއެއްގެ ތެރޭގައި ނިޔާވެފައި ތިއްބާ އިއްޔެ ހަވީރު ފެނުނު ދެމަފިރިންގެ އޮޓޮޕްސީ ނުހަދަން ފުލުހުން އެންމެ ފަހުން ނިންމައި، އެ ދެމަފިރިންގެ އާއިލާއާ ހަށިގަނޑު މިރޭ ހަވާލުކޮށްފި އެވެ.
ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގޭގައި ނިޔާވީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60 އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52 އެވެ.
އެނގިފައިވާ ގޮތުގައި އޮޓޮޕްސީ ހަދަން ރާއްޖެ އިން ބޭރަށް ގެންދިއުމަށްޓަކައި އެ ދެމަރިފިންގެ ހަށިގަނޑު މޯލްޑިވިއަން އެއާލައިންގެ ފްލައިޓެއްގައި މާލެ ގެންނަ ގޮތަށް ކުރިން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެ ދެމަފިރިންގެ ޖަނާޒާ މާދަމާ ހުކުރު ނަމާދަށް ފަހު ބާއްވާނެ ކަން އާއިލާ އިން މިހާރު ވަނީ "ކަށުނަމާދު ޕޭޖު" ގައި އިއުލާނުކޮށްފަ އެވެ.
އިބްރާހިމް އަބްދުﷲ ގެ ޖަނާޒާ ބާއްވަނީ އެ އިއުލާނުގައިވާ ގޮތުން އޭނާގެ އުފަން ރަށް ހިތަދޫ މަސްޖިދުއްތަގުވާ ނުވަތަ ހުސައިން މޫސާ މިސްކިތުގަ އެވެ. ފަރަހްނާޒްގެ ޖަނާޒާ އޮންނާނީ އޭނާގެ އުފަން ރަށް މަރަދޫ މަސްޖިދުއް އިހުލާސް ނުވަތަ ބުރުޒު މިސްކިތުގަ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހުންގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ފުލުހުން އައީ މަޝްވަރާ ކުރަމުންނެވެ.
ނަމަވެސް އާއިލާއިން ވަނީ ޕޯސްޓުމޯޓަމް ހެދުމާ ދެކޮޅު ހަދައި، ވީހާ ވެސް އަވަހަކަށް ހަށިގަނޑު ހަވާލު ކޮށްދިނުމަށް އައީ އެދެމުންނެވެ. އެކަމުގައި ވަކި ގޮތެއް ނުނިންމާތީ ދެ ހަށިގަނޑު ވެސް ބާއްވާފައި އޮތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މޯޗަރީގަ އެވެ.
އިބްރާހިމް އަބްދުﷲ އާއި ފަރަހްނާޒް ނިޔާވި ޚަބަރާ އެކު، އެ ގެއަށް އިއްޔެ ހަވީރު ވަން މީހަކު "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި އެ ދެމަފިރިން ފެނުނީ ކޮޓަރީގެ ފާހާނާ ތެރެއިންނެވެ. ފިރިހެންމީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އަންހެން މީހާގެ ހަށިގަނޑުގައި ވެސް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހުރި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
އެކަމަކު، ފުލުހުން ރޭ ބުނީ އެހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ. ނަމަވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
"ބޮޑަށް ބެލެވެނީ ފިރިހެން މީހާ މަސައްކަތެއް ކުރަން ހުއްޓައި ވެއްޓުމުން އޭނާ ނަގަން އަންހެން މީހާ ގުދުވެލި ވަގުތު [ކަރަންޓުގައި ޖެހިގެން] މަރުވީ ކަމަށް. ދެ މީހުންގެ ދެބޯ ޖެހިފައި ތިބީ. ގެއަށް ވަންއިރު ގޭގައި ކަރަންޓެއް ނެތް،" އޭނާ ކިޔައިދިނެވެ.
އެ ދެމަފިރިން އެ ގެ ހަދައިގެން ބަދަލުވީ މީގެ ދެތިން ދުވަސް ކުރިންނެވެ. އެ ސަރަހައްދަށް އަދި ކަރަންޓް ނުލާތީ އެ ގެއަށް ކަރަންޓް ދެމުން އައީ އަމިއްލަ ކުޑަ ޖަނަރޭޓަރަކުންނެވެ.
ބައެއް ފަރާތްތަކުން މިހާރު ލަފާކުރާ ގޮތުގައި ދެމަފިރިން ނިޔާވީ ޖަނެރޭޓަރުގެ ދުމުގެ އަސަރު ކޮށްގެންނެވެ. ގެއަށް ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރި ޖަނެރޭޓަރު ވެސް ބަހައްޓާފައި ހުންނަނީ އެ ގޭގެ ތެރޭގަ އެވެ. އަދި އެ ގޭގެ ވެންޓިލޭޝަން ވެސް ރަނގަޅަށް ނެތް ކަަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަޖޫ
24 October 2025
ޕޯސްޓް މޯޓަމް ހެދުމާ ނުހެދުމަކީ އާއިލާއަށް އޮންނަ ބާރަކަށް ވަންޏާ ވަރަށް ގިނަ މަރުގެ ހަގީގަތް ނޭނގި ނިމިގެން ދާނީ!
ވޭމަންޑޫ
24 October 2025
ތި ހެދިޔަސް ނުހެދިޔަސް ވާކަމެއް ހަރާމް ހަދާގެން ލިބުނު ކުރިއެރުމެއް ބުނެދީބަލާށެވެ ތިބޭފުޅާ ބޮޑު ހަރަދުތަކެއް ވޭސްޓު ވަނީ ޕޯސްޓްމޯޓަމް ގެ ނަތީޖާއަކީ އެބަޔަކު ބުނާގޮތަށް ލިޔެލާ ލިއުމެއް ހަގީގީ ކުލައެއް ނުޖެހޭނެ ތިހަދައިގެން ހޯދުނު މަރުގެ ހަގީގަތް ބުނެދީފާނަންތޯ ؟ ޝަޖޫ ؟
އޮނަރަބްލް އަފީފު ދީދީ
24 October 2025
އައްޑޫސިޓީ ގައި އަލަށް އާބާދުވާ ސަރަޙައްދުގެ ގޭގެ ގޯއްޗާއި ހަމައަށް ފެނަކަ ކުންފުނިން ކަރަންޓް ކޭބަލް އަޅާ ދިނުމަށާއި ފާޙާނާ ހޮޅި ގުޅާދިނުމަށް ރައްޔިތުމީހާ އަތުން އެތައް ހާސް ރުފިޔާ ނަގަމުންދޭ. މިއީ ދައުލަތުގެ ޤާނޫނުއަސާސީ ރައްޔިތުމީހާ އަށް ކަށަވަރު ކޮށްދީފައިވާ ޙިދުމަތެއް ދޭން ދައުލަތުން ހަދާފައިވާ ކުންފުންޏަކުން ކަންކުރާން ޖެހޭނެ ގޮތެއްނޫން. މި ދެމަފިރިން މަރުވުމުގައި ޙަަދިސާގައިވެސް އެމީހުންގެ ގެއަށް ކަރަންޓްނުލިބުނު މައްސަލަ ހިމެނޭ ކަމަށްވޭ.
ޙިމް
24 October 2025
ގެ ހަދާއިރު މިހާރު ގިނަމީހުން ކޮޕީ މިކުރަނީ ކ.މާލޭ މޮޑެލްއަށް ގެ ހަދަން. އެކަމަކު ނުދާނެ. ވެންޓިލޭޝަން ހުންނަން ޖެހޭނެ.