ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ބަޔަކު ޝުއޫރު ފާޅުކުރަނީ: ދިރާސާއަކުން ދެއްކި ގޮތުގައި ކުޑަކުދިންނާ ގުޅޭ ބަދުއަހުލާގީ ތަކެއްޗަށް މި ސަރަހައްދުން އެންމެ ގިނަ މީހުން އެކްސެސް ވަނީ ރާއްޖޭގައި. -- ފޮޓޯ: މިހާރު
06 ނޮވެމްބަރ 2025 - 07:21
"ޗައިލްޑްލައިޓް - ގްލޯބަލް ޗައިލް ސޭފްޓީ އިންސްޓިޓިއުޓް" އިން ނެރުނު ދިރާސާއަކުން ރާއްޖޭގައި އޮތް ވަރަށް ނުރައްކާ ހާލަތެއް މި ވަނީ ތިލަކޮށްދީފަ އެވެ؛ ކުޑަކުދިންނަށް ޖިންސީ އަނިޔާ އާއި ގޯނާ ކުރުމަށް މަގުފަހިވާ މެޓީރިއަލްތަކަށް އެކްސެސްވާ މިންވަރު އާބާދީގެ ނިސްބަތުން މި ސަރަހައްދުގައި ވެސް އެންމެ މަތީ ރާއްޖޭގަ އެވެ.
ދެކެނު އޭޝިޔާގެ އަށް ގައުމެއްގެ ތަފާސްހިސާބަށް ބަލައި އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ޗައިލް ސެކްޝުއަލް އެބިއުސް މެޓީރިއަލް ނުވަތަ ސީއެސްއޭއެމް ރޭޓް، ދެކުނު އޭޝިއާގައި އެންމެ މަތީ ރާއްޖޭގަ އެވެ. މި ދިރާސާ އިންސްޓިޓިއުޓުން ހަދާފައިވަނީ މިފަދަ ދިރާސާތައް ހެދުމުގައި ގާބިލް، އެޑިންބާގު ޔުނިވާސިޓީއާ ގުޅިގެންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅުން ހުރި މެޓީރިއަލްގެ ތެރޭގައި ފޮޓޯ، ވީޑިއޯ އަދި ކޮމްޕިއުޓަރުން އުފައްދާފައި ހުންނަ އެފަދަ ތަސްވީރުތައް ހިމެނެ އެވެ. ދިރާސާގައިވާ ގޮތުން ރާއްޖޭގެ ކޮންމެ 10،000 މީހުންގެ ތެރެއިން 158.4 މީހުން، ކުޑަކުދިންނާ ގުޅޭ ބަދުއަހްލާގީ ޒާތުގެ ތަކެއްޗަށް އެކްސެސްވެ އެވެ. އެއީ 2023 ވަނަ އަހަރުގެ އަދަދެވެ.
މިދިޔަ އަހަރަށް ބަލާއިރު ކޮންމެ 10،000 މީހަކުން 94 މީހުން އެކަމުގެ ތެރޭގައި އުޅެ އެވެ. މި ތަފާސްހިސާބުތައް ދިރާސާކުރި ޓީމުން ހަދާފައިވަނީ ރިޕޯޓްކޮށްފައިވާ މައްސަލަތަކަށް ރިއާޔަތްކޮށްގެންނެވެ.
މީގެ މާނައަކީ މި ސަރަހައްދުގައި ކުޑަކުދިން އެކްސްޕްލޮއިޓްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތާއި އެފަދަ ކަންކަމަށް މަގުފަހިވާ ޒާތުގެ ތަކެއްޗަށް އިންޓަނެޓް މެދުވެރިކޮށް އެކްސެސްވުމުގެ ނުބައި ރިކޯޑް އޮތީ ރާއްޖޭގައި ކަމެވެ.
ރާއްޖެއާ އަވަށްޓެރި އިންޑިއާއަށް ބަލާއިރު 10،000 މީހުންގެ އާބާދީގެ ނިސްބަތުން 2023 ގައި އެ ގައުމުގައި މިފަދަ ތަކެއްޗަށް އެކްސެސް ޗަނީ 62 މީހުންނެވެ. މިދިޔަ އަހަރު 15.5 މީހުންނެވެ. ރާއްޖެއަށް ފަހު ދެވަނައަށް އޮތް ބަންގްލަދޭޝްގެ 10،000 މީހުންގެ ތެރެއިން އެފަދަ ތަކެއްޗަށް އެކްސެސް ވަނީ 64 މީހުންނެވެ.
ރާއްޖޭގައި މިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ދައްކާތީ، ދިވެހި ފުލުހުންގެ ސަމާލުކަމަށް ވެސް މިކަން އެ އިންސްޓިޓިއުޓުން ގެނެސްފައިވާކަން ވަނީ އެނގިފަ އެވެ.
މި ދިރާސާއާ ގުޅިގެން "މިހާރު" އާ ވާހަކަ ދެއްކެވި ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް ގިނަކޮށް އޮންނައިރު މި ދިރާސާއިން ދެއްކި ނަތީޖާއަކީ އިތުރު ކަންބޮޑުވުމެއް ކަމަށެވެ. އިންޓަނެޓްގައި މިފަދަ ކަންކަމުގެ ތެރޭގައި އުޅޭ ނަމަ، އެފަދަ އަމަލުތައް އަމަލީ ގޮތުން ހިންގުން ވެސް އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެ ކަހަލަ ގައުމެއްގައި އެއްވެސް ކޮންޓްރޯލެއް ނެތި އިންޓަނެޓް ބޭނުން ކުރެވޭ ގައުމެއްގައި މިފަދަ ޓްރެންޓެއް ފެނުމަކީ ޕޮލިސީ ލެވެލެއްގައި މިކަމާ މެދު ވިސްނައި ފިޔަވަޅުތައް އަޅަންޖެހޭ ކަމެއް. އެހެން ނޫން ނަމަ ދެތިން ހަތަރު އަހަރެއްގެ ތެރޭގައި މީގެ ހައްދު ފަހަނައަޅާ ވަރަށް ކޭސްތައް އިތުރުވެގެންދާނެ. މިހާރު ވެސް އަންނަ ކޭސްތައް އިތުރު،" އޭނާ ވިދާޅުވި އެވެ.
އެހެން ބައެއް ގައުމުތަކުގައި ވެސް ޕޮލިސީ ލެވެލެއްގައި މަޝްވަރާކޮށް ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުން ފަދަ ފިޔަވަޅުތައް ބައެއް ގައުމުތަކުން އަޅަމުން އަންނަ ކަމަށާއި މިއީ މިފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމަށް މުހިންމު ކަންތައްތައް ކަމަށެވެ. ރާއްޖޭގައި ވެސް މި މަޝްވަރާތައް ފަށަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޓަނެޓްގެ ޕޭރެންޓަލް ކޮންޓްރޯލް ފަދަ ކަންކަން ވެސް މިހާރު އޮންނަ ގޮތަށް ވުރެ ހަރުދަނާކުރަންޖެހިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެއްވެސް ހަމައެއް ލަމައެއް ނެތް ގޮތަށް އިންޓަނެޓް ރާއްޖޭގައި ދޫވެފައި މި އޮތް އޮތުމާ މެދު ވިސްނަން ޖެހޭ ކަމަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ވެސް ޒިންމާއެއް މިކަމުގައި އޮންނާނެ ކަމަށެވެ. ކޮންމެ މީހަކު އިންޓަނެޓް ޑޭޓާ ބޭނުންކޮށްގެން ލިބޭ ފައިދާއަށް އެކަނި އެ ފަރާތްތަކުން ވިސްނާ ނަމަ، ގައުމުގައި އުފެދޭ މިފަދަ ނުރައްކާތެރި ކަންކަން ހައްލު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ ހިދުމަތެއް ދޭ ފަރާތެއްގެ ވެސް އޮންނާނެ ޒިންމާއެއް. އެ ޒިންމާގެ ތެރެއިން ހަމަ ކުރަން ޖެހޭ މަސައްކަތް، ކުރެވޭނެ މަސައްކަތް ހަމަ ބައިވަރު ހުންނާނެ އެ ފަރާތްތަކުން މިކަމަށް ކޮމިޓްވެއްޖެ ނަމަ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާހިލު
08 November 2025
ދިވެހިން ދޯޅު ނޫން ކަމެއް އޮވޭތަ...
ޢެޑްމުންޑޯ
06 November 2025
ދިވެހިން ދޯހަޅިނުވާ އެއްވެސް ކަމެއްނޯންނާނެ
ކޮސް
06 November 2025
މިހުރިހާކަމެއްގެ ހައްލަކީ މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅާ ދުރަށް ޖެހިވަޑައިގެން , ދެއްކެވި ހުސްގޮނޑީގެ ވެރިޔާއާއި ޤައުމު ހަވާލުކުރުން. ދެން 2028 ގައި އިންތިހާބު ބޭއްވުން. ހުސްގޮނޑީގެ ވެރިޔާ 3 އަހަރުތެރޭގައި އެތައްހާސް ފުލެޓެއް ނިންމަވާނެ. ބހިޔާވަހިކަން ނެތުން މިއީ ހުރިހާކަމެއް ގޮސްވަމުންދާ މައުގަނޑު ސަބަބު.
ހަހަހަ
06 November 2025
ތިކަމުގެ އެންމެ ކުރީގަ އުޅޭނީ އެމްޑީޕީގެ ބޮއެގެން އުޅޭ ކުދިން
ލަސް
06 November 2025
ޅަކުދިންނާ ކައިވެނިކުރުމަކީ ދީނީކަމެއްގެ ގޮތުގަދެކޭ ބަޔަކު އުޅޭ ގައުމެއްގަ ތިކަން ފެތުރުމަކުން ހައިރާނެއްނުވޭ. ތިކަން އާލާކުރުން އިހުނަށްވުރެ ބާރަށް އެބަކުރޭ.
ޒަމްމަޒް ހާރިސް
06 November 2025
އެހެން
ވޮނަދާނަ
06 November 2025
ބާރަށް ދުއްވާތީ ހުރިހާ މަގެއް ބަންދުކުރަންވީ. ވަޅިން ހަމަލަދޭތީ ވަޅިގެންގުޅުން އެތެރެކުރުން މަނާކުރަންވީ. ފުރައްސާރަ ކުރާތީ އަންހެންދަރިން ގޭބަންދުގަ ބައިތިއްބަންވީ. ފާޑުކިޔާތީ ނޫސްވެރިންގެ ދޫބަންދުކުރަންވީ. މިހުންނަނީކީ ބުއްދީގެ ނަޒަރުން ބަލާނަމަ ވަރަށް ދެރަވަރު އޮށްޓަރެއްނެތް ކަންކަން. އާންމުކޮށް ވިސްނުންހަނި ސިކުނޑީގަ ތަޅުލެވިފައިވާ ފަލްސަފާއެއް ތިގެންގުޅެނީ. ދެންކިހިނެއް ކަމެއް ހައްލުވާނީ.
އުދުހޭ
06 November 2025
ޖެންޑަރ މިނިސްޓްރީން މަރްހަބާ ކިޔާ ކުދިންކޮޅެއް ނުނަގާނެބާ؟
ކޮރަލް
06 November 2025
ޖަމްއިއްޔާ ތަކުން އެހީ ބޭނުން ވާ ޕޭރަންޓުންނަށް ހިލޭ ޕޭރަންޓަލް ކޮންޓްރޯލް ގެ ސެޓިންގް ހަދާ ދޭން ވީ އެވެ. ނޫނީ އެހަދާނެ ގޮތް ކިޔާ ދޭން ވީ އެވެ.
ޖަމީލާ މަރީ
06 November 2025
ތިޔަ ބުނާ ޖަމިއްޔާތައްވެސް ހިންގަނީ ކުޑަ ކުދިންނާ ކައިވެނިކުރުމަށް ބާރު އަޅާ ގުރޫޕުގެ މީހުން.
އަފުން
06 November 2025
ރާއްޖޭގައި އޮންނަންޖެހެނީ ހައްދެއް ނެތް މިނިވަންކަން ކަމަށް ޑިމޮކްރަސީގެ ތާޖު އަޅައިގެން އުޅުއްވާ ބޭފުޅުން ވަކާލާތު ކުރައްވާ. ހަގީގަތަކީ އެއްވެސް ހައްގަކީ، މިނިވަންކަމަކީ އިމެއްނެތި، ހައްދެއްނެތި އޮންނަން ޖެހޭ އެއްޗެއް ނޫންކަން. އިންޓަނެޓްގެ ޚިދުމަތްވެސް ދެވެންޖެހޭނީ ރެސްޓްރިކްޓްތަކަކާއެކު، އިންޓަރނެޓް ބޭނުންކުރާއިރުވެސް އަތްނުފޯރާ ކަންކަން ހުންނަންޖެހޭނެ. ބޭނުމަކީ މީހުން ނުބައި ތިމަދިމާލަށް ދިއުމުގެ ފުރުޞަތު ކުޑަކުރުން.
ދޯޅުބެއްޔާ
06 November 2025
ދޯޅު ނޫނީ ކޮންކަމަކަށްތޯ؟ ކޮރަޕްޝަނާ ދޯޅު. ވައްކަމާ ދޯޅު. މަކަރު ހެދުމާ ދޯޅު. ދޮގުހެދުމާ ދޯޅު. ދޮގުހަދައިގެން ފްލެޓާއި ގޯތިހޯދުމާ ދޯޅު. މަސާޖުޕާލާތަކާ ދޯޅު. ސަފާރީތަކާ ދޯޅު. ރަލާ ދޯޅު. ގެސްޓްހައުސްތަކާ ދޯޅު. މަސްތުވާތަކެއްޗާ ދޯޅު. ޑޮލަރާ ދޯޅު. ޒިނޭއާ ދޯޅު. އެއްޖިންސުން ގުޅުން ހިންގުމާ ދޯޅު. ޣީބަބުނެ ނެތިމޮށުމާ ދޯޅު. ހަޑިހުތުރު އެއްޗެހި ގޮވުމާ ދޯޅު. ހުރިހާ ކަމަކާ ދޯޅުވެފައި މިތިބީ. ނުބައިކަމެއް އޮތިއްޔާ ދޯޅު ނޫން ކަމެއް ދައްކަބަލަ.