ބައްސާމް: އަގީލް ބަންދުނުކުރެވިގެން ބައްސާމް މައްސަލައިގެ މިއަދުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައި. --
17 ނޮވެމްބަރ 2025 - 09:53
ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން އެފްއޭއެމަށް ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވެސް ކެންސަލް ކުރަން ޖެހިއްޖެ އެވެ.
އެފްއޭއެމްގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަކާއި ކުންފުނިތަކެއްގެ އެކައުންޓްތަކަށް ފީފާއިން އިން ދިން ފައިސާ ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރަނީ ބައްސާމްގެ އިތުރުން އަމިން ކޮންސްޓްރަކްޝަނާއި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް އާއި މ. ހިރިނައިދޫ، ހަސަން ވަހީދުގެ މައްޗަށެވެ.
މީގެތެރެއިން އަގީލަކީ އެފްއޭއެމްގެ ކުރީގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑެވެ. އޭނާގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންއަށް އެހީތެރިވެދިން ކަމުގެ ދައުވާ އެވެ.
އޭނާ ކޯޓަށް ހާޒިރުވާން އަންގާފައިވަނިކޮށް އިއްޔެ ބޭއްވި އަޑުއެހުމަށް ވެސް ހާޒިރެއް ނުވެ އެވެ. ބައްސާމް ޖަލު ހެދުން ލާން ދެކޮޅު ހެދުމުގެ ސަބަބުން އެތައް އިރެއް ވަންދެން ނުފެށި ދިގުލައިގެންދިޔަ އެ އަޑުއެހުން ވެސް އަގީލް ހާޒިރުނުވާތީ ކުރިއަށް ނުގެންދެވުނެވެ.
މައްސަލަ ބައްލަވާ ގާޒީ އިއްޔެ ވަނީ އަގީލް ހައްޔަރުކޮށްގެން ކޯޓަށް ގެންނަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ. ނަމަވެސް މިއަދު ހެނދުނު 8:15 އަށް ތާވަލުކުރި އަޑުއެހުމަށް ވެސް އަގީލް ހާޒިރެއް ނުކުރެވުނެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ އަގީލް ބަންދު ނުކުރެވޭތީ ކަމަށެވެ.
އެފްއޭމްއެމަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.
ދައުލަތުން އަގީލްގެ މައްޗަށް ދައުވާކޮށްފައި ވަނީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމިން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރުމަށް ބައްސާމަށް އެހީތެރިވެދީފައިވާތީ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނެފައިވަނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ.
އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.
ނަމަވެސް ގާޒީ ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެެވެ.
ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓް ހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮގަނައިޒުޑު ކުރައިމު
17 November 2025
ތި ހަމަ އިދާރާތަކުގެ މީހުންނާވެސް ގުޅިގެން ރޭވިގެން ހިންގާ ކުރައިމްސް. ފުލުހުން ބޭނުންވީމަ މުޒާހަރާ އެއް ކޮއްލާ މީހާ އޮތްތާކުން ހައްޔަރުކުރެވޭ އެކަމަކު ބައްސަމް މައްސަލައިގައި ހަމަ ފަހަތު ފަޔަށް ވަރަށް ބުރަކޮށް ފުލުހުން އުޅެނީ. ޖަރީމާ ސާވިސް އޭ މީހުން ކިޔަނީ ސަބަބެއް އޮވެގެންތާ ދޮގެ؟
ސެއްޅި
17 November 2025
ތިޔަ ބުނާ އަގީލެއް ބަންދު ނުކުރެވުނީ ކީއްވެތޯ ފުލުހުން ގާތު ނޫސްވެރިޔާ ސުވާލުނުކުރަންތޯ؟؟
ވޯލް
17 November 2025
އާޓިކަލް އޮތީ ތިޔަ ބުނާ އަޤީލެއްގެ ވާހަކަ ޖަހާފަ އޮތީ ބައްސާމުގެ ފޮޓޯއެކަނި. ބައްސާމަ އަޤީލާ ދެމީުންގެ ފޮޓީ ޖަހަން ޖަހޭނެ.
ޢަލްޓިކޯ
17 November 2025
ވަލިއްޔުލްއަމުރު ފެނޭތޯ؟އެއްމެ މީހަކު އެހުއްޓުވާލަނީ ހިގަމުންދާ ޝަރީއަތް ގައުމެއްގެ ހައިސިއްޔަތުން ކިހާލަދު ކަމެއް.ޝަރުއީ ނިޒާމިގެ މައްޗައް ގަދަވެގަންނަނީ ކައްވާލި ރުފިޔާ އަށްވުރެ ބޮޑުކުށެއް ލޯކުރިމަތީ.އެހެންވީމަ ޕޯޑިއަމްގަ ދައްކާވާހަކަ ދިމާނުވޭ މުއައްސަސާތައް ވަކިކުރިޔަސް ނުކުރިޔަސް ވައލިއްޔުލް އަމުރު ބޮލު ޒިއްމާ އެބަޮއި.
ރަދީފްއޮފިޝަލް / ބަގީލް
17 November 2025
އަގީލް ބަންދެއް ވެސް ނުކުރެވޭނެ.ތިކަން ވެސް ނިމިދާނެ.