ފުލުހުންގެ ލޯންޗު، ކަންނެލި ދޯންޏަކާ ކައިރިކޮށްފައި: ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މުޒާހަރާ ވަނީ ރޫޅާލައިފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
11 ޑިސެމްބަރ 2025 - 15:14
ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހުތިޖާޖްގައި ބައިވެރިވާ ބައެއް ދޯނިތައް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް، އެ މުޒާހަރާ ރޫޅާލައިފި އެވެ.
އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލީ ޖެޓީ ސަރަހައްދުން ފަށައި އަދި އޭގެ ފަހުން މާލެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.
ހުއްޓުމެއް ނެތި އެ އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރު ވެސް ވީ ފަހުން ފުލުހުން ވަނީ ދޯނިތަކަށް އަރައިފަ އެވެ. ފުލުހުން ދޯނިތަކަށް އެެރީ އެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާ ކަމަށާއި އެއީ ގާނޫނާހިލާފު ކަމެއް ކަމަށް ބުނެ އެވެ.
އިހުތިޖާޖުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ތިން ދޯނި ގެންގޮސް، އެ ދޯނިތައް ވަނީ ފުލުހުންގެ މަރުކަޒު، ދޫނިދޫއަށް ގެންގޮސްފަ އެވެ. އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ކޯޓު އަމުރެއް ވެސް ނުދައްކާ ކަމަށެވެ.
އިހުތިޖާޖްގައި ބައިވެރިވާ ބޮޑުކަންނެލި މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
އެކަމާ ދެކޮޅަށް އަޑުއުފުލުމުން ފުލުހުން ވަނީ މައުރޫފް އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. މައުރޫފްގެ އިތުރުން އެހެން ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ދޯނިތަކަށް އަރައި، ބައެއް ދޯނިތައް ގެންދިޔުމުގެ ސަބަބުން އިހުތިޖާޖު މިހާރު ވަނީ ހުއްޓިފަ އެވެ. މި އިހުތިޖާޖުގައި 49 ދޯންޏަކުން ބައިވެރިވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުމަށް ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރި އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަތެވެ. އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ފަހަރު ވަަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވައި، ކަންބޮޑުވުންތައް އަޑު އެއްސެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
11 December 2025
ކޮންގާނޫނެއްގާތޯ އޮތީ ބިދޭސީންނަށް ހަޅުތާލު ނުކުރެވޭނެޔޭ. ބިދޭސީން މަސްދޯނިފަހަރު ނުވަތަ ކަންނެލި ދޯނީގައި އުޅޭ ގޮތަށް ކޮން ގާނޫނެއްގައިތޯ އޮތީ؟
ޖަގޭ
11 December 2025
ޢަމިއްލަ ކުންފުންޏެއްވިޔަސް އަދި ސަރުކާރެއްވިޔަސް އެތަނެއްގެ މުވައްޒަފުން ނުވަތަ ރަށްޔިތުން އެދޭހާގޮތަކަށް ކަންކުރަންވެއްޖެ ނަމަ އެތަނެއްވާނީ ހަލާކު ގައުމަށް ހެޔޮއެދޭނަމަ ސަރުކާރުން ޖެހޭނީ ގައުމާއި ރަށްޔިތުންނަށް ފައިދާވާނެހެން ދުރު ރާސްތާގެ ގަވާއިދުތަކާއި ޕުލޭންހަދައި ތަންފީޒުކުރަން އެނޫން ގޮތަކައް މިގައުމު ހަމަޔަކަށް އެޅޭ ތަނެއްނުފެނޭ
ޑޮކްޓާރ. ބަނާނާ
11 December 2025
2008 އިން ފެށިގެން ތިޔަ މުޒާހިރާ އާއި ޑިމޮކުރަސީ އިން މިއުޅޭނީ ސަލާމަތް ނުވެގެން.. ތިޔާ ކަމުގައި އިސްކޮށް އުޅުނު ބޭޅުން މަހުޖަނުންނަށް ވީއިރު މިއަދު ގައުމު ބަނގުރޫޓްވެ ނިކަމެތި މީހާ ޖީބުގައި ފައިސާ ފޮއްޗެއްނެތް! ޑޮލަރެއް 20 ، 22ރުފިޔާ އަށް ޖެހިއްޖެ! ސޭބެއް އޯރަންޗެއް އެލިބެނީ 7 ނޫނީ 8 ރުފިޔާ އަށް! ތިޔަ ޗަރުކޭސް ގައި އިސްކޮށް އުޅުއްވި ބޭފުޅުން ވެސް މިހާރު ވިދާޅު ވަނީ ރޫޅާލަށޭ! އަވަހަށް ރޫޅާލާ1 ވ ސަލާމް
ހާސަރު
11 December 2025
ހައްގުހޯދަން އަދި ރައީސް ކެމްޕެއިންގައިވީ ވައުދު ފުއްދަން އެދި މުޒާހިރާ ކުރީމަ އެމީހުން ހައްޔަރު ކުރީ މުޅިގައުމުގައި އެކިފާޑުގެ ކުށްވެރިން! އެމީހުން މިނިވަން ކަމާއެކު ހަމަ އުޅެންވީ!؟ މިއޮތީ ވާގައުމެއް!
ދެރަސޮރު
11 December 2025
ދެން ކިރަންވީކަމަކީ, ޓެކްސީ ޑްރައިވަރުންނަށް ހެދިގޮތަށް ސަރުކާރުން އަވަހަށް ކަންނެލި ދޯނި ފަހަރު ބަނދެ މާކެޓަށް ނެރެންވީ
ކަތްދައްތަ
11 December 2025
އަގަޔަށްވުރެ ދޫ ދިގުވީމާ ވާގޮތް. ހޮޅި ވާހަކަތައް ދައްކައި ގިރިޓީކޮށްދިނީ މިދުވަސް އަންނާނެ ކަމަކަށް ނޫންވިއްޔަ. މަހުގެ އަގު ޑިމާންޑާ އެއްގޮތަށް އަރާތިރިވާ ގޮތަށް ބޭއްވުމުގެ ބަދަލުގައި މާލިއްޔަތަށް ނުކަތާ ވަރުގެ އަގެއް ހަރު ކުރީމާ ކިތަންމެ ގިނައިން ބެޔަސް އެހަރުކުރި އަގު ދޭން މަޖުބޫރުވޭ. އެކަމު އިގުތިސޯދީ މާހިރުން ބުނަނީ ސަޕްލައި އިތުރުވީމާ ޑިމާންޑް ދައްވާނޭ. ޑިމާންޑް ދައްވީމާ އަގު ވެެއްޓޭނޭ. މިތާވެރިކަން މިނަގަނީ އިގުތިސޯދީ ކޮހުންތާ؟
ގަންނަންޖެހެންޏާ ގަންނަންވާނެ ހުރިހާ ސިނާއަތެއްގެ އުފެއްދުންވެސް
11 December 2025
މަަސްވެެރިކަމުގައި އުޅުނު އެންޒީފަދަ ޕްރައިވެޓް ކުންފުނިތައް ބަނގުރޫޓްވެ ހުއްޓާލަން ޖެހުނީ އެމްޑީޕީ އިން ވެރިކަން ކަށަވަރުކުރަން ނުހަމަ ބޮޑުއަގުގައި މަސްގަންނަން ވައުުދުވީމަ. އެ ގެއްލުނީ ކަންނެލި ގަންނާނެ ބައެއް. މީ ތިޔަ ޒާކިރުގެ އެމްޑީޕީން މަސްވެރިންނަށް ދިން ލޮޓި. މިއަދު ދެން މިފަދަ ކަންކަން ފޮރުވަން މަސްވެރިންގެ ބޮލަށް އެރިގެން ސްޓަންޓްޖައްސަން އުޅޭނެކަމެއް ނެތް. އެހެން ނޫނަސް ވަކި ސިނާއަތެއްގެ އުފެއްދުން ގަންނަން ސަރުކާރަކަށް ނުޖެހޭނެ
ބުނެބަލަ
11 December 2025
އެމްޑީ މަޖިލިސް މެންބަރުން ބޮޑުކަންނެއްޔަށް ދާންފެށީ ކޮންއިރަކު
ތަކުރު
11 December 2025
ކަލޭ މީގެ ކުރިން ހުރިހާ ކަމެއް ބެލީ ތިއުސޫލުންތޯ, 10 މީހުން އެއްކޮށްގެން ޖަހާ ސަކަރަތް ނުފެންނަނީ ދެލޯ އަނދިރިވީމަތާ?
ވޯލް
11 December 2025
ކޯޓު އަމުރެއް ނެތި، މީހުންގެ މުދާ ނެގުމަކީ ޤައުރު ޤަނޫނީ އަމަލެއް ބޮޑު ކުށެއް. އަދި އެފަދަ އަމުރެއް ކުރާ މީހާއާ އެ އަމުރު ތަންފީޒު ކުރާ މިހުންގެ މައްޗަށް ދައުވާ ކުރެވެންވާނެ. އަދި ޤާނޫނު އަސާސީގެ ދަށުން ލިބިފަިއވާ މުޒާހަރާކުރުމުގެ ހައްޤު ބޭނުން ކުރަމުން ދަނިކޮށް އެކަން ހުއްޓުވުމަކީވެސް ކުރެވޭނެ ކަަމެއް ނޫން. މިފަދަ ކަންކަން ސަރުކަރު ބަދލަުވީމަ ބަލާ ފިޔަވަޅު އަޅާނަމަ ފުލުހުން މިފަދަ ކަންކަން ނުކުރާނެ.