16 ޑިސެމްބަރ 2025 - 09:27
ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހޭލުންތެރި ކުރަން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ އާންމުންގެ އެހީތެރިކަމަށް "އެހީ" ޖަމިއްޔާ އިން އެދުނުތާ 24 ގަޑިއިރު ނުވަނީސް އެ ކަމަށް ފުރަތަމަ ބޭނުންވާ ފައިސާގެ އަދަދު ހަމަކޮށްފި އެވެ.
އެހީ ޖަމިއްޔާ އިން ރޭ ބުނީ، ޅ. ނައިފަރަށް އުފަން ޝައިހު މުހައްމަދު އިބްރާހިމްގެ ސިއްހީ ފަރުވާ އަށް މިވަގުތަށް ބޭނުންވާ ފައިސާ 24 ގަޑިއިރު ނުވަނީސް ހަމަވެފައިވާ ކަމަށާއި ދަތުރަށް ތައްޔާރު ކަމަށެވެ.
ޝައިހު މުހައްމަދު އިބްރާހިމާ ބައްދަލުކޮށް، ހޯދި މައުލޫމާތުތަކުގެ އަލީގައި އެހީ ޖަމިއްޔާ އިން އިއްޔެ ބުނީ، ޝައިހުގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓު ހެދުމަށް ފުރަތަމަ ދަތުރުގައި އެކަނި ވެސް 20،000 ޑޮލަރު (308،400 ރުފިޔާ) ބޭނުންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ، އެހީތެރިންނާއި ކެއުމާއި ހުރުމުގެ ހަރަދާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ޝައިހު މުހައްމަދު އިބްރާހިމަށް އެހީތެރިވާން ބޭނުންވާ މީހުންނަށް އިއްޔެ މެންދުރެއްހާއިރު ޕޯޓަލެއް ހުޅުވުމާ އެކު، މިއަދުގެ ހެނދުނާ ހަމައަަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ޕޯޓަލް އިން ދައްކަ އެވެ. އެއީ 1،300 އަށް ވުރެ ގިނަ މީހުންގެ ފައިސާގެ އެހީ އެވެ.
ޝައިހް މުހައްމަދު އިބްރާހިމް އާލާސްކަންފުޅާ އުޅުއްވާތާ ދެތިން އަހަރު ވެފައިވާއިރު، ދެ ލޮލުގެ ފެނުން ގެއްލި އެހެނިހެން ސިއްހީ މައްސަލަތަކާ ހެދި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. ޑޮކްޓަރުންގެ ލަފަޔާ އެކު ޝައިހް ވަނީ 2019 ގައި އަދި 2023 ގައި ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، އެއްވެސް ކުރިއެރުމެއް ނުލިބި ދެ ލޮލުގެ ފެނުން އެއްކޮށް ގެއްލުނީ އެވެ.
ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ވެސް ބައެއް އެހެން ސިއްހީ މައްސަލަތައް ޝައިހަށް ވަނީ ކުރިމަތި ވެފަ އެވެ. އޭގެ ތެރޭގައި ހަށިގަނޑުގައި ޓިއުމަރެއް އުފެދުމާއި ހިތުގެ މައްސަލަ ހިމެނެ އެވެ.
ޝައިހް މުހައްމަދު އިބްރާހިމްގެ ހާލު ބެލުމަށް އެހީ ޖަމިއްޔާ އިން މިދިޔަ ހަފުތާ ބަންދުގައި ނައިފަރަށް ކުރި ދަތުރަށް ފަހު، އެ ޖަމިއްޔާ އިން ވާހަކަ ދެއްކެވި އަހުމަދު އިގްބާލް ވިދާޅުވީ ޖަމިއްޔާ އިން ވެސް ބޭނުންވަނީ ރަނގަޅަށް ފަރުވާ ކުރެވޭނެ ތަނަކަށް ގޮސް ފަރުވާ ޝައިހަށް ފަރުވާ ހޯދަން ކަމަށެވެ. އެހެންވެ އެ ޖަމިއްޔާ އިން "އެދިހަ" ނަމުގައި ޝައިހަށް އެހީވުމަށް ޕޯޓަލެއް އިއްޔެ ހެދީ އެވެ.
ޝައިހް މުހައްމަދު އިބްރާހިމް ވަނީ ނައިފަރުގެ މަދްރަސަތުލް އިފްތިތާހުގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު، ގިނަ އަދަދެއްގެ ދީނީ ފޮތްތަކެއް ވެސް ލިޔުއްވި ޝައިހުގެ ދެ ލޮލުގެ ފެނުން ގެއްލުމުން އެ ހުރިހާ ކަމެއް ހުއްޓި އާމްދަނީ ލިބޭނެ ގޮތެއް ވެސް ނެތް ކަަމަށް އެހީ ޖަމިއްޔާ އިން ބުންޏެވެ.
އެހީ ޖަމިއްޔާ އިން ބުނި ގޮތުގައި، ޝައިހް ހަރަދު ކުރައްވަން ޖެހޭ ދަރިފުޅަކު ހުރިއިރު، ޝައިހަށް ލިބިވަޑައިގަންނަވަނީ ހަމައެކަނި ސަރުކާރުން ދޭ ނުކުޅެދޭ މީހުންގެ އެލަވަންސެވެ. ދެން އެހީތެރިވަނީ އާއިލާ އާއި ހެޔޮއެދޭ މީހުންނެވެ.
މަދީނާ އިން ކިޔަވައި ވިދާޅުވެފައިވާ ޝައިހް މުހައްމަދު އިބްރާހިމް ވަނީ އެކި ދާއިރާތަކުން ފޮތްތައް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އޭނާގެ ބައެއް ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއްސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލަސާ، ކިތާބުއް ސަލާތު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަޖަމް
16 December 2025
މީގެ ދެދުވަސް ކުރިން ކޮންމެސް ޝޭހަކު ހިއްސާކުރި ވަރަށް މޮޅު ދުއާއެއް ބަލިމަޑު ކަމާ އަތްމަތި ދަތިވުމުންކުރާ ވަރަށް މުޖައްރިބު ދުއާއެއްކަމަށް އެ ސޭހު ބުނީ ލިންކް ލިބުނީމާ ޝެއާ ކޮއްލާނަން
ދެރަ
16 December 2025
އަލްހަމްދު ލިއްލާހި. ސިޔާސީ މީހަކު ނޫން ނަމަ ޖެހެނީ ބޭސްސިޓީ ހިފައިގެން ސަލާމް ޖަހަން ނިކުންނަންތޯ. މެޑިކަލް އިންޝުއަރެންސަކުން ބޭސްސިޓިއަށް ސަލާމް ޖެހުން ނުހުއްޓުނު. ޖަހާގޮތް ބަދަލު ކުރަން ޖެހުނީ. ވަރަށްދެރަ
ޢަލީ ކުރުސީ
16 December 2025
ދިވެހި ސަރުކާރާއި އިސްލާމިކް މިނިސްޓަރ ލަދުގަންނަން ޖެހޭނެ! ޤައުމަށާއި އިސްލާމް ދީނަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޝެއިޚް އެހީއަށް އެދި ސަލާންޖަހާ ހިސާބަށްދިޔައީމަ! ޤައުމަށް މިފަދަ އަގުހުރި ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކާއިމެދު ކަންތައް ކުރަންޖެހޭގޮތަކީ މިއީއެއް ނޫން! މާތްﷲ ޝެއިޚްއަށް އަވަސް ޝިފާއެއް އިރާދަ ކުރައްވާށި.. ޢާމީން!
ިަކަދީޖާ
16 December 2025
އަސްލުވެސް 100 ގެ ވާހަކަ އެއް ލަދުގަންނަން ޖެހޭނެ ސަރުކާރުން މިހާރުވެސް ޕާޓީ މީހަކު ސިޔާސީ މީހަކު ބަލިވެއްޖެ ނަމަ ، މިލިއަނުން ދޭނެ
އެެގގއެގއގ
16 December 2025
ހެހެ ކަލެޔަކަށް ނޭގޭނެ އެންމެ ދަރުހެއްވެސް އަޑުއަހާލިން ތަ ، ޝެއީހް ގެ ހާލަތު ދައްކަން އެންމެންނަށްވެސް އިގޭ
ރަމްޒޫ
16 December 2025
ٱلْـحَـمْـدُ للهِ، ޝައިހު އިބްރާހިމަށް އަވަސް ޝިފާ އަކަށް އެދެން
އައްމަޑޭ.
16 December 2025
ޝެއިޚަށް އެހީތެރިވެވުނީމަ ވަރަށް އުފާވި. އަވަސް ޝިފާއަކަށް އެދެން
ރަދީފްއޮފިޝަލް /
16 December 2025
އަލްހަމްދު ލިއްލާހި.އަވަސް ޝިފާއަކަށް އެދެން.
ރޯނު
16 December 2025
ٱلْـحَـمْـدُ للهِ، ޝައިހު އިބްރާހިމަށް އަވަސް ޝިފާ އަކަށް އެދެން.