ކުޑަކުދިން ކުޅެން ގެންގުޅޭ ބެއާއެއްގެ ތެރޭގައި ފޮރުވައިގެން ތ. ވަންދުއަށް ޑްރަގު އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މުހައްމަދު ނަވާޒު 25، ކަމަށެވެ. ތ. ހިރިލަންދުއަށް ނިސްބަތްވާ، އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަންދޫ ބަނދަރު މަތިން ކަމަށް ފުލުހުން ބުންޏެވެެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ނަވާޒު ބަލައި ފާސްކޮށްފައިވެ އެވެ. އަދި އޭނާގެ އަތުގައި އޮތް ބެއާއެއް ބެލިއިރު، އެ ފަހާފައި ހުރި ކަމަށް ބެލެވިގެން އިތުރަށް ބަލާފައިވާ ކަމަށާއި އޭގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި ނަވާޒަކީ ފުލުހެއް ކަމަށް ވާތީ އޭނާ ހައްޔަރުކުރުމާ އެކު ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.