މާލެ އާއި ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރޭސިންއަކީ ވެސް ވަރަށް ގިނަ ޒުވާނުން ބައިވެރިވާ ކުރިއަރާފައިވާ ކުޅިވަރަކަށް ވާތީ އިންޓަނޭޝަނަލް ފެންވަރުގެ ރޭސިން ޓްރެކެއް މާލޭ އާއި އައްޑޫ އަދި ރާއްޖޭގެ އުތުރުގައި ގާއިމް ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގެ ނަމުގައި މިރޭ ކުރިއަށް ގެންދިޔަ އިވެންޓްގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލެ އަދި އައްޑޫގައި ރޭސިން ޓްރެކް އަޅާނެ ކަމަށެވެ.
އެގޮތުން، މާލެ ސަރަހައްދުގައި ޓްރެކް އަޅާނެ ތަން ކަނޑައަޅައި، އެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރޭސިން ޓްރެކެއް މީހުން ދިރިއުޅޭ ސަރަހައްދެއް ގާއިމްކޮށްފިނަމަ އުނދަގޫތަކާ ކުރިމަތިވާނެތީ، އެކަމަށް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހައިވޭއާ ޖެހިގެން ބޭރަށް އެ ޓްރެކް ގާއިމްކުރުން ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެ ތަނުގައި ރޭސިން ޓްރެކް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ތިލަފުށީގައި ރޭސިން ޓްރެކް ގާއިމްކުރަން ނިންމައި، އޭރު ޔޫތު މިނިސްޓްރީއަށް ބިމެއް ވެސް ދިނެވެ. ނަމަވެސް، އެކަން މިހާރު ވަނީ ހުއްޓިފަ އެވެ.
މީގެކުރިން ހުޅުމާލޭގައި ރޭސިންއަށް ހުއްދަ ދީފައި އޮއްވާ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށްފަހު، އެ ހުއްދަ ވަނީ ބާތިލްކޮށްފަ އެވެ.