ރާއްޖޭގެ ޓޫރިޒަމްގެ މި އަހަރުގެ ޕީކް ސީޒަން ފަށާފައިވާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރައިވެޓް ޖެޓް މޫވްމަންޓް 200 އަށް އަރައި، އެ އެ އެއާޕޯޓަށް ޖެއްސި ޖެޓުގެ އަދަދު 800 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް މާފަރު އެއާޕޯޓުން މިއަދު ބުނެފި އެވެ.
މާފަރު އެއާޕޯޓު ބޭނުން ކުރަން ފެށީއްސުރެ، ކޮންމެ އަހަރެއްގެ ޕީކް ސީޒަނާ ދިމާކޮށް އެ އެއާޕޯޓަށް ގިނަ އަދަދެއްގެ ޖެޓު ޖައްސަ އެވެ. މާފަރު އެއާޕޯޓުގެ މަތިންދާބޯޓުތަކުގެ ޕާކިން އޭރިއާ މި އަހަރު ދެގުނަ އަށް ބޮޑު ކުރުމުން، އެ ތަނަށް ޖައްސާ ޖެޓުތައް އެހެން އަހަރުތަކަށް ވުރެ ވެސް ވަނީ އިތުރުވެފަ އެވެ.
އެ އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ ވިދާޅުވީ، މި މަހުގެ 20 އިން ފެށިގެން ޖެޓުތައް ޖައްސަމުން އަންނަ އިރު މިވަގުތު ވެސް 15 ވަނަރަކަށް ޖެޓް ޕާކުކޮށްފައި އެބައޮތް ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހާއި ހޯމަ ހިސާބުގައި މާފަރު އެއާޕޯޓަށް ޖައްސާ ޖެޓުތަކުގެ އަދަދު 25 އަށް ވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ މަހުގެ 10 އަކާ ހަމައަށް ގިނަ އަދަދެއްގެ ޖެޓްތައް އަންނާނެ ކަމަށް ބެލެވޭ،" މުމްތާޒް ވިދާޅުވި އެވެ.
މާފަރު އެއާޕޯޓު އޮންނަނީ ހައި އެންޑް ގިނަ ރިސޯޓުތަކެއް އޮންނަ ސަރަހައްދެއްގަ އެވެ. އޭގެ ތެރޭގައި ވެލާ އާއި ސޮނޭވާ ޖާނީގެ ރަންދެލި ރިސޯޓު ހިމެނެ އެވެ.
މާފަރު އެއާޕޯޓުގެ ޕާކިން އޭރިއާ ބޮޑުކުރުމުން، ރ. އަތޮޅާއި ބ. އަތޮޅުގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ޖެޓުތަކުގައި އަންނަ މަހުޖަނުން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަދަލުގައި މާފަރު އެއާޕޯޓަށް ޖައްސަމުން އަންނަ ކަމަށް މުމްތާޒް ވިދާޅުވި އެވެ.
މިދިޔަ އަހަރު މާފަރު އެއާޕޯޓަށް ޖެއްސީ 579 ޕްރައިވެޓް ޖެޓެވެ. އަދި މި އަހަރު އެ އަދަދު އިތުރުވަނީ އޭޕްރަންގެ ޖާގަ ބޮޑުކޮށް، ޖެޓުތަކަށް ޕާކު ކުރެވޭނެ ޖާގަ އިތުރު ކުރުމުން ކަަމށް މުމްތާޒް ވިދާޅުވި އެވެ.
އޮކްޓޫބަރު މަހުން ފެށިގެން އޭޕްރީލްއާ ހަމައަށް އެ އެއާޕޯޓަށް ގިނަ އަދަދެއްގެ ޖެޓު ޖައްސަ އެވެ.
ފެސްޓީވް އަދި އާ އަހަރާ ދިމާކޮށް ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ މަހުޖަނުން އިތުރުވާއިރު، ގިނަ އަދަދެއްގެ ޖެޓުތައް ކޮންމެ އަހަރު ވެސް ރާއްޖެ އާދެ އެވެ. މިވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ގިނަ އަދަދެއްގެ ޖެޓުތައް ވަނީ ޕާކުކޮށްފަ އެވެ. ނަމަވެސް ކުރިއާ ބަލާއިރު މި ފަހަރު އެ އަދަދު އަދި މަދުކަމަށް ވެ އެވެ.
މާފަރު އެއާޕޯޓު ހުޅުވީ 2019 ވަނަ އަހަރު އެވެ. އެ އެއާޕޯޓު ހުޅުވި ފަހުން އެކި މަރުހަލާތަކުގެ މަތިން، އެއާޕޯޓު ބޮޑުކޮށްފައިވެ އެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ހިންގަނީ ސަރުކާރުގެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.