ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް، އެ މީހާ މޫދަށް އެއްލާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ފުލުހުން މިއަދު ބުނި ގޮތުގައި، ބ. ހިތާދޫ، އަންދަލީބުގޭ، އަހުމަދު ޝަރީފް، 50 އާއި ލ. އިސްދޫ، ބްލޫކިޔާގެ، އަހުމަދު ހާތިމް، 49، އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ގިނަ ބައެއްގެ އަތްދަށުވެ، އަމިއްލަ ދިފާއުގައި މާބޮޑު ކަމެއް ނުކޮށް ހުރި މީހާ ބިންމައްޗަށް ވައްޓާލައިގެން ބައެއް މީހުން ތެޅި އެވެ. ސޭފްޓީ ބޫޓަކަށް އަރައިގެން ހުރި މީހަކު، ވައްކަންކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ އަތަށް އަރައި ފިއްތާލާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.

ހުސްގަޔާ ހުރި އެ ދިވެހި މީހާ މޫދަށް ވައްޓާލަން ގެންދިޔައީ ވީޑިއޯ އިން ފެންނަ ގޮތުގައި ބިންމަތީގައި ދަމައިފަ އެވެ.

އެ މައްސަލާގައި އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ވަނީ ވައްކަން ކުރިކަމަށް ތުހުމަތު ކުރުވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމު ނުކުރުމަށް އެދޭ ކަމަށެވެ.

އެޗްއާރުސީއެމުން ބުނި ގޮތުގައި ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމަށް ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ.

އެ ބަޔާނުގައިވަނީ އަމިއްލަ އަށް އިންސާފު ގާއިމް ކުރުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ގާނޫނު ބާރު ކެނޑި އަދި ބަދަލު ހިފުމުގެ ސަގާފަތެއް އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.