ރާއްޖޭގެ ދެކުނުގެ ރަށްރަށަށް މިއަދު ވިއްސާރަ ކުރިޔަސް، އެހެން ހިސާބުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ ދެކުނަށް މޫސުން ގޯސް ކަމަށެވެ. ދެކުނުގެ ރަށްރަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ ހިސާބުގެ ރަށްރަށަށް މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ދެކުނަށް، އެއީ އައްޑޫ، ހުވަދޫ، ފުއްވައްމުލަކަށް މިއަދު ވެސް ހަމަ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ތ. އަތޮޅުން ފެށިގެން އައްޑު އަށް މިވަގުތު ވެސް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.
އޮފިޝަލް ވިދާޅުވީ މެދުރާއްޖެތެރޭގެ ރަށްރަށަށް މިއަދު ކެރީގެ އަސަރު ކުރި ނަމަވެސް، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ ރަށްރަށަށް އުތުރަށް މޫސުން ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި ރާއްޖެއަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ހުކުރުގެ ފަހުން،" އޭނާ ވިދާޅުވި އެވެ.
މީލާދީ އާ އަހަރު ފުރުން މިރޭ ފާހަގަކުރާއިރު، މިރޭ ދަންވަރު މާލެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް ލަފައެއް ނުކުރެވެ އެވެ. ނަމަވެސް، އުޑުމަތި ބަނަވާނެ ކަމަށް މޫސުމީ ލަފާކުރުންތަކުން ދައްކަ އެވެ.
އުތުރަށް ކަނޑު މަޑުވި ނަމަވެސް، މެދުރާއްޖެތެރެ އާއި ދެކުނު ހިސާބުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
މި މަހު 17 ގައި ރާއްޖެއަށް ވަނީ އިރުވައި މޫސުން ފެށިފަ އެވެ. މިއީ، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ އަވަހަށް އިރުވައި މޫސުން ފެށުނު އަހަރެވެ.