ޑްރެޖަރު ގެންގޮސް ހއ. ދިއްދޫގެ ބިން ހިއްކަން މާދަމާ ފަށަން އެމްއޭސީއެލުން ތައްޔާރުވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ ދިއްދޫގެ ހުޅަނގު ފަރާތު ފަޅު ހިއްކުމަށް ޑްރެޖަރު އިއްޔެ އެ ރަށުގައި ބަނދަރުކޮށްފައިވާ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ އެ ރަށުގައި އެެއާޕޯޓު ހެދުމަށާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށަނީ މާދަމާ ކަމަށެވެ.
އެ މަސައްކަތް ފެށުމުގެ ގޮތުން މާދަމާ ހަވީރު 4:00 ގައި ދިއްދޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ދިއްދޫގެ ބިން ހިއްކަން ހަވާލުކޮށްފައިވާ ސަރުކާރުގެ ކުންފުނި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.
ދިއްދޫން 103 ހެކްޓަރުގެ ބިން ހިއްކަން ގެންދިޔައީ ސަރުކާރުން ހިއްކާ ތަންތަނުގެ މަސައްކަތް އަވަސް ކުރުމަށް އެމްއޭސީއެލް މެދުވެރިކޮށް ގަތް ތިންވަނަ ޑްރެޖަރެވެ. ލީވް އެރިކްސަން ކިޔާ އެ ޑްރެޖަރަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރެވެ. އަދި އެއީ އެއް ފަހަރާ 46،000 ކިއުބިކް މީޓަރުގެ ވެލި ޕަމްޕު ކުރެވޭ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.
މިދިޔަ އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ތިންވަނަ ޑްރެޖަރުން އެންމެ ފުރަތަމަ ހިއްކާނީ ދިއްދޫ އެވެ. އެ މަސައްކަތް ދެތިން ހަފުތާގެ ތެރޭގައި ނިންމުމަށް ފަހު، ދެން ގެންދާނީ ށ. އަތޮޅުގެ ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އެމްއޭސީއެލް އިން ބޮޑު ދެ ޑްރެޖަރު ގެނެސް، ހުޅުމާލެ ތިނަކާއި ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.