މާލެ އާއި ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކެއް އަޅަން ދެ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ހިއްކަން އެމްއެސީއެލުން ތައްޔާރުވެއްޖެ އެވެ.
މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ އެ ސަރަހައްދު ހިއްކުމަށް ބޭނުންވާ ސާމާނު ގެންގޮސް މޯބައިލައިޒް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ވަރަށް އަވަހަށް އެ ސަރަހައްދު ހިއްކަން ފަށާނެ ކަމަށާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރުގެ ސަރަހައްދެއް ހިއްކަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސައްކަތް ނިމޭނެ އިރެއް ޝަރީފު ވިދާޅެއް ނުވެ އެވެ.
ސިނަމާލެ ބްރިޖާ ގުޅިގެން އޮންނަ މާލެ-ހުޅުމާލެ ހައިވޭއަކީ ހަތަރު ކިލޯމީޓަރުގެ ދިގު ހަލިމަގެކެވެ.
ރޭސިން ޓްރެކް އަޅަން ހިއްކަނީ ހުޅުލެ ކޮޅުން ސިނަމާލެ ބްރިޖާ ގުޅޭ ހިސާބުން ފެށިން އުތުރަށް ދެ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
ރޭސިން ޓްރެކް އަޅަން އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރަނީ އެމްއޭސީއެލްގެ ބިން ހިއްކާ ސަބްސިޑަރީ ކުންފުނިންނެވެ. އެ މަސައްކަތަށް ބޭނުންވާ އެސްކަވޭޓަރާއި ލޮރީތައް އެ ސަރަހައްދަށް މިހާރު ހުރީ ގެންގޮސްފަ އެވެ.
ހައިވޭއާ ޖެހިގެން ރޭސިން ޓްރެކެއް ހަދަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގެ ނަމުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ބައްދަލުވުމުގަ އެވެ.
އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ރައީސް މުއިއްޒު ޒުވާނުންނާ އެކު ބޭއްވި "އެސްޕްރެސޯ ވިތު ރައީސް" ބައްދަލުވުމުގައި ވިދާޅުވީ ރޭސިން ޓްރެކް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ހައިވޭގެ ބޭރުގައި ރޭސިން ޓްރެކް ހަދަން ނިންމީ މީހުން ދިރިއުޅޭ ސަރަހައްދުގައި އެފަދަ ކަންކަން ކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ނުވާތީ އެވެ. އަދި ރޭސިން ޓްރެކެއް އެޅުމަށް އެކަށީގެންވާ ދިގުމިނެއް ވެސް ލިބެނީ އެ ސަރަހައްދުން ކަމަށް ވާތީ އެވެ.
ރޭސިން ޓްރެކްގެ އިތުރުން މާލެ ރާޅުގަނޑު ސަރަހައްދުގައި ސާފިން ސްޓޭޑިއަމެއް ހަދަން ވެސް ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ.
ޒުވާނުންނަށް ބޭނުންވާ އާކޭޑް ގޭމް ސެންޓަރާއި ބޯލިން އެރީނާ ހެދުމަށް ސްޕޯޓްސް މިނިސްޓްރީއާ ބިން ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.