ސިނަމާލެ ބްރިޖުގައި ރެނދެއްލައިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯގައި ފެންނަނީ ރެނދެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ފޮޓޯގައި ފެންނަ ރޮނގަކީ ބްރިޖުގެ އެކްސްޕެންޝަން ޖޮއިންޓަކުން ފެން ފޭބުމުން ކުރެހިފައިވާ ރޮނގެއް ކަމަށެވެ. މިއި ބްރިޖް މައްޗަށް އެޅޭ ފެން ފައިބާ ގޮތަށް އިންނަ ޖޮއިންޓެކެވެ.
"ރެނދެއް ލައިފައި އިން ކަމަށް ބުނެގެން މީގެ ދެ ދުވަސްކުރިން މިނިސްޓްރީގެ އިންސްޕެކްޝަން ޓީމެއް ގޮސް މި ތަން ވާނީ ބަލައިފައި. އެއީ ފެން ފައިބައިގެން ކުރެހިފައި އިން ރޮނގެއް. މިހާރު ހުންނާނީ ސާފު ވެސް ކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.
ރެނދު ލާފައިވާ ކަމަށް ބުނާ ތަނުގެ ފޮޓޯ މިއަދު ނެގި އިރު ވެސް އެ ރޮނގެއް ނުފެނެ އެވެ.
ސޯޝަލް މީޑިއާގައި މި ފޮޓޯ ދައުރުކޮށް، ވަރަށް ގިނަ މީހުން ދަނީ އެހާ އަވަހަށް ބްރިޖުގައި ރެނދުލީ ކަމަށް ބުނެ އެ މަސައްކަތަށް ފާޑުކިޔަމުންނެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ. މި ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ.
ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހެދި ބްރިޖުގެ މެއިންޓަނަންސް މަސައްކަތް އަދިވެސް ކުރަނީ އެ ކުންފުނިންނެވެ.