އީރާނުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި ހިމާޔަތް ކުރަންވީ އެ ގައުމުގެ ސަރުކާރު ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އީރާންގެ އިގްތިސޯދީ ހާލަތު ގޯސްވެފައި ވާތީ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު، އެކަން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ގެންދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެކަމަށް އިޝާރަތް ކުރައްވައި، ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުގެ ރައްޔިތުން ނުކުމެ ތިބީ އެތައް ޒަމާނެއްވީ ހިފެހެއްޓުންތަކުން ސަލާމަތްވެ، ދިރިއުޅުމުގެ އަގު އިންތިހާއަށް ގޮސްފައިވާތީ އެކަމުން މިންޖުވާން ކަމަށެވެ.
އީރާނުގެ ރައްޔިތުންނަކީ މުސްލިމުން ކަމަށް ވާއިރު، މުސްލިމުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއިން ތިބެން ޖެހޭނީ އެ ރައްޔިތުންނާ އެކު ކަމަށާއި އޭގެ ބަދަލުގައި އީރާނުގެ ސަރުކާރު ހިމާޔަތް ކުރުމުގައި ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އީރާންގެ ވިޔަފާރިވެރިން މުޒާހަރާ ފެށީ އާދީއްތަ ދުވަހު އެވެ. އޭގެ ފަހުން އެކި ސިޓީތަކަށް މި މުޒާހަރާ ފުޅާވެ އާންމުން ވެސް ވަނީ މުޒާހަރާއާ ގުޅިފަ އެވެ. އީރާންގެ އެކި ސިޓީތަކުގައި މުޒާހަރާކުރާ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ހިނގައި މީހުން މަރުވެފައި ވެެސް ވެ އެވެ.
ގާނޫނާ ހިލާފަށް އެއްވެ އުޅުމާއި އަމަންއަމާންކަން ގެއްލުވާލުމާއ މުދަލަށް ގެއްލުން ދިނުމާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކިޔަމަންތެރިވެ، ގާނޫނާ ހިލާފު އެއްވުންތަކަށް ހިތްވަރު ދިނުން ފަދަ އަމަލެއް ހިންގައިފިނަމަ ހަރުކަށި އަދަބު ދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
މުޒާހަރާކުރާ މީހުންނަށް ހަމަލާދޭ ނަމަ، އީރާނަށް ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފަ އެވެ.