އީރާނުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި ހިމާޔަތް ކުރަންވީ އެ ގައުމުގެ ސަރުކާރު ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޕޯސްޓަށް އެ ގައުމުގެ އެމްބަސީން ރައްދު ދީފި އެވެ. 

ނަޝީދު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ރައްޔިތުން ނުކުމެ ތިބީ އެތައް ޒަމާނެއްވީ ހިފެހެއްޓުންތަކުން ސަލާމަތްވެ، ދިރިއުޅުމުގެ އަގު އިންތިހާ އަށް ގޮސްފައިވާތީ އެކަމުން މިންޖުވާން ކަމަށެވެ. 

އީރާނުގެ ރައްޔިތުންނަކީ މުސްލިމުން ކަމަށް ވާއިރު، މުސްލިމުންނާއި ބައިނަލްއަގްވާމީ މުޖުތަމައު އިން ތިބެން ޖެހޭނީ އެ ރައްޔިތުންނާ އެކު ކަމަށާއި އޭގެ ބަދަލުގައި އީރާނުގެ ސަރުކާރު ހިމާޔަތް ކުރުމުގައި ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެ ޕޯސްޓަށް ރިޕްލައިކޮށް، ލަންކާގައި ހުންނަ އީރާނުގެ އެމްބަސީގެ ރަސްމީ އެކްސް އެކައުންޓުން ބުނީ، މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، ޒަޔަނިސްޓު އިސްތިއުމާރީ ބާރުތަކުން އީރާނުގެ ސިޓީތަކަށާއި އާންމު ރައްޔިތުންނަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިން ކަމަށެވެ.

މީގެ އިތުރުން އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށް ރޭވުންތެރިކަމާ އެކު، މީހުން މެރުމުގެ ލާއިންސާނީ އަމަލުތައް ވެސް ވަނީ ހިންގާފައިވާ ކަމަށް އެ ގައުމުން ނަޝީދަށް ދިން ރައްދުގައި ބުންޏެވެ.

އަދި މި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން، އެއްހާހަށް ވުރެ ގިނަ މީހުންނާއި ކުޑަކުދިން ޝަހިދު ވެފައިވާ ކަމަށް ވެސް އެމްބަސީން ފާހަގަކުރި އެވެ. 

ޒަޔަނިސްޓް ބާރުތަކުން ހިންގި އިންސާނިއްޔަތާ ހިލާފު އަދި އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ހަމަލާތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ސާބިތުކަން ދެއްކި ކަމަށް އީރާނުގެ އެމްބަސީން ބުންޏެވެ. އަދި އެމެރިކާ ސަރުކާރުން ހަމަލާތަކަށް ފޯރުކޮށްދިން ސީދާ އެހީތެރިކަމުގެ ސަބަބުން، މަސްލަހަތު އިތުރަށް ގޯސްވެގެން ދިޔަކަން ވެސް ފާހަގަކުރި އެވެ. 

"މީގެ ބޭނުމަކީ އީރާނުގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނަގައިލުން،" އެމްބަސީން ބުންޏެވެ. 

މި ފަހަރު އީރާނުގެ ކުޑަކުދިންނާއި އަންހެނުންނާއި ކުށެއް ނެތް އާންމު ރައްޔިތުން މޮސާޑާ ގުޅުން ހުރި ފަރާތްތަކުން ސިޓީތަކުގައި ހިންގި ޓެރަރިސްޓް އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށް އެމްބަސީން ބުންޏެވެ.

އީރާނުން ބުނި ގޮތުގައި، އެ ހަމަނުޖެހުންތަކުގައި މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތައް ސުންނާފަތިކޮށް، މަގުމަތީގަ އާއި މާރުކޭޓުތަކުގައި އުޅުނު އާންމު ރައްޔިތުންނަށް ވަނީ ހަމަލަދީފަ އެވެ. އަދި މެޓްރޯ ސްޓޭޝަންތަކަށާއި ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް ބުންޏެވެ. 

"މި ހާލަތުގައި، ތިޔަ ބޭފުޅާ [ނަޝީދު] ހުންނެވީ ކޮން ފަރާތެއްގައި ހެއްޔެވެ؟،" އެމްބަސީން ޕޯސްޓް ނިންމާލަމުން ނަޝީދާ ސުވާލުކުރި އެވެ. 

އީރާންގެ ވިޔަފާރިވެރިން މުޒާހަރާ ފެށީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އެވެ. އޭގެ ފަހުން އެކި ސިޓީތަކަށް މި މުޒާހަރާ ފުޅާވެ އާންމުން ވެސް ވަނީ މުޒާހަރާއާ ގުޅިފަ އެވެ. އީރާންގެ އެކި ސިޓީތަކުގައި މުޒާހަރާކުރާ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ހިނގައި މީހުން މަރުވެފައި ވެެސް ވެ އެވެ.

ގާނޫނާ ހިލާފަށް އެއްވެ އުޅުމާއި އަމަންއަމާންކަން ގެއްލުވާލުމާއި މުދަލަށް ގެއްލުން ދިނުމާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކިޔަމަންތެރިވެ، ގާނޫނާ ހިލާފު އެއްވުންތަކަށް ހިތްވަރު ދިނުން ފަދަ އަމަލެއް ހިންގައިފިނަމަ ހަރުކަށި އަދަބު ދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. 

މުޒާހަރާކުރާ މީހުންނަށް ހަމަލާދޭ ނަމަ، އީރާނަށް ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފަ އެވެ.