ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ނަމަވެސް، ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ކޯޓުން ބަންދުގެ މުއްދަތު ދިނީ ދެ މީހުންނަށް ކަމަށް ވާތީ، ފުލުހުން މިއަދު އާންމުކުރީ ބަންދުކުރި ދެ މީހުންގެ ވަނަވަރު އެކަންޏެވެ. އެ ދެމީހުންނަކީ؛

  1. މުހައްމަދު ނާއިޝް، 43، ގ. ހެޕީސައިޑް
  2. އިކްރާމް އަބްދުއްރަހްމާން، 31، ހަނދާން، ޅ. ހިންނަވަރު

އެ ދެމީހުން ތަހުގީގުގެ ބޭނުމަށް 10 ދުވަސް ވަންދެން ބަންދުކުރަން ކޯޓު އަމުރުކުރި އެވެ.

އެ މައްސަލާގައި ދެން ހައްޔަރުކުރި ދެ މީހުން ޝަރުތު ކުރުމަށް ފަހު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނި ގޮތުގައި، އެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގަ އެވެ. އެ އޮޕަރޭޝަންގައި މަސްވެރިންގެ ޕާކު ސަރަހައްދުން އެ ހަތަރު މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު، 23 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.